ރަންވީރު އާއި އަކްޝޭގެ ފިލްމު ސިނަމާތަކަށް

ސޫރިޔަވަންޝީ އަދި 83 ގެ މަންޒަރެއް---

ބޮލީވުޑްގެ ކާމިޔާބު އެކްޓަރު އަކްޝޭ ކުމާރުގެ "ސޫރިޔަވަންޝީ" އާއި އެކްޓަރު ރަންވީރު ސިންހް ގެ "83" ސިނަމާތަކުގައި އަޅުވާގޮތަށް ނިންމައިފި އެވެ.

މި ދަނޑިވަޅުގައި ގިނަ ފިލްމުތަކެއް ޑިޖިޓަލްކޮށް ރިލީޒްކުރި ނަމަވެސް އެ ދެ ފިލްމު ރިލީޒްކުރާނީ ސިނަމާތަކުގައި ކަން މިހާރު ވަނީ ޔަގީންވެފައެވެ. "83" ކްރިސްމަސް ގައި ރިލީޒްކުރާއިރު "ސޫރިޔަަވަންޝީ" ސިނަމާތަކުގައި އަޅުވާނީ ދިވާލީއާ ދިމާކޮށެވެ.

ބޮލީވުޑްގެ އޭ ލިސްޓްގެ ތަރިން ކަމަށްވާ ރަންވީރު ސިންހް އާއި އަޖޭ ދޭވްގަންވެސް "ސޫރިޔަވަންޝީ" އިން ފެނިގެންދާއިރު މި ފިލްމުގެ ބަތަލާގެ ރޯލު ކުޅޭނީ ބަތަލާ ކެޓްރީނާ ކެއިފް އެވެ. "ސޫރިޔަވަންޝީ" އަކީ"'ސިންގަމް" އަދި "ސިމްބާ" ގެ ސްޕިން-އޯފް އެކެވެ. އަދި އެއީ ވެސް "ސިންގަމް" ސީރީޒްގެ ފިލްމެއް ކަމަށް ރޯހިތު ވަނީ ބުނެފަ އެވެ. އެ ފިލްމުގައި އަކްޝޭ ފެނިގެންދާނީ "އޭޓީއެސް އޮފިސަރު ވީރް ސޫރިވަންޝީ" ކިޔާ ފުލުހެއްގެ ރޯލުންނެވެ.

ފިލްމު "83" އަކީ އިންޑިއާގެ ކުރީގެ ކްރިކެޓް ތަރި ކަޕިލް ދޭވް ގައުމީ ކްރިކެޓް ޓީމްގެ ކެޕްޓަންގެ ދަށުން 1983 ގައި ބޭއްވި ކްރިކެޓް ވޯލްޑް ކަޕް އިންޑިއާ ކާމިޔާބުކުރި ގޮތް ދައްކުވައިދޭ ފިލްމެކެވެ.

ފިލްމުގެ ފިރިހެން ލީޑަކީ ރަންވީރު ސިންހްއެވެ. އަދި އަންހެން ލީޑަކީ ރަންވީރުގެ އަންހެނުން ދީޕިކާ ޕަދުކޯން އެވެ. ފިލްމުގައި ދީޕިކާ ކުޅޭނީ ކަޕިލް ދޭވްގެ އަންހެނުން ރޯމީ ބާޓިއާގެ ރޯލެވެ.

އެ ފިލްމުގައި ހަރަކާތްތެރިވާނެ ބައެއް ތަރިންނަކީ ދައިރިއާ ކަރްވާ، ޑިންކަރް ޝަރުމާ، ސާގިބް ސަލީމް އަދި ތާހިރު ރާޖް ބާސިން އެވެ.

comment ކޮމެންޓް