މިއަދު ރާއްޖެއިން ޖުމްލަ 152 ކޭސް، އަތޮޅުތެރެއިން 10 ކޭސް

ޖޫން 8، 2020: އެމްޕީއެލް ސަރަހައްދުގައި އާރް އާރް ޓީމްތަކުން ރެންޑަމް ސާމްޕަލް ނެގުމުގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަދު ރާއްޖެއިން ޖުމްލަ 152 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެއިން ޕޮޒިޓިވްވި 142 މީހަކާއި އަތޮޅުތެރެއިން ޕޮޒިޓިވްވި 10 މީހަކު ކަމަށެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 89 ދިވެހީންނާއި، 54 ބަންގްލަދޭޝް މީހުންނާއި އިންޑިއާގެ ފަސް މީހަކާއި ލަންކާގެ ހަތަރު މީހެކެވެ.

މިއީ ރާއްޖޭގައި ކޮމިއުނިޓީ ސްޕްރެޑެއް ފެށުނު ފަހުން އެއް ދުވަހާ އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަހެވެ. މިއާއެކު ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ ވަނީ 3،719 އަށް އަރައިފައެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި، އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 1492 ސާމްޕަލް ކޮވިޑަށް ޓެސްޓުކޮށްފައިވާ ކަަމަށެވެ.

މިއަދު 14 މީހަކު ބަލިން ރަނގަޅުވި އިރު، ބަލިން ރަނގަޅުވީ މީހުންގެ ޖުމްލަ އަދަދަކީ 2،568 އެވެ.

މިއަދުގެ ކޭސްތަކާ އެކު އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 1،120 އަށް މައްޗަށް ޖެހިލައިފައެވެ. ބަލީގައި މިހާތަނަށް ރާއްޖެއިން 16 މީހަކު ވަނީ މަރުވެފައެވެ.

ފުރަބަންދަށް ދިން ލުއިތަކާ އެކު ވައިރަހަށް ޕޮޒިޓިވްވާ މީހުން އިންތިހާއަށް އިތުރުވެފައިވާއިރު، ބޭރު ތެރޭގައި އުޅޭއިރު މާސްކް އެޅުން މަޖުބޫރު ކުރަން ސަރުކާރުން މިއަދު ވަނީ ނިންމައިފައެވެ.

comment ކޮމެންޓް