ރިޔާސީ ކޮމިޝަންތަކުން އޭޖީއަށް ފޮނުވާ މައުލޫމާތުތަކުގެ ސިއްރު ހިފަހައްޓަން އުސޫލެއް އެކުލަވާލައިފި

ޑިސެމްބަރު 15، 2019: ބަންޑާރަ ނައިބު އިބްރާޙިމް ރިފްއަތު --- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ރިޔާސ ކޮމިޝަންތަކުން އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވާ މައުލޫމާތާއި ލިޔެކިޔުންތަކުގެ ސިއްރު ހިފެހެއްޓުމަށްޓަކައި އަމަލުކުރާނެ ހާއްސަ އިޖުރާއަތުތައް ބަޔާން ކުރާ އުސޫލު އާންމުކޮށްފިއެވެ.

މިއީ ރިޔާސީ ކޮމިޝަންތަކުގެ ގާނޫނުގެ 13 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން އެކުލަވާލި މި އުސޫލެކެވެ. މި އުސޫލުގެ ބޭނުމަކީ ރިޔާސީ ކޮމިޝަންތަކުން ތަހުގީގުކޮށް، ދައުވާ ކުރުމަށާއި ފިޔަވަޅު އެޅުމަށް އެޓާނީ ޖެނަރަލްގެ އޮފީހަށް ފޮނުވާ މައްސަލަތަކުގައި ހިމެނޭ އެންމެހައި މައުލޫމާތާއި ލިޔެކިޔުންތަކުގެ ސިއްރު ހިފެހެއްޓުމަށްޓަކައި އަމަލުކުރާނެ ހާއްސަ އިޖުރާއަތުތައް އެކަށައަޅައި، އެކަމާބެހޭ އިންތިޒާމްތައް ހަމަޖެއްސުމެވެ.

އެ އުސޫލުގެ ދަށުން ސިއްރު މައުލޫމާތުގެ ގޮތުގައި ބަލަން ޖެހޭ މައުލޫމާތަކީ ކޮބައިކަން އެ އުސޫލުގައި ބަޔާންކޮށްފައިވެއެވެ. އޭގެ ތެރޭގައި ރިޔާސީ ކޮމިޝަނަކުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ގާނޫނީ ލަފައެއް ހޯދުމަށް އެދޭ ލިޔުންތަކާއި، ދައުވާ ކުރުމަށް ފޮނުވާ ލިޔުންތަކާއި، ރިޔާސީ ކޮމިޝަނުން ހުށަހަޅާ މައްސަލައެއް ކޯޓަށް ހުށަހަޅައިގެން ކުރިއަށްގެންދާއިރު އެ މައްސަލައިގެ ލިޔުންތަކާއި، ރިޔާސީ ކޮމިޝަނާއެކު ބޭއްވޭ ބައްދަލުވުންތަކުގެ ރެކޯޑިންނާއި ޔައުމިއްޔާތައް އަދި އެފަދަ ތަކެތީގެ ކޮޕީތައް ހިމެނެއެވެ.

ސިއްރު މައުލޫމާތެއް ލިބިއްޖެ ނަމަ ލަސްނުކޮށް އެ މައުލޫމާތެއް އެޓާނީ ޖެނެރަލްގެ އޮފީހުގެ ކަމާ ބެހޭ ޑިވިޝަންއަކާ ހަވާލުވެ ހުރި ފަރާތަކަށް ސިއްރު ލިޔުން ބަލައިގަންނަ އިދާރީ މުވައްޒަފު ދޭން ޖެހޭނެ ކަމަށް އެ އުސޫލުގައި އޮވެއެވެ. އަދި ޑިވިޝަނާ ހަވާލުވެގެން ހުންނަ ފަރާތަށް އެ މައުލޫމާތު ލިބުމުން، އެޓާނީ ޖެނެރަލް ނުވަތަ ޑެޕިއުޓީ އެޓާނީ ޖެނެރަލްގެ މަޝްވަރާގެ މަތިން އެ މައްސަލައަކަށް އެޓާނީން އައްޔަންކޮށް އެ މައްސަލައަކާ ގުޅޭ އެންމެހާ މައުލޫމާތު އެ އެ އެޓާނީންނާ ހަވާލު ކުރަން ޖެހޭނެ ކަމަށް އޮވެއެވެ.

އެ އުސޫލުގައި ބަޔާން ކުރާ ބާވަތުގެ ސިއްރު މައުލޫމާތު ލިބޭ ކޮންމެ މުވައްޒަފަކު އެ ސިއްރެއް ހިފަހަައްޓަން ޖެހޭނެ ކަމަށް އުސޫލުގައިވެއެވެ. އަދި އެ ސިއްރު ލިޔުންތަކުގެ އެކްސެސް ލިބިފައި ނުވާ މުވައްޒަފުންނާ މަޝްވަރާ ކުރެވޭނީވެސް އެޓާނީ ޖެނެރަލް ނޫނީ ޑެޕިއުޓީ އެޓާނީ ޖެނެރަލްގެ ހުއްދައާއެކު ކަމަށް ބުނެފައިވެއެވެ.

ދައުލަތުގެ އެހެން އިދާރާއަކަށް ސިއްރު މައުލޫމާތު ދެެވޭނީ ގާނޫނަކުން އެ މައުލޫމާތެއް ހިއްސާ ކުރުމަށް އެޓާނީ ޖެނެރަލްގެ އޮފީހުގެ މައްޗަށް ލާޒިމު ކުރާ ފަރާތަކަށް ކަމަށް އެ އުސޫލުގައި އޮވެއެވެ. އަދި އެ މައުލޫމާތެއް ދޭން ޖެހޭނީ އެއީ ސިއްރު އަދި އިމްތިޔާޒު ލިބިގެންވާ މައުލޫމާތެއްކަން އެނގޭ ގޮތަށް ކަމަށްއޮވެއެވެ. އަދި އެފަދަ މައުލޫމާތެއް ދެވޭނީ އެކަމަށް އެދޭ ފަރާތުން ލިޔުމުން ހުށަހެޅުމުން އެޓާނީ ޖެނެރަލް ނުވަތަ ޑެޕިއުޓީ އެޓާނީ ޖެނެރަލްގެ ހުއްދަ ލިޔުމުން ލިބިގެންނެވެ.

ސިއްރު މައުލޫމާތު އެންޓްރީކޮށް ބަލަހައްޓަން ވާނީ ހަމައެކަނި އެޓާނީ ޖެނެރަލް ކަނޑައަޅާ ވަކި ފަރާތްތަކަކަށް އެކްސެސް ކުރެވޭ ފޯލްޑާއެއްގައި ކަމަށް އެ އުސޫލުގައި އޮވެއެވެ. އަދި އެ އެކްސެސް ދިނުމުގެ ކަންކަން ހަމަޖައްސާނީ އައިޓީ މުވައްޒަފުން ކަމަށާއި، ނަމަވެސް އައިޓީ މުވައްޒަފުންނަށް އެ ފޯލްޑަރަށް ނުވަދެވޭނެ ކަމަށްވެސް ވެއެވެ. އުސޫލުގައިވާ ގޮތުން ސިއްރު ލިޔުންތައް އެ ފައިލުގައި ރައްކާތެރިކަމާއެކު ގެންގުޅުމަކީ އެ މައްސަލައެއް ހަވާލު ކުރި އެޓާނީންގެ ޒިންމާއެެކެވެ.

އުސޫލުގައިވާ ގޮތުން ސިއްރު މައުލޫމާތު ރައްކާތެރިކޮށްފައި ހުންނަ ޕެންޑްރައިވް ފަދަ ތަކެތި ބަހައްޓާނެ ތަޅުލެވޭ ގޮތަށް ހަދާފައިވާ ވަކި ތަނެއްވެސް ގާއިމް ކުރަން ޖެހޭނެއެވެ. އަދި އެ ތަނުން ތަކެތި ނެގުމުގެ ރެކޯޑު އިދާރީ މުވައްޒަފަކު ބަލަހައްޓަން ޖެހޭނެ އެވެ.

މިއަދުން ފެށިގެން މި އުސޫލަށް އަމަލު ކުރަން ފެށިފައިވާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލި ކޮމިޝަންތަކުގެ މަސައްކަތްތައް އަދިވެސް ކުރިއަށް އެބަދެއެވެ.

comment ކޮމެންޓް