ގައިޑްލައިންތަކާ ޚިލާފުވި އިތުރު 50 ތަނެއް އެޗްޕީއޭ އިން ބަންދުކޮށްފި

މެއި 17، 2020: މާލޭގައި ހަލުވިކަމާއެކު ކޮވިޑް19 ފެތުރެމުންދާއިރު، ރޯދަމަސް ނިމިގެން މިދަނީ ލޮކްޑައުން ހާލަތުގައި: އާންމުކޮށް ރޯދަމަހު އެންމެ ހަލަބޮލި ރެސްޓޯރެންޓުތައް މިއަދު އޮތީ ފަޅަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގައިޑްލައިންތަކާ ޚިލާފަށް އަމަލުކުރި އިތުރު 50 ތަނެއް އިއްޔެ ބަންދުކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ކެފޭ، ޖިމް ފަދަ ތަންތަން އިންސްޕެކްޓު ކުރުމުގެ މަސައްކަތް އެޗްޕީއޭއިން އަންނަނީ ކުރަމުންނެވެ. އެ މަސައްކަތުގެ ދަށުން މިދިޔަ ބުދަ ދުވަހު ވެސް 27 ތަނެއް ވަނީ ބަންދުކޮށްފަ އެވެ.

މީގެ ކުރިން ހިންގި އިންސްޕެކްޝަނުގައި މާލޭގެ ފިހާރަ، ސެލޫން އަދި ކެފޭ ފަދަ ހުރިހާ ތަނަކަށް ގޮސް ކޮވިޑުގެ އުސޫލުތަކާ އެއްގޮތަށް ހުރި ތަންތަން ބަލައި، އުސޫލުތަކަށް ނުފެތޭ ކަންކަން ވަނީ ކިޔައިދީފަ އެވެ. މިހާރު ކުރިއަށްދާ ދެވަނަ އިންސްޕެކްޝަންގައި ބަލަނީ ކަންކަން ރަނގަޅުކޮށްފައިވޭތޯ އެވެ. ނުކުރާނަމަ ވަގުތުން ފިޔަވަޅު އަޅައެވެ.

އެގޮތުން އިއްޔެ 99 ތަނެއް އިންސްޕެކްޓުކޮށްފައިވާ ކަމަށާއި ގައިޑްލައިންތަކަށް ނުފެތޭ 50 ތަނެއް ވަގުތީ ގޮތުން ބަންދުކޮށްފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

އޭގެ ތެރޭގައި ހިމެނޭ ހަތަރު ސެލޫނާއި، 24 ފިހާރައަކާއި 22 ކެފޭ އަދި ރެސްޓޯރަންޓް ފަދަ ތަންތަނެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެފައި ވަނީ ކޮވިޑަކީ ނުރައްކާތެރި އަދި ފަރުވާއެއް ނެތް ބައްޔެއް ކަމަށާއި ކަނޑައެޅިފައިވާ އުސޫލުތަކަށް އަމަލުނުކުރާ ނަމަ މި ބަލިން ސަލާމަތްވާން އުނދަގޫވާނެ ކަމަށެވެ.

comment ކޮމެންޓް