ރިއާ ފުރައްސާރަކުރާ ވާހަކަ އަންކިތާ ގާތު ސުޝާންތު ބުނި

ސުޝާންތު އާއި އޭނާގެ ކުރީގެ ލޯބިވެރިޔާ އަންކިތާ ލޯކަންޑޭ---

އެކްޓަރު ރިއާ ޗަކްރަބޯޓީ އާއި ރުޅިވާން ބޭނުންވާ ވާހަކަ ސުޝާންތު ސިންހް ރާޖްޕުތްގެ ކުރީގެ ލޯބިވެރިޔާ އަންކިތާ ލޯކަންޑޭ ގާތު ބުނިކަން ހާމަވެއްޖެ އެވެ.

ބަތަލާ ރިއާގެ ހަގީގަތް ފާޅުވާން ފެށުމާއެކު އަންކިތާ އިއްޔެ ސޯޝަލް މީޑިއާއަށް ހިއްސާކުރި ޕޯސްޓެއްގައި ބުނީ ކޮންމެ ކަމެއްގައިވެސް ހަގީގަތް އެނގި ހާމަވެގެންދާނެ ކަމަށެވެ.

އަންކިތާގެ ޑެބިއު ފިލްމު މަނިކަރްނިކާ ރިލީޒްވުމާއެކު ކާމިޔާބަށް އެދި ސުޝާންތު އޭނާއަށް މެސެޖުކުރި ކަމަށާއި އެދެމީހުންގެ ދެމެދުގައި ދެކެވުނު ވާހަކައިގައި ރިއާގެ ވާހަކަތައް ވެސް ހިމެނޭކަމަށް އަންކިތާ ވަނީ ބިހާރު، ޕަޓްނާ ފުލުހުން ގާތު ބުނެފަ އެވެ.

އެ ވާހަކަ ދެކެވެމުން ދިޔައިރު ސުޝާންތު ވަރަށް ދެރަވެފައި ރިއާގެ ވާހަކަ ހިއްސާކުރި ކަމަށާއި އެ ގުޅުމާމެދު އެއްވެސް ވަރަކަށް ހިތްހަމަނުޖެހޭކަން ސުޝާންތު އޭނާ ގާތު ބުނިކަމަށް ބިހާރު ފުލުހުން ގާތު އަންކިތާ ވަނީ ބުނެފަ އެވެ. އަންކިތާ ބުނީ އެ ގުޅުން އިތުރަށް ކުރިއަށް ގެންދަން ބޭނުންނުވެ އެ ގުޅުން ނިންމާލަން ސުޝާންތު ބޭނުންވާކަން ބުނި ކަމަށާއި ރިއާ ސުޝާންތަށް އެކި ގޮތްގޮތުން ފުރައްސާރަކުރާ ވާހަކަ ވެސް ސުޝާންތު އޭނާ ގާތު ބުނިކަމަށެވެ.

ބިހާރު ފުލުހުންގެ އެދުމުގެ މަތިން އަންކިތާ މިހާރު ވަނީ ސުޝާންތު އާއި އޭނާއާ ދެމެދު ދެކެވުނު ވާހަކަތަކުގެ ސްކްރީންޝޮޓްތަކެއް ބިހާރު ފުލުހުންނަށް ހިއްސާކޮށްފަ އެވެ. އަދި އެ ޗެޓް ލޮގްތައް ސުޝާންތުގެ އާއިލާއާ ވެސް މިހާރު ވަނީ ހިއްސާކޮށްފަ އެވެ.

އަންކިތާ އެވާހަކަތައް ފުލުހުންނާއި ހިއްސާކުރިއިރު ސުޝާންތުގެ ބައްޕަ ވަނީ ސުޝާންތު މަރުވި އިރު ލޯބީގެ ގޮތުން ގުޅިގެން އުޅުނު ބަތަލާ ރިއާއަށް ސީރިއަސް ތުހުމަތުތަކެއްވެސް ކޮށްފަ އެވެ.

ސުޝާންތު މަރުވުމާއެކު އަންކިތާ ވަނީ ސުޝާންތުގެ ބައްޕަ އާ ބައްދަލުކުރަން އެގެއަށް ގޮސްފަ އެވެ. ސުޝާންތުގެ ބައްޕަ މީގެ ކުރިން ބުނީ އަންކިތާ ޕަޓްނާއަށް އަންނައިރު އޭނާ އާ ދިމާނުކޮށް މުމްބާއީ އަށް ނުދާ ކަމަށާއި އަންކިތާ އަކީ ވަރަށް ހިތްހެޔޮ މިޒާޖެއްގެ ކުއްޖެއްކަމަށެވެ. ދެތަރިން ރުޅިވި ނަމަވެސް އަންކިތާ، ސުޝާންތުގެ އާއިލާ އާ ގާތް ގުޅުމެއް ބާއްވަ އެވެ.

ބަތަލާ އަންކިތާ އާއި ސުޝާންތު ލޯބީގެ ގޮތުން ހަ އަހަރު ދުވަސްވަންދެން އެކުގައި އުޅުމަށްފަހު ދެތަރިން ރުޅިވީ 2016 ވަނަ އަހަރުގެ ފަހުކޮޅެވެ. ދެމީހުން ލޯބީގެ ގޮތުން ގުޅުނީ އެކްތާ ކަޕޫރުގެ ޓީވީ ޑްރާމާ ޕަވިތްރަ ރިޝްތާގެ ސެޓުންނެވެ.

comment ކޮމެންޓް