ސްޕޯޓްސް ކޯޕަރޭޝަން އުވާލަން ނިންމައިފި

61 ރަށެއްގެ އައުޓްޑޯރ ޖިމުގެ ސާމާނު ސަޕްލައި ކޮށްދިނުމަށް ސްޕޯޓްސް ކޯޕަރޭޝަނާއި ހަވާލު ކުރުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ// ޔޫތް މިނިސްޓްރީ

ދައުލަތުގެ ހަރަދު ކުޑަކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުޅިވަރުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ސްޕޯޓްސް ކޯޕަރޭޝަން އުވާލުމަށް ކެބިނެޓްގެ ބައްދަލުވުމުން މިހާރު ނިންމާފައިވާކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ކުޅިވަރު ދާއިރާ ތަރައްޤީކޮށް، އެދާއިރާއަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނުން މަތިކޮށްފައިވާ ސްޕޯޓްސް ކޯޕަރޭޝަން ވުޖޫދަށް އައިސްފައިވަނީ 2015 ވަނަ އަހަރުގެ މާރިޗް މަހުގެ 15 ވަނަ ދުވަހު އެވެ.

މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ދިވެހިރާއްޖޭގެ ކުޅިވަރުގެ އޮނިގަނޑު ކުރިއެރުވުމާއި، ކޯޕަރޭޝަނަށް ނަގުލުކުރެވޭ މުދަލާއި އެ ގާނޫނުގެ ދަށުން އުފައްދާފައިވާ ކުޅިވަރު ޗެނަލް ތަރައްގީކުރުމެވެ. މީގެ އިތުރުން ކުޅިވަރުގެ ދާއިރާއަށް ނިކުންނަށް އެދޭ ޒުވާނުންނަށް އެކަން ފަހިކޮށްދީ ކުޅިވަރު ކުޅޭ ފަރާތްތަކުގެ ގާބިލްކަން ކުރިއެރުވޭނެ ޕްރޮގްރާމްތައް ރާވައި ހިންގުމާއި ކުޅިވަރު ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް އިތުރަށް ކުރިއަރައި ތަމްރީން ހޯދާނެ މަގު ފަހިކޮށްދިނުން ހިމެނެ އެވެ.

އެކަމަކު ކުންފުނިން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭ ކަމުގެ ޝަކުވާ އެކި ފަރާތްތަކުން ކުރަމުންދާތާ ދުވަސްތަކެއްވެ އެ ކުންފުނީގެ ބޭނުމާ މެދު ސުވާލު އުފެދިފައި އޮތުމުން ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް ވަނީ އިއްޔެ އެ މައްސަލަ އޮޅުން ފިލުވުމަށް މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒެސް ކޮމިޓީއަށް ހާޒިރު ކޮށްފަ އެވެ.

އިއްޔެ ބޭއްވި އެ ކޮމިޓީގައި ވާހަކަ ދައްކަވަމުން މަހްލޫފް ވިދާޅުވީ، ސްޕޯޓްސް ކޯޕަރޭޝަނަކީ ދައުލަތުން ބޮޑު ހޭދައެއް ކޮށްގެން ހިންގާ ކުންފުންޏެއް ކަމަށާއި، އެ ކުންފުނިން އެކަށީގެންވާ ފައިދާއެއް ނުލިބޭ ކަމަށެވެ. އަދި ކުންފުނި އުވާލަން މިހާރު ސަރުކާރުގެ ކެބިނެޓުން ވެސް ނިންމާފައިވާ ކަމަށާއި، ކުންފުންޏަށް މިހާތަނަށް ލިބުނު ހަމައެކަނި ފައިދާއާއި، ލިބުނު ޕްރޮޖެކްޓަކީ މިނިސްޓްރީން އެކުންފުންޏަށް ދިން ޕްރޮޖެކްޓްތައް އެކަނި ކަމަށް މަހްލޫފް ވަނީ ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެންގެ ވިސްނުމަކީ މިއީ އުވާލަން ޖެހޭ ކުންފުންޏެއް ކަން. މި ހަފުތާ ތެރޭ ބޭއްވުނު ކެބިނެޓް ވޯކިންގް ގްރޫޕްގައި ވެސް ދައުލަތުގެ ހަރަދުތައް ކުޑަ ކުރުމުގެ ގޮތުން މިއީ އުވާލަން ޖެހޭ ކުންފުންޏެއްގެ ގޮތުގައި ފިނޭންސް މިނިސްޓްރީގެ ބޭފުޅުން ވެސް އަދި އަޅުގަނޑުމެން ވެސް އެ ވޯކިންގް ގްރޫޕުގައި ހެދުނު ސަބް ކޮމިޓީތަކުގައި ވެސް ވަނީ މިކަމަށް މަޝްވަރާ ކުރެވިފައި،" މަހްލޫފް ވިދާޅުވި އެވެ.

ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރުގެ މަގާމަަށް ރާއްޖެ ދުށް އެންމެ މޮޅު އެއް ފުޓުބޯޅަ ކޯޗު އަދި ކުރީގެ މަޝްހޫރު ގޯލް ކީޕަރު މައުރޫފް އަހްމަދު (މާއްޓޭ) އައްޔަން ކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ. އެއަށްފަހު އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި ރާއްޖޭގެ 61 ރަށުގައި ގާއިމްކުރާ އައުޓްޑޯރ ޖިމްގެ ސާމާނު ސަޕްލައިކޮށްދިނުމަށް މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނާއެކު މިނިސްޓްރީން ވެވުނު އެއްބަސްވުމަކީ މިހާރު އެ ކުންފުނިން ކުރަމުން އަންނަ ހަމައެކަނި މަސައްކަތް ކަމަށް މަހްލޫފް ވަނީ މިއަދު ވިދާޅުވެފަ އެވެ.

"އަޅުގަނޑާ އެންމެ ފަހުން ބައްދަލުވީ ދުވަހު އެމްޑީ މައުރޫފް ވިދާޅުވީ، ލިބުނު ހަމައެކަނި ޕްރޮޖެކްޓަކީ ވެސް މިނިސްޓްރީން ލިބުނު އެއްޗެކޭ، ލިބުނު ހަމައެކަނި އާމްދަނީއަކީ ވެސް މި މިނިސްޓްރީގެ ފަރާތުން ލިބުނު އެއްޗެއް ކަމަށް،"

މަހްލޫފް ވިދާޅުވީ، ސްޕޯޓްސް ކޯޕަރޭޝަންގެ އޮފީސް މިހާރު ހިންގަމުންދާ ގަލޮޅު ދަނޑުގެ ދެކުނު ފަރާތުގައި ހުންނަ އޮފީހަކީ ވެސް މިނިސްޓްރީން ހިލޭ ހަމަޖައްސާދީފައިވާ ތަނެއް ކަމަށެވެ. އަދި މިނިސްޓަރު ކަމަށް މަހްލޫފް ވަޑައިގެން ފަހުން ދެފަހަރަށް އެތަނުގެ މުއްދަތު އިތުރު ކޮށްދީފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

"އެތަނަކީ ފުދޭވަރަކަށް ހަރަދު ހިނގާ، އޭގެ ބޭނުން ނުހިފޭ ތަނެއްގެ ގޮތުގައި މިފެންނަނީ. އަޅުގަނޑު ބެލި ބެލުމުން އެތަނަކީ އުވާލަން ޖެހޭ ތަނެއް ކަމަށް ގަބޫލު ކުރަނީ."

comment ކޮމެންޓް