އިންޑިއާ އަށް ބޭހަށް ދިޔުމުގެ ފުރުސަތު ހުޅުވާލައިފި

މިނިސްޓަރު ޝާހިދު، އިންޑިއާ ސަފީރާ ބައްދަލު ކުރެއްވުން -- ފޮޓޯ: ފޮރިން މިނިސްޓްރީ

އާސަންދައިގެ ދަށުން ނޫނަސް ކްރިޓިކަލް ފަރުވާ ބޭނުންވާ ފަރާތްތަކަށް އިންޑިއާއިން ބޭސްފަރުވާކުރުމަށް އެގައުމަށް ދިޔުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ފޮރުން މިނިސްޓްރީ އިން ބުނީ ކްރިޓިކަލް ކެއަރ ބޭނުންވާ ފަރާތްތަކުން އިންޑިއާއަށް ދިޔުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދި ފޮރިން މިނިސްޓްރީގެ ކޮންސިއުލަރ ޑިޕާޓްމަންޓަށް އީމެއިލް ކުރުމުން އެކަންތައް ކުރިއަށްދާނެ ކަމަށެވެ.

މިއީ އިންޑިއާ އިން ރާއްޖެއަށް ދިން ހާއްސަ ހުއްދައެއް ކަމަށާއި ރާއްޖެއިން ލިބެން ނެތް، "ކްރިޓިކަލް" ފަރުވާ ހޯދާ ފަރާތްތަކަށް ހާއްސަކޮށް އިންޑިއާ ސަރުކާރުން ދިން ފުރުސަތެއް ކަމަށްވެސް އެ މިނިސްޓްރީ އިން ބުންޏެވެ.

ފޮރިން މިނިސްޓްރީ މެދުވެރިކޮށް އިންޑިއާއަށް ދިޔުމުގެ ހުއްދައަށް އެދުނުނަމަވެސް، ދަތުރުކުރެވޭނީ އިންޑިއާ ސަރުކާރުން ބަލަން ޖެހޭ ކަންތައްތައް ބެލުމަށްފަހު، ހުއްދަ ދޭ ފަރާތްތަކަށް ކަމަށާއި، ދަތުރުކުރުމުގެ ހުއްދަ ލިބޭ ފަރާތްތަކުން އިންޑިއާއަށް ދިޔުމަށް، މާލޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން މެޑިކަލް ވިސާ ނަގަން ޖެހޭނެ ކަމަށް މިނިސްޓްރީ އިން ބުންޏެވެ.

އަދި މިގޮތަށް ބޭސްފަރުވާއަށްދާ ފަރާތްތަކުން އިންޑިއާގައި ތިބުމާއި، ކަރަންޓީންވުމުގެ އިންތިޒާމްތަކާއި، ބޭސްފަރުވާގެ ކަންތައްތައް ހަމަޖައްސަން ޖެހޭނީ އެފަރާތަކުން އަމިއްލައަށް ކަމަށްވެސް މިނިސްޓްރީ އިން ބުންޏެވެ.

ކްރިޓިކަލް ފަރުވާ އަށް ދިވެހިން އިންޑިއާ އަށް ދިޔުމުގެ ހުއްދަ ލިބިފައިވަނީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު، އިންޑިއާ ސަރުކާރާއި، މާލޭގައި ހުންނަވާ އިންޑިއާ ސަފީރާއެކު ކުރެއްވި މަޝްވަރާތަކަށްފަހު ކަމަށާއި ކޮވިޑް19 ގެ ހާލަތާ ގުޅިގެން އިންޑިއާގެ ބޯޑަރު ބަންދުކޮށް، އަދި ބައެއް ސަރަހައްދުތައް ލޮކްޑައުންގައި އޮތުމުން އިންޑިއާއަށް މިވަގުތު ދަތުރުނުކުރެވޭތީ، ކްރިޓިކަލް ފަރުވާ ހޯދުމަށް އެގައުމަށް އެތެރެވުމަށް ދިވެހިންނަށް ދިން ޚާއްސަ ހުއްދައަކީ މިގޮތަށްދޭ އެގައުމުން ދިން ފުރަތަމަ ހުއްދަ ކަމަށްވެސް މިނިސްޓްރީ އިން ބުންޏެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު މިނިސްޓްރީގެ ނަންބަރު 7983400 އިން ލިބޭނެ ކަމަށް ފޮރިން މިނިސްޓްރީ އިން ބުންޏެވެ.

އިންޑިއާ ސަރުކާރުން ވަނީ އާސަންދައިގެ ދަށުން ރާއްޖެއިން ބޭރުން ފަރުވާ ހޯދަންޖެހޭ 37 މީހަކަށް އިންޑިއާ އަށް ދިޔުމުގެ ފުރުސަތު ދީފައެވެ.

comment ކޮމެންޓް