ސަފާރީއެއްގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ފުލުހުން އަމަލުކޮށްފައިވަނީ ރަނގަޅަށްތޯ ބެލުމަށް ބޭނުންވާ ބައެއް މައުލޫމާތުތައް އަދިވެސް ނުދޭ ކަމަށް ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އިން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއްސަސަސާތަކާ ބެހޭ ކޮމިޓީގައި ބުނެފިއެވެ.
ހުޅުމާލެ ކައިރީ އަޅާފައި އޮތް ސަފާރީއަކަށް ދިޔަ ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުންނަށް ހުށަހެޅީ ހުކުރު ދުވަހުގެ ފަތިހު 5:00 އެހައިކަންހާއިރުއެވެ. އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި އުމުރުން 39 އަހަރުގެ ދިވެހި ދެ ފިރިހެންމީހާ ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށް ބުނެ ފުލުހުން ވަނީ ދޫކޮށްލާފައެވެ. އެކަމާ ގުޅިގެން ފުލުހުންނަށް ވަނީ ފާޑު ކިޔުން އަމާޒުވެފައެވެ.
މިކަމުގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ބެލުމަށް މިއަދު އެންއައިސީގެ އިސްވެރިން ވަނީ ކޮމިޓީއަށް ހާޒިރުކޮށްފައެވެ. ކޮމިޓީގައި ވާހަކަ ދައްކަވަމުން އެ ކޮމިޝަންގެ ރައީސް އަހްމަދު ސުލައިމާން ވިދާޅުވީ، އެ ކޮމިޝަންގެ ސަމާލުކަމަށް އެ މައްސަލަ އައިސްފައިވަނީ މިދިޔަ އާދިއްތަ ދުވަހު ކަމަށާއި، ދެ ފަރާތަކުން އެ ކޮމިޝަނަށް އެ މައްސަލަ ހުށަހެޅި ނަމަވެސް، އެ ކޮމިޝަނުން އިސްނަގައިގެން ބަލަމުންދާ މައްސަލައެއްގެ ގޮތުގައި މައްސަލަ ބަލަން ފަށާފައިވާ ކަމަށެވެ.
އެގޮތުން ކޮމިޝަންގެ ރައީސްއަށް ގާނޫނުން ލިބިގެންވާ ބާރުގެ ދަށުން އެ މައްސަަލަ ބެލުމަށް ތިން މެމްބަރުންގެ ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށް ސުލައިމާން ވިދާޅުވިއެވެ.
މި މައްސަލައިގައި ހިމެނޭ ބައެއް ލިޔުންތައް އެންއައިސީއަށް ލިބިފައި ނުވާއިރު، ސުލައިމާން ވިދާޅުވީ އެހެން މައްސަލަތަކުގައިވެސް ފުލުހުން ލިޔެކިޔުންތައް ދިނުމުގައި ލަސް ކަމަށެވެ.
ތަހުގީގު ޓީމުގައި އިސްކޮށް އުޅުއްވާ، ކޮމިޝަންގެ މެމްބަރުން ކާނާލް ރިޓަޔާޑް އަހްމަދު ޖިހާދު ވިދާޅުވީ، މި މައްސަލަ އާދިއްތަ ދުވަހު ކޮމިޝަންގެ ސަމާލުކަމަށް އައުމާއެކު އެ ދުވަހުން ފެށިގެން ބައްދަލުވުން ބާއްވައި، މައްސަލަ ބަަލަން ފެށި ކަމަށެވެ. އެގޮތުން ކަން ހިނގައި ދިޔަ ގޮތް ބެލުމަށް ފުލުހުންގެ ފަރާތުން މައުލޫމާތު ސާފު ކުރުމަށް އެދި ސިޓީއެއް ފޮނުވި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ފުލުހުން އެ ސިޓީގެ ޖަވާބު ދިނީ އިއްޔެ ކަމަށް ޖިހާދު ވިއެވެ.
"ފުލުުހުންގެ ސިޓީގެ ޖަވާބުގައި އޮތީ އިންސިޑެންޓް ހިނގައި ދިޔަ ގޮތް. އެހެން ނަމަވެސް ތަހުގީގާ ގުޅޭ ކަންކަމެއް ނެތް. ސިޓީގައި ބަޔާންކޮށްފައި އޮތް އެއީ ތަހުގީގު ކުރަމުންދާ މައްސަލައަކަށް ވާތީ، ތަހުގީގާ ގުޅޭ ކަންކަން ހިއްސާ ނުކުރެވޭނެ ކަމަށް،" ޖިހާދު ވިދާޅުވިއެވެ.

މަޖިލިސް އިން އެންއައިސީއާއެކު ބޭއްވި ބައްދަލުވުން --- ފޮޓޯ މަޖިލިސް
ޖިހާދު ވިދާޅުވީ، މިކަމަކީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އޮތް މައްސަލައަކަށްވުމުން ކޮމިޝަންގެ މަގްސަދަކީ، ފުލުހުން މިކަމުގައި އިހުމާލެއްވެފައި އޮތްތޯ ބެލުން ކަމަށެވެ. އަދި ފުލުހުން ތަހުގީގާ ގުޅޭ މައުލޫމާތު ނުދިނުމުން ދެން މަސައްކަތް ކުރީ، އަނިޔާ ލިބުނު މީހާގެ ބަހެއް ހޯދުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ފުލުހުން ދިން ނަންބަރުތަކުންވެސް ފުރަތަމަ އެމީހާއާ ގުޅުމަށް ދަތިތަކެއް ކުރިމަތިވި ކަމަަށް އޭނާ ފާހަގަ ކުރެއްވިއެވެ.
"ފުލުހުން ހިއްސާ ކުރި ނަންބަރަކުން އޭނާއަށް ނުގުޅޭ. އެ ނަންބަރުން ފޯނު ނެގީ ކުންފުންޏެއްގެ މީހެއް. އެތަނުން ބުނީ އެތަނުގައި އޭނާ [ކެންޔާ އަންހެންމީހާ] މަސައްކަތް ނުކުރާ ކަމަށް. [ފުލުުހުން ދިން] ދެވަނަ ނަންބަރުންވެސް އޭނާއަކަށް ނުގޭޅޭ،" އަނިޔާ ލިބުނު ފަރާތުގެ ބަހެއް ހޯދުމަށް ކުރިމަތިވި ދަތިތަކާ ގުޅޭ ގޮތުން ޖިހާދު ވިދާޅުވއިެވެ.
ޖިހާދު ވިދާޅުވީ، އެނައްކާވެސް އެފަހުން ފުލުހުންގެ އެހީތެރިކަމާއެކު ކެންޔާ މީހާއާ ގުޅުނީ އިއްޔެ ކަމަށެވެ. އަދި ކޮމިޝަނުން އޭނާގެ ބަހެއް ބޭނުންވާކަމަށް އެދުމުން އަނިޔާ ލިބުނު ފަރާތް އިއްޔެ އިންޓަވިއު ދިނުމަށް އުޒުވެރިވުންމުން އެކަން ކާމިޔާބު ނުވި ކަމަށް ޖިހާދު ވިދާޅުވިއެވެ. ނަމަވެސް މިއަދު އިންޓަވިއު ހަމަޖެއްސި ކަމަށް އޭނާ ވިދާޅުވިއެވެ.
"މިކަމުގައި ބަހެއް ހޯދުމަށް އެދުމުން [ނަން އުނިކުރެވވިފައި] ބުނީ މެންޓަލީ ތިމަންނަ މިއަދު ފިޓެއް ނޫން ކަމަށް. މާދަމާ އަށް ލަސްކޮށްދޭން. ދެން އަޅުގަނޑުމެން އެދުނީ މިއަދުގެ 10 ޖަހާއިރު އިންޓަވިއު ހަމަޖައްސަން. މިއަދު މަޖިލީހަށް އައި އިރު، އޭނާގެ ބަޔާން ނެގި، ކޮމްޕިއުޓަރުން ޓައިޕްކޮށް، ސޮއިކުރާ ހިސާބަށް ގޮސްފައި އޮންނާނެ ކަމަށް މި ބެލެވެނީ،" ޖިހާދު ވިދާޅުވި އެވެ.

މަޖިލިސް އިން އެންއައިސީއާއެކު ބޭއްވި ބައްދަލުވުން --- ފޮޓޯ މަޖިލިސް
ޖިހާދު އިތުރަށް ވިދާޅުވީ، މިކަމާ ގުޅިގެން މިހާތަނަށް ތިން ބައްދަލުވުމެއް ކޮމިޝަނުން ބެއްވި ކަމަށެވެ. އެގޮތުން އެންމެ ފަހުން ބޭއްވި ބައްދަލުވުމުގައި، މިފަދަ މައްސަލަތަކުގައި ފުލުހުން އަމަލުކުރާ ޕްރޮސީޖާތައް ބަލަން ހުޅުމާލެ ޕޮލިސް ސްޓޭޝަނަށް ދާން ނިންމައި، އިއްޔެ ހަވީރު ކޮމިޝަންގެ މެމްބަރުން ހުޅުމާލެ ޕޮލިސްޓޭޝަނަށް ޒިޔާރަތް ކުރި ކަމަށް އޭނާ ވިދާޅުވިއެވެ.
"ފުލުހުން މި ހާދިސާތަކުގައި ގެންދާ ޕްރޮސީޖާތައް ބެލުމަށް އަދި އަޅުގަނޑުމެން ބަލަން ބޭނުންވީ ހާދިސާ ލޮގްވެގެން ދިޔަ ހުރިހާ ޕްރޮސީޖާތަކުގެ ޑޮކިއުމެންޓްސްތަކެއް ވެސް ހޯދުމަށްޓަކައި،" ޖިހާދު ވިދާޅުވިއެވެ.
ޖިހާދު ވިދާޅުވި ގޮތުގައި ތަހުގީގު ޓީމުން އެތަނަށް ގޮސް އެދުނު ޑޮކިއުމަންޓްސްތައް އަދިވެސް ނުލިބޭ ކަމަށެވެ. ނަމަވެސް ސްޓޭޝަންގެ ހަތަރު ފުލުހެއްގެ ބަޔާން ނެގިކަމަށް ޖިހާދު ވިދާޅުވިއެވެ. އެއީ ސީނަށް ދިޔަ ތިން ފުލުހަކާއި އެ ވަގުތު ޝިފްޓް އިންޗާޖުގެ ބަޔާނެވެ.
"ދެން އަޅުގަނޑުމެން ނިންމީ [ކެންޔާ އަންހެން މިހާގެ] ބަޔާން ނެގުމަށް މިއަދު އޮތުމާއެކު އޭގެ މައްޗަށްކަމަށް ދެން ކުރިއަށް ގެންދަނީ،" ޖިހާދު ވިދާޅުވިއެވެ. "ފުލުހުންގެ ލޮގް ސީޓު އަދި ނުއެއް ލިބޭ. ލޮގު ލިބުނީމަ އެނގޭނީ ފުލުންނަށް ރިޕޯޓުކޮށްފައި އޮތް ޖިންސީ ގޯޯނާއާއި އެއާ ގުޅުމެއް އޮތް ކަން،"
ޖިހާދު ވިދާޅުވިގޮތުގައި އަނިޔާ ލިބުނު އަންހެން މީހާގެ މެޑިކަލް ރިޕޯޓް ހިއްސާކުރަން ވެސް ކޮމިޝަނުން މިހާރު ވާނީ ހޮސްޕިޓަލުގައި އެދިފަައެވެ.

މަޖިލިސް އިން އެންއައިސީއާއެކު ބޭއްވި ބައްދަލުވުން --- ފޮޓޯ މަޖިލިސް
ޖިހާދުގެ ވާހަކައަށްފަހު ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ވިލިިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވީ، ގާނޫނުން ކޮމިޝަނަށް އަމިއްލަ އިސްނެންގުމަށް މައްސަލަތައް ބެލުމުގެ ބާރު ދީފައިވާއިރު، މި މައްސަލައިގެ ތަހުގީގު ފަށާފައި ވަނީ ކަން ހިނގިތާ ދެ ދުވަސް ފަހުުން ކަމަށެވެ. އެގޮތުން މި މައްސަލައަކީ ރައްޔިތުން ނުހަނު ކަންބޮޑުވާ މައްސަލައަކަށްވީރު، ކޮމިޝަނުން އެ މައްސަލައިގެ ތަހުގީގު ފެށުން ލަސްކަމަށް ފާހަގަކުރައްވާފައެވެ.
"މިއަށްވުރެ އަވަހަށް ތިބޭފުޅުންނަށް މައްސަލަ ބެލެން ވާނެ. އަދި މައްސަލަ ބަލަން ފަށައި އެކަން އާންމުކޮށް ރައްޔިތުންނަށް އަންގަންވެސް ޖެހޭނެ،" އުޝާމް ވިދާޅުވިއެވެ.
އުޝާމް ވިދާޅުވީ، ކޮމިޝަނުން ބޭނުންވާ މައުލޫމާތެއް ލިބެން ޖެހޭއިރު ކޭސް ފައިލް ރިޕޯޓް ނުލިބޭ ކަމަށް ކޮމިޝަނުން ބުނުމަކީވެސް މައްސަލައެއް ކަމަށެވެ. އަދި ފުލުހުންގެ ފަރާތުން ލިބެންޖެހޭ މައުލޫމާތު ނުލިބޭނަމަ، އެކަންވެސް ބަލަން ޖެހޭ ކަމަށް އުޝާމް ވިދާޅުވިއެވެ.
އޭގެ އިތުރުން އަނިޔާ ލިބުނު އަންހެން މީހާގެ އިންޓަވިއު ހޯދަން އަވަސްވުމުގެ ބަދަލުގައި އެންއައިސީގެ ޒިންމާ އަކީ އެ މައްސަލައިގައި ފުލުހުން އަމަލުކުރި ގޮތް ބެލުން ކަމަށް އުޝާމް ފާހަގަ ކުރެއްވިއެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހްމަދު ނަސީމު ވިދާޅުވީ އެހެން މައްސަލަތަކާ ހިލާފަށް ފުލުހުން މިކަމުގެ ފުރިހަމަ މައުލޫމާތު ހާމަކޮށްފައިވަނީ ދެދުވަސް ފަހުން ކަމަށެވެ. އަދި ފުލުހުން މިކަމުގައި ބަޔާން ނެރުނީވެސް އާންމުންގެ ޕްރެޝަރާއެކު ކަމަށްވެސް އޭނާ ފާހަގަ ކުރެއްވިއެވެ.
އެގޮތުން މިކަމުގައި ފުލުހުން އަމަލުކުރި ގޮތް މިފަދަ އެހެން މައްސަލަތަކާ ތަފާތުތޯ މެމްބަރު މީކާއިލް އެންއައިސީގެ މެމްބަރުންގެ ކިބައިން ސުވާލު ކުރެއްވި އެވެ. އަދި މިކަމުގައި ސިޔާސީ ނުފޫޒު އޮތް ކަމަށް ކުރާ ތުހުމަތްތަކަކީ ހަގީގަތެއްތޯވެސް އޭނާ އެއްސެވި އެވެ.
މިކާއިލްގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ސުލައިމާން ވިދާޅުވީ، އެންއައިސީގެ މުޅި ތަހުގީގު ކުރިއަށް ދާނީ މިކާއިލް ފާހަގަ ކުރެއްވި ކަންބޮޑުވުންތަކުގެ މައްޗަށްކަމަށެވެ. އަދި ފުލުހުން ބަޔާން ނެރުމުގައި ލަސްކަމެއް ހުރި ކަން އެނގޭނީ، ފުލުހުންގެ މީޑިއާގެ އުސޫލްތައް ބެލުމަށް ފަހުކަމަށް އޭނާ ވިދާޅުވިއެވެ.
"މިއީ ފުރަތަމަ ފަހަރެއް ނޫން ފުލުހުން މައުލޫމާތު އައުމުގައި ކުޑަކޮށް ލަސްވާ. މި މައްސަލައިގައިވެސް އެބަ އޮތް ވިދާޅުވެފައި ތަހުގީގު ކުރަމުންދާތީވެ، ބައެއް މައުލޫމާތު އެންއައިސީއާ ހިއްސާ ނުކުރެވޭނެ ކަމަށް. އަޅުގަނޑުމެން ގަބޫލުކުރަނީ ގާނޫނުގެ ތެރެއިން ހިއްސާ ނުކުރެވެންވީ ސަބަބެއް ނެތް ކަމަށް،" ސުލައިމާން ވިދާޅުވުއެވެ.