ފިލްމު އެސޯސިއޭޝަން ވެސް ރޭޕާ ދެކޮޅަށް

ޖުލައި 7، 2017: ފިލްމީ ތަރިންތަކެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މޯލްޑިވްސް ފިލްމު އެސޯސިއޭޝަން (އެމްއެފްއޭ) އިން ވެސް ރޭޕްއާ ދެކޮޅަށް ނުކުމެއްޖެ އެވެ.

އެމްއެފްއޭ އިން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ ރޭޕްކުރުމާ ޖިންސީ ގޯނާ އާ އެ އެސޯސިއޭޝަންއިން ދެކޮޅުކަމަށެވެ. އަދި އެފަދަ ކޮންމެ ކަމެއްގައި ވެސް އެމްއެފްއޭ އިން އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އެޅުމުގައި އެސޯސިއޭޝަނުން ފަހަތަކަށް ނުޖެހޭނެކަމަށް ވެސް އެ ޕޯސްޓުގައި ވަނީ ބުނެފަ އެވެ.

އެމްއެފްއޭ އިން މިހެން ބުނީ، މަޝްހޫރު ފިލްމީ ތަރި ޖުމައްޔިލް ނިމާލު (ޖުމަލް) ގެ މައްޗަށް ކުރެވޭ ޖިންސީ ގޯނާގެ ތުހުމަތާ ގުޅިގެން ދެ ފިލްމު ޕްރޮޑަކްޝަން ހައުސްއަކުން އޭނާ އާ އެކު ކުރަން ހުރި މަސައްކަތްތަކުން ވެސް ވަކިކުރުމާއެކު އެވެ.

ޑާކްރެއިން އެންޓަޓެއިންމަންޓް އަދި އައިފިލްމްސް އިން ބުނީ ޖުމައްޔިލް އާއެކު ކުރިއަށް ކުރަން ރާވައިފައިހުރި މަސައްކަތްތަކުން ވެސް އޭނާ ވަކިކޮށްފައިވާކަމަށެވެ.

ރޭޕްގެ މައްސަލަތަކާއެކު ގިނަ އަދަދެއްގެ ފިލްމީ ތަރިން ވެސް އަންނަނީ އެފަދަ މައްސަލަތަކާ ދެކޮޅަށް ސޯޝަލް މީޑިއާގައި އަޑުއުފުލަމުންނެވެ.

comment ކޮމެންޓް