ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ މަޖިލީހަށް ހުށަހަޅާކަށް ނުޖެހޭ: އުޝާމް

ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް --- ފޮޓޯ/ މަޖިލިސް

ފަނޑިޔާރެއްގެ ރިޝްވަތު ނެގިކަމުގެ މައްސަލައެއް ވިޔަސް ނުވަތަ އެހެންވެސް ސުލޫކީ މައްސަލައެއް ފާހަގަ ވާނަމަ އެމައްސަލަ ހުށަހަޅާނީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ކަމަށާއި އެމައްސަލައެއް ހުށަހަޅާނީ މަޖިލީހަކަށް ނޫން ކަމަށް ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

އިއްޔެ ކްރިމިނަލް ކޯޓުން ވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން ކުރި ހަތް ދައުވާ ބާތިލުކޮށްފަ އެވެ. އެއާއެކު އޭނާ ވަނީ މިނިވަން ވެފަ އެވެ. އެކަމާ ގުޅިގެން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު މިއަދު މަޖިލީހަށް މައްސަލައެއް ހުށަހެޅުއްވީ އިއްޔެ މައްސަލަތައް ބޭރުކޮށްލައި އިއްވި ހުކުމުން ފަނޑިޔާރުގެ އިޖުރާއީ ގިނަ މައްސަލަތަކެއް ފާހަގަވިކަމަށް ބުނެ އެކަން ދައުލަތުގެ ސަމާލު ކަމަށް ގެނައުމަށެވެ.

އެމައްސަލައިގެ ބަހުސް މަރުހަލާގައި ވާހަކަދައްކަވަމުން ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވީ ގާނޫނީ އުސޫލަކީ ހުކުމަކާމެދު ހިތްހަމަ ނުޖެހޭ ކަމަށް ވަނީ ނަމަ އެ ހުކުމް އިސްތިއުނާފު ކުރުން ކަމަށެވެ. އުޝާމް އެހެން ވިދާޅުވުމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ހުކުމަކާ ގުޅޭގޮތުން ހިތްހަމަ ނުޖެހުމެއް މަޖިލީހަށް ހުށަހެޅިފައި ނެތް ކަމަށެވެ. ހުށަހެޅިފައި އޮތީ އިޖުރާއަތުތަކާ ގުޅޭ ގޮތުން އޮތް ހިތްހަމަ ނުޖެހުމެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އިއްޒަތްތެރި ރައީސް. ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް އޮތް ކަމަށް ވާނަމަ އެމައްސަލައެއް ހުށަހަޅަން ޖެހޭނީ ޖުޑިޝަލް ސާވިސް ކޮމިޝަނަށް ކަމަށް ގާނޫނުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައި އޮވޭ. އެމައްސަލަ ޖޭއެސްސީއަށް ހުށަހެޅުމުގެ ފުރުސަތު ކޮންމެ ފަރާތަކަށްވެސް އޮވޭ. ރިޝްވަތު ނެގީ ކަމަށް ތުހުމަތު ކުރެވޭ ނަމަ މައްސަލަ ހުށަހެޅުއްވުމުގެ ފުރުސަތު މި މައްސަލަ ހުށަހެޅުއްވި މެމްބަރަށްވެސް އޮވޭ." އުޝާމް ވިދާޅުވި އެވެ.

ފަނޑިޔާރަކު އުސޫލުން ބޭރުން ނުވަތަ ރިޝްވަތު ނަގައިގެން ހުކުމެއް ކުރީ ކަމަށް ބުނެ އެމައްސަލަ މަޖިލީހަށް ހުށަހަޅައި ތަޅުމުގައި ބަހުސް ކުރަން ޖެހޭ ކަމަށް ގަބޫލުނުކުރެވޭ ކަމަށް އުޝާމް ވިދާޅުވި އެވެ.

އުޝާމް ވިދާޅުވީ ފަނޑިޔާރަކު ވަކިގޮތަކަށް ހުކުމްކުރީމަ އެ ފަނޑިޔާރެއްގެ މައްސަލަ މަޖިލީހަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަކީ އެމްޑީޕީ މެމްބަރުން ދެކޭ އިންސާފު ކަމަށް ވާނަމަ ހަމަ ސާބަސް ކަމަށެވެ. އެހެން ވިދާޅުވުމުން ނަޝީދު ވަނީ އުޝާމްގެ ވާހަކަ ހުއްޓުވައި މަޖިލީހަށް ހުށަހެޅިފައި އޮތީ ހުކުމުގެ މައްސަލަ ނޫން ކަމަށް ވިދާޅުވެފައެވެ.

"އެހެންނަމަވެސް މިތާގަ މިވާހަކަ ދެއްކެނީ ފަނޑިޔާރު ގަމާރު ވާހަކައާ އެކަހަލަ ވާހަކަތަކެއް މިދެވެކެނީ. ފަނޑިޔާރުގެ ގޯސް ވާހަކަތަކެއް މިތާގަ މިދެކެވެނީ،" އުޝާމް ވިދާޅުވި އެވެ.

އެއާ އެކު ނަޝީދު ވިދާޅުވީ ނުކުތާއަކީ ފަނޑިޔާރުގެ ގާބިލުކަމާ މެދު ފާހަގަކުރާ ނުކުތާއެއް ކަމަށެވެ. އެއީ އިޖުރާއަތު ހިންގަން ނޭންގުން ކަމަށާއި އެއަށް ކިޔޭނީ ގަމާރުކަން ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑަށް ވާހަކަ ދެއްކުމުގެ ފުރުސަތު ދެއްވުން ވަރަށް ބޮޑަށް އެދެން. އައިސް މިޖެހެނީ ތިވިދާޅުވާހެން ފަނޑިޔާރުގެ ސުލޫކީ މައްސަލައަކާ. ފަނޑިޔާރުގެ ގާބިލުކަމުގެ މައްސަލައަކާ. އެހެން ކަމަށްވާނަމަ އެމައްސަލަ ބަލަން ޖެހޭނީ ޖުޑިޝަލް ސާވިސް ކޮމިޝަނަށް ހުށަހަޅައިގެންނޭ އަޅުގަނޑު މި ދަންނަވަނީ. އެއީ މަޖިލީހުގެ ފްލޯއަށް މައްސަލައެއް ހުށަހަޅައިގެން ބަލަންޖެހޭ ކަމެއް ނޫނޭ. މިއީ ތިބޭފުޅުން ތިވިދާޅުވާ އިންސާފު ކަމަށް ވާނަމަ ސާބަހޭ ދަންނަވަން ޖެހޭނީ،" އުޝާމް ވިދާޅުވި އެވެ.

ހަސަން ލަތީފު މިއަދު މައްސަލަ ހުށަހަޅުއްވަމުން ވިދާޅުވީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަނުގެ މައްސަލައަކީ ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ކަރޮޕްޝަނާއި ހިޔާނާތުގެ މައްސަލަ ކަމަށާއި އެ މައްސަލަ ކޯޓުން ބޭރުކޮށްލުމުގައި ގިނަ ސުވާލުތަކެއް އެބަހުރި ކަމަށެވެ.

"އެ މައްސަލަތައް ފަނޑިޔާރު އިސްމާއިލް ރަޝީދު ކޯޓުން ބޭރުކޮށްފައިވާހިނދު ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ މިފަދަ ބޮޑު މައްސަލަތަކެއް ގާނޫނުތަކާއި އިޖުރާއަތްތަކާއި ހިލާފަށް ކޯޓުން ބޭރުކޮށްލާފައިވާހިނދު އެގޮތައް އަމަލު ކުރުމުގައި ނުފޫޒާއި ރިޝްވަތާއި ކޮރަޕްޝަނުގެ އަމަލު އެކުލެވޭ ކަމަށް ތުހުމަތުކުރެވޭތީ މި މައްސަލަ ކްރިމިނަލް ކޯޓުން ބޭރުކޮށްލި ފަނޑިޔާރު އިސްމާއިލް ރަޝީދުގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަނުން ބެއްލެވުމަށް ކޮމިޝަނަށް ހުށަހެޅުމަށާއި އަދި ކްރިމިނަލް ކޯޓުން ބޭރުކޮށްލި އަހްމަދު އަދީބުގެ މައްސަލަތައް އިސްތިއުނާފް ކުރުމަށް ދައުލަތަށް ގޮވާލައި މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން،" ހަސަން ލަތީފް ވިދާޅުވި އެވެ.

އަދީބުގެ މައްސަލަތައް ކްރިމިނަލް ކޯޓުން ބޭރުކޮށްލުމާއި ގުޅިގެން، ގާޒީ އިސްމާއިލް ރަޝީދުގެ މައްސަލަ ޖޭއެސްސީ އަށް ހުށަހަޅާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވެސް ވަނީ ވިދާޅުވެފަ އެވެ. އަދި އެ މައްސަލަ އިސްތިއުނާފު ކުރުމަށް ނިންމާފައިވާ ކަން ޝަމީމް ފާހަގަކުރެއްވި އެވެ.

comment ކޮމެންޓް