ސްރީލަންކާގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ މީހުން ގެނައުމަށް ބާއްވާ ހާއްސަ ފްލައިޓު މިމަހުގެ އަށެއްވާ ބުދަ ދުވަހު ބާއްވަން ނިންމައިފި އެވެ.
މޯލްޑިވިއަން އިން ބުނީ ލަންކާ އިން މީހުން ގެންނަން ބާއްވާ ހާއްސަ ރެޕަޓްރިއޭޝަން ފްލައިޓުން ދަތުރުކުރަން ބޭނުންވާ ފަސިންޖަރުން އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ހާލުބެލުން ޕޯޓަލްގައި ރެޖިސްޓްރީވާން ޖެހޭނެ ކަމަށެވެ.
މި ފްލައިޓުން ރާއްޖެ އަންނަން ބޭނުންވާ މީހުން ޓިކެޓު ގަންނަން ޖެހޭނީ އަމިއްލަ އަށެވެ. ޖާގަލިބޭ ފަރާތްތަކުން ފަހުވަގުތު ޖާގަ ދޫކޮށްލާ މައްސަލަ ވަނީ މީގެ ކުރިންވެސް ފެންމަތިވެފަ އެވެ.
ފޮރިން މިނިސްޓްރީ އާއި މޯލްޑިވިއަން ގުޅިގެން މީގެ ކުރިންވެސް ރާއްޖެއިން ބޭރުގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ މީހުން ގެނައުމަށް ހާއްސަ ފްލައިޓުތައް ބާއްވާފައިވެ އެވެ. އެގޮތުން އިންޑިއާ ބެންކޮކް، ލަންކާގެ އިތުރުން މެލޭޝިއާ އިން މީހުން ގެނައުމަށް މޯލްޑިވިއަން އިން ވަނީ ދަތުރުތައް ބާއްވައިފަ އެވެ.
އިތުރު އެއާލައިންތައް މެދުވެރިވެގެންވެސް ރާއްޖެއިން ބޭރުގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ މީހުން ވަނީ ގެނެސްފަ އެވެ.
ރާއްޖެއިން ބޭރުން އަންނަ މީހުން އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ކަރަންޓީނު ފުރިހަމަ ކުރަން ޖެހޭނެ އެވެ.
ފްލައިޓްތަކުން ލިބޭ ފުރުސަތުތައް ބައެއް ފަރާތްތަކުން ނުހިފާތީ ފްލައިޓްތައް އޮންނަ ތާރީހުތަކުގައި ރާއްޖެ އަންނަން ޖެހޭ ފަރާތްތަކުން ރާއްޖެ އައުމަށް ފޮރިން މިނިސްޓްރީން ވަނީ މީގެ ކުރިންވެސް އިލްތިމާސްކޮށްފަ އެވެ.