ޖޭޕީގެ ރައީސް ކަމުން އިސްތިއުފާ ދިނުމަށް އަލީ ވަހީދަށް ގާސިމް އަންގަވައިފި

ޖޭޕީގެ ލީޑަރު ގާސިމް އަދި އެޕާޓީގެ ރައީސް އަލީ ވަހީދު --- ފޮޓޯ: ޖޭޕީ

ޖުމްހޫރީ ޕާޓީގެ ރައީސްގެ މަގާމުގައި ހުންނެވި އަލީ ވަހީދު އެ މަގާމުން އިސްތިއުފާ ދެއްވުމަށް އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަންގަވައިފި އެވެ.

ޖޭޕީގެ އިސް އޮފިޝަލަކު އެކަން ވަނީ 'ސަން' އަށް ކަށަވަރު ކޮށްދެއްވާފަ އެވެ.

އަޚްލާގީ މައްސަލަތަކާ ގުޅިގެން އަލީ ވަހީދު މިނިސްޓަރު ކަމުން އިސްތިއުފާ ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ރޭ ވަނީ އޭނާއަށް އަންގަވާފައެވެ. ނަމަވެސް އަލީ ވަހީދު މަގާމުން އިސްތިއުފާ ނުދެއްވުމުން ރައީސް ސޯލިހު ވަނީ މިއަދު އޭނާ އެ މަގާމުން ވަކިކުރައްވާފައެވެ.

އެ މައްސަލަތަކާ ގުޅިގެން ޖޭޕީގެ ރައީސް ކަމުން އަލީ ވަހީދު ވަކިކުރުމަށް އެޕާޓީގެ ކައުންސިލަށް ރޭ ވަނީ ކުއްލި މައްސަލައެއް ވެސް ހުށަހަޅާފަ އެވެ.

ނަމަވެސް އަދިވެސް އެ މަގާމުން އޭނާ އިސްތިއުފާ ދެއްވާފަ އެއް ނުވެއެވެ. އެހެން ކަމުން ޖޭޕީގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވުމަށް މިއަދު ގާސިމް ވަނީ އޭނާއަށް އަންގަވާފައެވެ.

ޖިންސީ ގޯނާއާއި ފުރައްސާރައިގެ ބޮޑެތި ތުހުމަތުތަކަކާއެކު އަލީ ވަހީދު މިނިސްޓަރު ކަމުން ވަކިކުރިއިރު، މިއަހަރު ކުރީކޮޅު އަލީ ވަހީދު ކަމަށް ބެލެވޭ މީހެއްގެ ފޯނުކޯލް ރިކޯޑިން އެއް ވަނީ ލީކްވެފަ އެވެ. އެ އޯޑިއޯގައި އަލީ ވަހީދު ކަމަށް ބެލެވޭ މީހަކު ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއާ ވާހަކަ ދައްކާ އަޑު އިވެ އެވެ.

އެ އޯޑިއޯގައި އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު ވާހަކަ މިނިސްޓަރު ނަހުލާއާ އަލީ ވަހީދު ދައްކަވަ އެވެ. އެކަމާ ގުޅިގެން އަލީ ވަހީދު އިސްތިއުފާ ދެއްވުމަށް އޭރު އާންމުން ގޮވާލި އެވެ. އަދި އެ މައްސަލަ ވަރަށް ހޫނުވެ، ސަރުކާރަށް ފާޑުކިޔުން އަމާޒުވި އެވެ.

އެނގިފައިވާ ގޮތުގައި އެ މައްސަލައިގައި މިނިސްޓަރު ރައީސް އޮފީހަށް ހާޒިރުކޮށް ވަނީ ނަސޭހަތް ދީފަ އެވެ. އަދި އެފަދަ ކަމެއް ތަކުރާރު ވެއްޖެ ނަމަ، ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައިވާކަން އެނގިފައިވެ އެވެ.

comment ކޮމެންޓް