އޭއެފްސީ ކަޕުގެ މެޗުތައް ބާއްވަން ރާއްޖޭން ކުރި ބިޑު ކާމިޔާބުކޮށްފި

ފެބްރުއަރީ 12، 2020: އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގެ ދެވަނަ ލެގުގައި ރާއްޖޭގެ މާޒިޔާއާއި ބަންގްލަދޭޝްގެ ޑާކާ އަބަހާނީ ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް-19ގެ ސަބަބުން މެދުކަނޑާލާފައިވާ އޭއެފްސީ ކަޕްގެ މެޗުތައް އޮކްޓޫބަރުގައި އެއް ދަނޑެއްގައި އަލުން ފަށާއިރު، ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕްގެ ހުރިހާ މެޗެއް ރާއްޖޭގައި ބާއްވަން އެފްއޭއެމުން ކުރި ބިޑު ކާމިޔާބުކޮށްފި އެވެ.

އަންނަ އޮކްޓޯބަރު މަހު 23ން ނޮވެމްބަރު ހަތަރަކާ ދެމެދު ގްރޫޕް ސްޓޭޖު މެޗުތައް ކުޅޭ ގޮތަށް މިހާރު ނިންމާފައިވާއިރު، 13 ދުވަހު ތެރޭގައި ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗެއް ކުޅެ ނިމޭނެއެވެ. މެޗުތައް އެއް ދަނޑެއްގައި ކުޅެން ނިންމިއިރު، އޭއެފްސީން އޮތީ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ހޯސްޓް ކުރުމުގެ ފުރުސަތު މެންބަރު އެސޯސިއޭޝަންތަކަށް ހުޅުވާލާފަ އެވެ.

އެއާ އެކު ރާއްޖޭގައި އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕްގެ މެޗުތައް ބޭއްވުމަށް އޭއެފްސީއަށް ރަސްމީކޮށް ބިޑު ކުރީ، މިދިޔަ ހުކުރު ދުވަހު އެވެ. އަދި އެ ބިޑު ރާއްޖެއަށް ކާމިޔާބުވެފައިވާ ކަން މިއަދު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ކުރި ޓްވީޓެއްގައި ވަނީ ހާމަކޮށްފަ އެވެ.

ބައްސާމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އޭއެފްސީ ކަޕު 2020 ގެ މެޗުތައް ރާއްޖޭގައި ބޭއްވުމަށް ކުރި ބިޑު ފުރިހަމައަށް ކާމިޔާބުވެފައިވާ ކަމަށާއި، އެ މެޗުތައް ވީހާވެސް ކާމިޔާބު ކަމާ އެކު ބޭއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

އަދި އެ މުބާރާތުގެ ދެވަނަ ބުރަށް ރާއްޖޭގެ ކުލަބެއް ދަތުރު ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ބައްސާމް ވިދާޅުވި އެވެ.

ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕްގައި މި ވަގުތު ވާދަކުރަމުން އަންނަނީ ރާއްޖޭގެ ދެ ޓީމު ކަމަށްވާ މާޒިޔާ އާއި ޓީސީ ސްޕޯޓްސް ކްލަބްގެ އިތުރުން ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސް އާއި އިންޑިއާގެ ޗެންނާއީ ސިޓީ އެވެ.

ގްރޫޕް ސްޓޭޖުގެ މެޗުތަކުގެ ޝެޑިއުލް ހަމަޖެހިފައިވާ ގޮތް:

މާޒިޔާ - ބަޝުންދުރާ، ޓީސީ - ޗެންނާއީ (23 އޮކްޓޯބަރު)

މާޒިޔާ - ޓީސީ، ޗެންނާއީ - ބަޝުންދުރާ (26 އޮކްޓޯބަރު)

ޓީސީ - މާޒިޔާ، ބަޝުންދުރާ - ޗެންނާއީ (29 އޮކްޓޯބަރު)

މާޒިޔާ - ޗެންނާއީ، ޓީސީ - ބަޝުންދުރާ (1 ނޮވެމްބަރު)

ޓީސީ - ބަޝުންދުރާ، މާޒިޔާ - ޗެންނާއީ (4 ނޮވެމްބަރު)

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގައުމުތަކަށް ހާއްސަ ގްރޫޕްގައި މި ފަހަރު ރާއްޖޭގެ ދެ ޓީމެއް ވާދަކުރާއިރު، މީގެ ކުރިން ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި މާޒިޔާ އާއި ޓީސީ ވަނީ މާޗު މަހު 12 ވަނަ ދުވަހު ވާދަކޮށްފަ އެވެ. އެ ދުވަހު ޓީސީ ނުކުތީ ބަންގްލަދޭޝްގައި އެ ގައުމުގެ ބަޝުންދުރާ ކިންގްސްއާ ދެކޮޅަށެވެ. އަދި އިންޑިއާގައި މާޒިޔާ ވަނީ އެ ގައުމުގެ ޗެންނާއީ ސިޓީ އެފްސީއާ ދެކޮޅަށް ކުޅެފަ އެވެ.

comment ކޮމެންޓް