ލޯކަލް މާރުކޭޓު ހުޅުވޭނީ މިމަހު 10 ހިސާބުގައި: ސިޓީ ކައުންސިލް

މާލޭ ލޯކަލް މާރުކޭޓޫ ބަންދު ކުރެވިފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލެ ސަރަހައްދު ލޮކްޑައުން ކުރުމާ ގުޅިގެން ބަންދުކޮށްފައިވާ ލޯކަލް މާރުކޭޓު މި މަހުގެ 10 ހާ ހިސާބުގައި ހުޅުވޭވަރު ވާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފު ވިދާޅުވީ ލޮކްޑައުންއަށް ދިން ލުއިތަކާއެކު ވެސް މާރުކޭޓު ބަންދުކޮށްފައި އޮތީ އެޗްޕީއޭގެ މިންގަނޑުތަކަށް ނުފެތޭތީ ކަމަށެވެ.

"ލޯކަލް މާރުކޭޓު މިވަގުތަށް އޮތީ ބަންދުކުރެވިފައި. އެއީ ގައިޑްލައިނާ އެއްގޮތަށް ކަންތައްތައް ނެތީމަ. ދެން އެ އިސްލާހު ކުރުމުގެ މަސައްކަތް މި ހަފުތާ ތެރޭގައި ވެސް އަޅުގަނޑުމެން މި ކުރިއަށް ގެންދަނީ. އިރާދަކުރެއްވިއްޔާ މި މަހުގެ 10 ހިސާބުގައި އެތަން ހުޅުވިގެންދާއިރު، ގައިޑްލައިންއަށް ފެތޭނެ. ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދެވޭނެ." ޝަމާއު ވިދާޅުވި އެވެ.

މި މަހުގެ 10ވަނަ ދުވަހު ލޯކަލް މާރުކޭޓު ހުޅުވޭނެ ކަމަށް ސިޓީ ކައުންސިލުން ލަފާކޮށްފައިވާއިރު، ޝަމާއު ވިދާޅުވީ ހުރިހާ ފަރާތްތަކުން ވެސް މި ހަފުތާ ބޭނުންކުރަންވީ ގޯސްކޮށް ހުރި ކަންކަން ގަވާއިދާ އެއްގޮތަށް ބަދަލުކުރަން ކަމަށެވެ.

ލޯކަލް މާރުކޭޓު ބަންދުކޮށްފައިވީ ނަމަވެސް، ލޮކްޑައުންއަށް ގެނައި ލުއިތަކާއެކު މަސް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓު ހުޅުވުމަށްފަހު ދަނީ ހިދުމަތް ދެމުންނެވެ. ޝަމާއު ވިދާޅުވީ އެ ދެ މާރުކޭޓު ވެސް ހުޅުވީ އެޗްޕީއޭގެ ގައިޑްލައިންތަކަށް ފެތޭތީ ކަމަށެވެ.

ޖޫން 1، 2020: ނިއު ނޯމަލްގެ ފުރަތަމަ މަރުހަލާ ފެށުމާއިއެކު މާލޭ މަގުތަށް ބާރުބޮޑުުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"މިހާރު ހުޅުވާފައި ހުރި ދެ މާރުކޭޓަކީ މަސް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓު. މި ދެތަން ވެސް ހުރީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް. އެންމެ މަތިން ފާސްވާނެ ކަމާމެދު ޝައްކެއް ނުކުރަން. އަދި އެ ރައްކާތެރިކަން ރައްޔިތުންނަށް ކަށަވަރުކޮށްދެން." ޝަމާއު ވިދާޅުވި އެވެ.

comment ކޮމެންޓް