ރާއްޖެއާއި ޗައިނާއާ ދެމެދު ބައިލެޓެރަލް މަޝްވަރާތަކެއް ފަށަނީ

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު--- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިވެހިރާއްޖެއާ ޗައިނާ އާއި ދެމެދު ބާއްވާ ބައިލޭޓަރަލް ކޯޑިނޭޝަން މެކޭނިޒަމްގެ މަޝްވަރާތައް މިއަދު ފަށާނެ ކަމަށް ފޮރިން މިނިސްޓްރީއިން ބުނެފިއެވެ.

ޑިރެކްޓާ ޖެނެރަލް ފެންވަރުގައި ބާއްވާ އެ މަޝްވަރާތަކުގެ ފުރަތަމަ ބައްދަލުވުމުގައި އޮންނަނީ ބޯޑަރު ހުޅުވާލުމާ، ފަތުރުވެރިކަމާ ބެހޭ މަޝްވަރާތަކެވެ. އަދި ކޮވިޑް-19 އިން ރައްކާތެރިވުމުގެ އިތުރުން އިގްތިސާދު އަލުން ކޮޅަށް ޖެހުމާ ބެހޭ ގޮތުން މަޝްވަރާތައް ކުރިއަށްދާނެއެވެ.

ފޮރިން މިނިސްޓްރީއިން ބުނި ގޮތުގައި، އެ މަޝްވަރާތަކުގައި ދިވެހިރާއްޖެއިން އިސްކޮށް ބައިވެރިވެވަޑައިގަންނަވާނީ ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ އަހުމަދު ޝިޔާން އެވެ. އޭގެ އިތުރުން ޓޫރިޒަމް މިނިސްޓްރީއާއި، ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އިތުރުން ސިވިލް އޭވިއޭޝަން އޮތޯރިޓީން ބޭފުޅުންއެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ފޮރިން މިނިސްޓްރީއިން ބުންޏެވެ.

ޗައިނާގެ ފަރާތުން މި ބައްދަލުވުމުގައި އިސްކޮށް ބައިވެރިވެވަޑައިގަންނަވާނީ ޗައިނާ ފޮރިން މިނިސްޓްރީގެ އޭޝިއަން ޑިޕާޓްމަންޓްގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ޔާއޯ ވެން ކަމަށް ފޮރިން މިނިސްޓްރީއިން ބުންޏެވެ. އޭނާގެ އަރިހުގައި ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނާއި، ޗައިނީޒް ސެންޓާ ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަނާއި، މިނިސްޓްރީ އޮފް ކަލްޗާ އެންޑް ޓޫރިޒަމް އަދި ޗައިނާގެ ސިވިލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަނުން ބައިވެރިވާނެ ކަމަށްވެސް މިނިސްޓްރީއިން ބުންޏެވެ.

ފޮރިން މިނިސްޓްރީއިން ބުނީ، ކޮވިޑް-19ގެ ބަލިމަޑުކަމާ މުޅި ދުނިޔެއިން ކުރިމަތިލާފައިވާ މިދަނޑިވަޅުގައި މިމަޝްވަރާތައް ބޭއްވުމަށް ޗައިނާ ސަރުކާރުން އިސްނެންގެވިކަމަށްޓަކައި ދިވެހި ސަރުކާރުން މަރުހަބާ ކިޔާ ކަމަށެވެ.

މި މަޝްވަރާތާގުޅޭ ގޮތުން މިނިސްޓަރ ޝާހިދު ވިދާޅުވީ ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮންނަނީ ޒަމާންވީ ގުޅުމެއް ކަމަށާއި ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން ބިނާވެފައިވާ އަސާސްތަކަކީ ދިވެހިރާއްޖެއިން ގަބޫލުކުރާ "ވަން-ޗައިނާ" ސިޔާސަތާއި، އެއް ގައުމު އަނެއް ގައުމުގެ ސިޔާދަތަށް ކުރާ އިހްތިރާމް ކަމަށެވެ.

އަދި ޗައިނާއަކީ މިހާރުވެސް ދިވެހިރާއްޖޭގެ ތަރައްގީގެ މުހިއްމު ބައިވެރިއެއްކަމަށާއި، ދެގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދިވެހިރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނެކަމަށް ޝާހިދު ވިދާޅުވިއެވެ. އޭގެ އިތުރުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޒައާމަތުގައި ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށްވެސް ވިދާޅުވިއެވެ.

comment ކޮމެންޓް