މުވައްޒަފުންނަށް ދޭން ޖެހޭ ހަތަރު މަހެއްގެ މުސާރަ ކޮވިޑާ ގުޅިގެން ވަނީ ނުދެވި: ރިޒާ

ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ --- ފޮޓޯ/ މަޖިލިސް

ބ. ބޮޑުފިނޮޅުގައި މަސައްކަތް ކުރަމުންދާ މީހުންގެ ހަތަރު މަސް ދުވަހުގެ މުސާރަ ކޮވިޑް19 އާ ގުޅިގެން ނުދެވި ވާ ކަމަށް އެތަނުގައި މަސައްކަތް ކުރަމުންދާ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު، މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ ވިދާޅުވެއްޖެ އެވެ.

ބޮޑުފިނޮޅުގައި 200 އެއްހާ ބިދޭސީއިން ދިވެހިންތަކެއް ރަހީނުކޮށް ހަމަނުޖެހުން ހިންގަމުންދާތީ ފުލުހުން ވަނީ ހަރަކާތްތެރިވާން ފަށާފަ އެވެ. ބިދޭސީން ހަމަނުޖެހުން ހިންގަނީ މުސާރަ ނުދޭތީކަމަށް ބުނެ ތުހުމަތުތަކެއް ދަނީ ކުރެވެމުންނެވެ. ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު ރިޒާ އެ ތުހުމަތުތަކެއް ދޮގެއް ނުކުރައްވަ އެވެ. ހަމަ ނުޖެހުން ހިންގަނީ މުސާރަ ނުދީގެންކަމަށް އޭނާވެސް ވިދާޅުވި އެވެ.

ރިޒާ "ސަން"އަށް ވިދާޅުވީ މަސައްކަތްކުރާ މީހުންނަށް ދޭން ޖެހޭ މުސާރަ ނުދެވި ވާ ކަމަށެވެ. މުސާރަ ނުދެވިފައިވަނީ އޭނާގެ ކުންފުންޏާ މަސައްކަތް ހަވާލުކުރި ސީލް މޯލްޑިވްސްއިން ދޭން ޖެހޭ ފައިސާ ނުދީގެން ކަމަށް ވިދާޅުވި އެވެ. އެކަމަކު އެމީހުންނަށްވެސް ފައިސާ ނުދެވި ވަނީ ދިމާވެފައިވާ ކޮވިޑްގެ ހާލަތާއި ގުޅިގެން ދަތިތަކެއް ކުރިމަތި ވެގެން ކަމަށް ރިޒާ ވިދާޅުވި އެވެ.

"އެކޮޅުން ޕޭކުރަން ޖެހޭ ޕޭމެންޓްތައް ޑިލޭވެގެން އައި ޑިލޭއެއް މިއުޅެނީ. އަނެއްހެން ކޮވިޑާ އެކީގައި އައި ޑިލޭއެއް ހަގީގަތުގައި. އެނގިލައްވާނެ ކަންނޭގެ ކުންފުނިތަކަށްވެސް ވަރަށް ތާށި ދަތި އުނދަގޫ ދުވަސްތަކެއް ދެއްތޯ މިއީ." ރިޒާ ވިދާޅުވި އެވެ.

މައި ކުންފުނީގެ ފަރާތުން ލިބެންޖެހޭ ލާރި ނުލިބި ހަތަރު ފަސް މަސް ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ހަތް މަސް ދުވަހުގެ މުސާރަ ނުދޭ ކަމަށް ދައްކާ ވާހަކަ ރިޒާ ދޮގު ކުރެއްވި އެވެ. ވިދާޅުވީ ހަތަރު މަސް ނުވަތަ ހަތަރުމަހާ ބައިގެ މުސާރަ ނުދެވޭ ކަމަށެވެ.

އެރަށުގައި މަސައްކަތް ކުރާ މީހުން މަސައްކަތް ހުއްޓާލައިގެން ތިބޭތާ 43 ދުވަސް ވެފައިވާ ކަމަށް ރިޒާ ވިދާޅުވި އެވެ. އެކަމަކު ބަރާބަރަށް އެމީހުންނާ ވާހަކަ ދައްކަމުން ދާކަމަށް ވިދާޅުވި އެވެ.

"މިރޭވެސް މީގެ 15 މިނިޓް ކުރިންވެސް އެ މީހުންނާ ވާހަކަ ދެކެވުނު. އެބޭފުޅުން އެދެނީ ވީހާވެސް އަވަހަކަށް މުސާރަ އެރޭންޖްކޮށްދޭން. ވިދާޅުވަނީ ޑޭޓެއް ދެއްވާށޭ،" ރިޒާ ވިދާޅުވި އެވެ.

އެރަށުގައި ދިވެހިން ރަހީނު ކުރި ކަމަށްވެސް ބުނެވިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެމީހުން ރަށަށް ދާން ބޭނުން ކަމަށް ބުނުމުން ނުދެވޭނެ ކަމަށް ބިދޭސީން ބުނެފައިވާ ކަމަށް ވިދާޅުވި އެވެ.

ސީލް މޯލްޑިވްސްގައި ލިޔެކިޔުންތަކުން ވެސް ފައިސާގެ ކަންތައް ހަމަޖައްސައި ދިނުމަށް އެދިފައިވާނެ ކަމަށާއި އެކަން ހަމަޖެހުނުހާ އަވަހަކަށް ހުރިހާ މުވައްޒަފުންގެ މުސާރަ ދޭނެ ކަމަށް ރިޒާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެތަނުގައި އޭނާގެ ކުންފުނިން މަސައްކަތް ކުރާތާ 18 މަސް ދުވަސްވެފައިވާ ކަމަށާއި މީގެ ކުރިން ދުވަހަކުވެސް ދޭން ޖެހޭ މުސާރައެއް ނުދީ ނުވާނެ ކަމަށެވެ.

comment ކޮމެންޓް