ކޮވިޑަށްފަހު ކުޅިވަރުގެ ރޫހު އިޔާދަކުރަން ކެނދިކުޅުދޫގައި ފުޓްސަލް މުބާރާތެއް

ކޮމެޓްސް ސްޕޯޓްސް ކުލަބުން އިންތިޒާމުކޮށްގެން ބާއްވާ ސީއެސްސީ ކަޕުގެ ތެރެއިން ---

ކޮވިޑް-19 އަށްފަހު ރާއްޖެ އަލުން ހަމައަކަށް އެޅުމަށް މަސައްކަތް ކުރަމުން ދާ އިރު، ނ. ކެނދިކުޅުދޫ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކުރުމުގެ ގޮތުން އެރަށު ކޮމެޓްސް ސްޕޯޓްސް ކްލަބުން ފުޓްސަލް މުބާރާތެއް ފަށައިފިއެވެ.

ސީއެސްސީ ފުޓްސަލް ޗެލެންޖުގެ ނަމުގައި ރޭ ފެށި މި މުބާރާތުގައި ޖުމުލަ އަށް ޓީމު ވާދަކުރާއިރު ކޮންމެ ރެޔަކު ވެސް ދެ މެޗު ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. މި މުބާރާތަކީ ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާއި ދުރުގައި ގިނަ ޒުވާނުންތަކެއް ތިބެން ޖެހުމާއެކު އަލުން އަނބުރާ ކުޅިވަރުގެ ފޯރި ގެނައުމަށާއި، ރަށުގެ ޒުވާނުންގެ މެދުގައި އެކުވެރިކަން އާލާ ކުރުމުގެ ގޮތުން ބާއްވާ މުބާރާތެކެވެ.

ކޮރޯނާ ވައިރަހުގެ ކޮމިއުނިޓީ ސްޕްރެޑަކާ ގުޅިގެން ކުރިން މޮނީޓަރިންގް ހާލަތަށް ގެނެވިފައި އޮތް ކެނދިކުޅުދޫއަކީ މީގެ ކުރިން ކޮންމެ އަހަރެއްގެ ރަމަޟާން މަހަށް އަމާޒުކޮށްގެން މުބާރާތް ބާއްވާ ރަށެކެވެ. އެކަމަކު މިއަހަރު އެ މުބާރާތްވެސް ކެންސަލްކުރަން ޖެހުމާއެކު ރަށުގައި ގާއިމުވެތިބި ގިނަ ޒުވާނުން ތިބީ މުބާރާތެއްގެ އިންތިޒާރުގައި ކަމަށް ކޮމެޓްސް ސްޕޯޓްސް ކުލަބުން ވަނީ ބުނެފަ އެވެ.

ކޮމެޓްސް ސްޕޯޓްސް ކުލަބުން އިންތިޒާމުކޮށްގެން ބާއްވާ ސީއެސްސީ ކަޕުގެ ތެރެއިން ---

އެގޮތުން ކޮމެޓްސްއިން ރޭ ފެށި މި މުބާރާތުގައި މިހާތަނަށް ދެ މެޗު ކުޅެފައިވާ އިރު ފުރަތަމަ މެޗުގައި ބައްދަލު ކުރީ އެފްސީ މަޅިއާއި، ވިންޑް ވޯރިއާސް އެވެ. މި މެޗު 1-2 އިން ވިންޑް ވޯރިއާސް ކާމިޔާބު ކުރި އިރު މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ވިންޑް ވޯރިއާސްގެ އަބްދުލްރަހްމާން ހުސައިން އެވެ.

ރޭ ކުޅުނު ދެވަނަ މެޗުގައި ޓީމް-35 އާއި ދިލް ތޯ ޕާގަލް ހޭ ބައްދަލު ކުރި މެޗު 2-6 ގެ ނަތީޖާއަކުން ދިލް ތޯ ޕާގަލް ހޭ ކާމިޔާބު ކުރި އިރު މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ މޮޅުވި ޓީމުގެ އަލީ ނުހާދު އެވެ.

ދެ ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގެ ސެމީފައިނަލަށް ދެ ގްރޫޕުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމް ދަތުރު ކުރާ އިރު އެއްވަނައަށް ދާ ޓީމަކަށް ވާދައިގެ ތަށްޓާއި ހަނދާނީ ލިޔުން ހަވާލު ކުރުމަށް ވަނީ ނިންމާފަ އެވެ.

މި މުބާރާތުގައި މިރޭ ކުޅޭ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ އެ ރަށުގެ އެންމެ ޒަމާންވީ، އަދި އެންމެ ކާމިޔާބު ކުލަބު ކަމަށްވާ ރޮބިންސިއާ އަދި ބޮޑުމަގު ޔުނައިޓެޑްއެވެ. ދެވަނަ މެޗުގައި ފިފްޓީ-ފިފްޓީއާ ދެކޮޅަށް ނުކުންނާނީ ކޭއެންޖީ އެވެ.

ނ. އަތޮޅުގައި ވެސް ފާހަގަކޮށްލެވޭ ގިނަ ކުޅުންތެރިންތަކެއް ނިސްބަތްވާ ކެނދިކުޅުދޫއަކީ އެ އަތޮޅުގެ ރަށްރަށަށް ހުޅުވާލައިގެން 2018 ވަނަ އަހަރު ބޭއްވި ރާއްޖޭގެ އެންމެ އަގުބޮޑު މުބާރާތް ކަމަށްވާ ސިޔާމް-މައުރޫފް ކަޕުގެ ޗެމްޕިއަނުންނެވެ. ކެނދިކުޅުދޫއިން ވަނީ 2016 ވަނަ އަހަރު ބޭއްވި އެ މުބާރާތުގެ ރަނަރަޕްކަން ހޯދައިފަ އެވެ.

comment ކޮމެންޓް