ކޮރަޕްޝަނުގެ މައްސަލާގައި ނަޖީބު ރައްޒާގު 12 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު 12 އަަހަރަށް ޖަލަށް ލާން ވަނީ ހުކުމްކޮށްފަ -- ފޮޓޯ: އީޕީއޭ

ކުއަލަލަމްޕޫރު (ޖުލައި 28): މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާތައް ސާބިތުވުމާ ގުޅިގެން އޭނާ 12 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި އެވެ.

އުމުރުން 67 އަހަރުގެ ނަޖީބުގެ މައްޗަށް އެ ހުކުމް ކުރީ، މެލޭޝިއާގެ ދައުލަތުގެ އިންވެސްޓްމެންޓް ފަންޑު 1އެމްޑީބީގެ ކޮރަޕްޝަނުގެ މައްސަލައަކާ ގުޅިގެން މިއަދު ކުއަލަލަމްޕޫރުގެ ހައި ކޯޓުގައި ކުރިއަށްގެންދިޔަ ޝަރީއަތުގައި އޭނާގެ މައްޗަށް އަމާނާތައް ހިޔާނާތްތެރިވުމާއި މަނީ ލޯންޑަރިން އާއި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ހަތް ދައުވާއެއް ސާބިތުވުމާ ގުޅިގެންނެވެ.

އެ މައްސަލާގައި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ސަބަބުން ނަޖީބު 12 އަހަރަށް ޖަލަށް ލާން ހުކުމް ކުރި އިރު، އަމާނާތަށް ހިޔާނާތްތެރިވުމާއި މަނީ ލޯންޑަރިންގެ ދައުވާތަކުގައި އޭނާ 10 އަހަރަށް ޖަލަށް ލާން ވަނީ ހުކުމް ކޮށްފަ އެވެ. އެ ހުރިހާ ހުކުމެއްވެސް ތަންފީޒު ކުރައްވާނީ އެއްކޮށް ކަމުން އޭނާ ޖަލުގައި ހޭދަ ކުރައްވަން ޖެހޭނީ ގިނަވެގެން 12 އަހަރެވެ.

މީގެ އިތުރުން ނަޖީބު ވަނީ 49 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފަ އެވެ.

އެ ހުކުމް އިސްތިއުނާފަށް ހުށަހަޅާނެ ކަމަށް ނަޖީބު ވިދާޅުވުމާ ގުޅިގެން މައްސަލަ ބައްލަވާ ފަނޑިޔާރު ވަނީ އޭނާ ހުކުމް ތަންފީޒު ކުރުން ފަސްކޮށްދެއްވާފަ އެވެ.

"އަޅުގަނޑުމެންގެ ނިޒާމުގައި ހައި ކޯޓަކީ ފުރަތަމަ ކޯޓު އަދި މި ނިންމުން ނިންމެވީ އެންމެ ފަނޑިޔާރެއް. އަޅުގަނޑުމެންނަށް އަދި އިސްތިއުނާފު ކުރެވޭނެ،" ނަޖީބު ވިދާޅުވި އެވެ.

އެ ޝަރީއަތަކީ 1އެމްޑީބީގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ އެސްއާރުސީ އިންޓަނޭޝަނަލްއިން ނަޖީބުގެ އެކައުންޓަށް 10.4 މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގެ ޝަރީއަތެވެ.

ދެހާސްނުވަ ވަނަ އަހަރު މެލޭޝިއާގެ ބޮޑުވަޒީރު ކަމަށް ނަޖީބު ވަޑައިގެންނެވިތާ މާގިނަ ދުވަސްތަކެއް ނުވަނީސް 1އެމްޑީބީ ފަންޑު ހުޅުވީ އެގައުމުގެ ތަރައްގީގެ މަޝްރޫއުތަކަށް ފައިސާ އެއްކުރުމަށެވެ. ނަމަވެސް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމެންޓުން ތުހުމަތުކުރާ ގޮތުގައި 1އެމްޑީބީ ފަންޑުން ވަނީ 4.5 ބިލިއަން ޑޮލަރު ޑައިވާޓުކޮށް، ލޯންޑާކޮށްފަ އެވެ. އަދި އެ ފައިސާ ބޭނުންކޮށްފައި ވަނީ އަގުބޮޑު ޕްރައިވެޓް ޖެޓާއި ގެތަކާއި ޔޮޓެއް ގަތުމަށެވެ.

އެމެރިކާގެ ޕްރޮސިކިއުޓަރުން ތުހުމަތު ކުރާ ގޮތުގައި 1އެމްޑީބީން ނަޖީބުގެ އެކައުންޓަށް ފޮނުވި ޖުމްލަ ފައިސާގެ އަދަދު 681 މިލިއަން ޑޮލަރަށް އަރަ އެވެ. ނަމަވެސް ނަޖީބުގެ ވެރިކަމުގައި އެ މައްސަލަ ބެލި ކޯޓަކުން ވަނީ އެއީ ސައުދީ ޝާހީ އާއިލާ އިން އޭނާއަށް އެރުވި ހަދިޔާއެއް ކަމަށް ނިންމާފައި އެވެ.

އެމައްސަލައިގައި ނަޖީބު ކުށްވެރި ނުވާ ކަމަށް އޭރު ކޯޓުން ނިންމި ނަމަވެސް 2018 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި މަހާތިރު މުހައްމަދު، އެމައްސަލައިގެ ތަހުގީގު އަލުން ފައްޓަން އަމުރު ކުރެއްވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް