އޮސްޓްރޭލިއާގެ ނިއު ސައުތު ވޭލްސްގައި ރަށްގިރައި ގެތައް މޫދަށް ވެއްޓެނީ

ނިއު ސައުތު ވޭލްސްގެ މޫދު ކައިރީ ހުރި ގެތަކެއް ވެއްޓިދާނެ ކަމުގެ ބިރު ވަނީ ހީވެފަ -- ފޮޓޯ: ގެޓީ

ސިޑްނީ (ޖުލައި 22): އޮސްޓްރޭލިއާގެ އިރުމަތީގައި އޮންނަ ނިއު ސައުތު ވޭލްސްގައި ރަށްގިރުމުގެ ސަބަބުން، މޫދު ކައިރީގައި ހުންނަ ގެތައް ވެއްޓިދާނެ ކަމުގެ ބިރު ހީވެއްޖެ އެވެ.

ނިއު ސައުތު ވޭލްސްގެ ވަމްބެރަލް ބީޗުގައި މިހާރު ވެއްޓިދާނެ ކަމުގެ ބިރު ހީވެފައިވާ ގެތަކުގެ ތެރޭގައި އަތިރިމަތީގައި ހުރި އެތައް މިލިއަން ޑޮލަރުގެ އަގު ހުރި ބީޗްފްރޮންޓް ގެތައް ހިމެނެ އެވެ. އަދި މިދިޔަ ހަފްތާ ބަންދު ތެރޭގައި ދިޔަވަރު ބޮޑުވެ، ބޮޑެތި ރާޅު ޖެހުމުގެ ސަބަބުން އެ ގެތަކުގެ ސިޑިތައް ހަލާކުވެ، ގޭގެ ބިންގާ ފެންނަވަރު ވެފައިވެ އެވެ.

އޭގެ ސަބަބުން ނިއު ސައުތު ވޭލްސްގެ ސެންޓްރަލް ކޯސްޓް ކައުންސިލުން ވަނީ އެ ސަރަހައްދުގެ 40އަށް ވުރެ ގިނަ ގޭގައި ދިރިއުޅޭ މީހުން ރައްކާތެރި ހިސާބަކަށް ބަދަލުވުމަށް އެދިފަ އެވެ. އަދި ރަށްގިރާ ސަރަހައްދުގައި ހުރި ގެތަކުގައި ކަރަންޓާއި ގޭހާއި ފެން ކަނޑާލުމަށް ފަހު އެ ސަރަހައްދު ބަންދުކޮށްފަ އެވެ.

ވަމްބެރަލް ބީޗުގައި ހުރި ބައެއް ގެތަކަށް ގެއްލުން ލިބި، ރަށްގިރުމުގެ ސަބަބުން ގޭގެ ބިންގާ ފެންނަ ވަރު ވަނީ ވެފަ -- ފޮޓޯ: ޓެރިގަލް ފަޔާ ސްޓޭޝަން

ނަމަވެސް އެ މީހުންނަށް އަނބުރާ އެގެތަކަށް ދެވޭނެ އިރެއް ކައުންސިލުން ހާމަ ނުކުރެ އެވެ. އަދި ބައެއް މީހުން ވަނީ ރަށްގިރުމުގެ މައްސަލައާ ބެހޭ ގޮތުން އެމީހުން ކަންބޮޑުވުން ފާޅު ކުރާތާ އެތައް އަހަރެއް ވެފައިވީ ނަމަވެސް ކަމާ ބެހޭ ފަރާތްތަކުން ފިޔަަވަޅު ނާޅާ ކަމަށް ބުނެ ނުރުހުން ފާޅުކޮށްފަ އެވެ.

އެ މީހުން ދަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރަށްގިރުމުގެ މައްސަލަ އިތުރަށް ގޯސްވެފައިވާ ކަމަށް ބުނެ އެ ސަރަހައްދުގައި ސީ ވޯލްއެއް އަޅައިދިނުމަށް އެދެމުންނެވެ.

ވަމްބެރަލް ބީޗާއި ވަށައިގެންވާ ސެންޓްރަލް ކޯސްޓަށް ރަށްގިރުމުގެ ސަބަބުން ގެއްލުންތައް ލިބޭތާ އެތައް އަހަރެއް ވެފައިވީ ނަމަވެސް ސެންޓްރަލް ކޯސްޓް ކައުންސިލުން އެކަން ތަހުގީގުކޮށް، ސީ ވޯލްއެއް ޑިޒައިން ކުރުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރެވެ.

އޮސްޓްރޭލިއާގެ ޖިއޯސައިންސް އޭޖެންސީން ބުނި ގޮތުގައި އެގައުމުގެ އެހެން ސަރަހައްދުތަކަށް ވެސް ރަށްގިރުމުގެ ސަބަބުން ދަނީ ގެއްލުންތައް ލިބެމުންނެވެ. އަދި އެގައުމުގެ އެކި ސަރަހައްދުތަކުގައި އަތިރިމަތީގައި ހަދާފައިވާ 39،000 ވަރަކަށް ގެޔަށް ރަށްގިރުމުގެ ސަބަބުން ގެއްލުން ލިބުމުގެ ނުރައްކާ އެބަ އޮތެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދުނިޔެ ހޫނުވެ، ކަނޑުގެ ލޮނުގަނޑު އުފުލި، ތޫފާންތައް އިތުރުވުމާއި ބާރުގަދަވުމަށް މަގުފަހިވެ އެވެ.

comment ކޮމެންޓް