ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަނބިން، ފިރިން އަދި 18 އަހަރު ނުފުރޭ ދަރިންގެ މާލީ ބަޔާން މަޖިލީހުގެ ވެބްސައިޓުގައި އާންމުކުރަން ނުޖެހޭ ގޮތަށް، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު އިސްލާހުކުރަން، މަޖިލީހުގެ އާންމު ކޮމެޓީން ނިންމައިފި އެވެ.
މަޖިލީހުގެ ގަވާއިދުގެ 68 ވަނަ މާއްދާގެ (ހ)ގައި ބުނެފައި ވަނީ މެމްބަރުންގެ މުދަލާއި ފައިސާގެ ބަޔާން ނުވަތަ މާލީ ބަޔާން ކޮންމެ މީލާދީ އަހަރެއްގެ އޮގަސްޓު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް މަޖިލީހުގެ އަމީން އާންމަށް ހުށަހަޅަންވާނެ ކަމަށެވެ.
އެ މާއްދާގެ (ރ)ގައި ބުނެފައި ވަނީ މަޖިލީހުގެ މެންބަރުންގެ މުދަލާއި ފައިސާގެ ބަޔާން ނުވަތަ މާލީ ބަޔާން، އަނބިން، ފިރިން އަދި 18 އަހަރު ނުފުރޭ ދަރިން ވެސް ހިމެނޭ ގޮތުން، އަހަރަކު
އެއްފަހަރު ތައްޔާރުކޮށް، މަޖިލީހުގެ އަމީންއާންމަށް ހުށަހަޅަންވާނެ ކަމަށެވެ.
އަދި އެ މުދަލާއި ފައިސާގެ ބަޔާން ނުވަތަ މާލީ ބަޔާން މަޖިލީހުގެ ވެބްސައިޓްގައި ޝާއިއުކުރަންވާނެ ކަމަށެވެ.
ނަމަވެސް އެ ދެ މާއްދާ އިސްލާހުކޮށްދިނުމަށް އެދި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވުމާ ގުޅިގެން މަޖިލީހުގެ އާންމު ކޮމެޓީން، އެ އިސްލާހުތައް ދިރާސާކުރުމަށް ފަހު ނިންމި ގޮތުގެ ރިޕޯޓު މިހާރު ވަނީ އާންމުކޮށްފަ އެވެ.
މަޖިލީހުގެ ގަވާއިދުގެ 68 ވަނަ މާއްދާގެ (ހ) އިސްލާހުކޮށްފައި ވަނީ، މަޖިލީހުގެ މެމްބަރުންގެ މުދަލާއި ފައިސާގެ ބަޔާން، އަނބިން، ފިރިން އަދި 18 އަހަރު ނުފުރޭ ދަރިން ވެސް ހިމެނޭގޮތުން ތައްޔާރުކޮށް، ކޮންމެ މީލާދީ އަހަރެއްގެ އޮގަސްޓު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް މަޖިލީހުގެ އަމީން އާންމަށް ހުށަހަޅަންޖެހޭ ގޮތަށެވެ.
އެ މާއްދާގެ (ރ) އިސްލާހުކޮށްފައި ވަނީ މާއްދާގެ (ހ)ގެ ދަށުން ހުށަހަޅާ މެމްބަރުންގެ މުދަލާއި ފައިސާގެ ބަޔާން ނުވަތަ މާލީ ބަޔާން، އަނބިން، ފިރިން އަދި 18 އަހަރު ނުފުރޭ ދަރިން ނުހިމެނޭ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓުގައި ޝާއިއުކުރަން ވާނެ ކަމަށެވެ.
އެހެންކަމުން މި އިސްލާހު ތަޅުމުން ފާސްވެއްޖެ ނަމަ، މެމްބަރުންގެ އަނބިން/ފިރިން އަދި 18 އަހަރު ނުފުރޭ ދަރިންގެ މާލީ ބަޔާން ހުށަހެޅަން ޖެހުނު ނަމަވެސް، މަޖިލީހުގެ ވެބްސައިޓުގައި އާންމުކުރާކަށް ނުޖެހޭނެއެވެ.
ކޮމިޓީ ރިޕޯޓުގައި ބުނެފައި ވަނީ، އެ އިސްލާހުތަކަށް ކޮމެންޓްކުރުމަށް އެދި މަޖިލީހުގެ އިދާރާއިން އެންޓި-ކޮރަޕްޝަން ކޮމިޝަނާއި، އޮޑިޓާ ޖެނެރަލްގެ އޮފީހާއި، ޓްރާންސްޕޭރެންސީ މޯލްޑިވްސް އަށް ފޮނުވި ކަމަށެވެ.
އަދި އިސްލާހުގެނައުމުގައި އެފަރާތްތަކުން ދިން ކޮމެންޓަށް ރިއާޔަތްކޮށްފައިވާނެ ކަމަށެވެ.
އޭސީސީން ބުނެފައި ވަނީ މާލީ ބަޔާން ހުށަހަޅާ ފަރާތްތަކުގެ ޒާތީ އަދި ޝަޚްސީ މައުލޫމާތު ނުހިމަނައި، އެ ބަޔާންތައް އާންމުކުރުމަކީ، ހުށަހަޅާ ފަރާތުގެ ނަޒާހަތްތެރިކަން ރައްޔިތުންނަށް ޔަގީންކޮށްދީ، އެ ފަރާތްތަކުގެ ނަޒޭހަތްތެރިކަމާމެދު އުފައްދާ ސުވާލުތަކާމެދު ޖަވާބުދާރީވުމުގެ ގޮތުން ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ.
ނަމަވެސް 18 އަހަރު ނުފުރޭ ދަރިންގެ މާލީ ބަޔާން ހުށަހަޅަން ޖެހޭ ގޮތަށް އޮތް ނަމަވެސް، އެ މައުުލޫމާތުތައް އާންމުކުރުމަކީ އެކަމުގެ ސަބަބުން، ފައިދާއަށްވުރެ އޭގެ ގެއްލުން ބޮޑުވެދާނެ ކަންތައްތަކެއް ހިނގުމުގެ އިހުތިމާލު ބޮޑު ކަމެއް ކަމަށް ކޮމިޝަނަށް ފާހަގަކުރެވޭ ކަމަށެވެ.
ޓްރާންސްޕޭރެންސީން ބުނެފައި ވަނީ މާލީ ބަޔާަން ހުށަހެޅުމުގެ އެންމެ ރަނގަޅު މިންގަނޑަކީ މެމްބަރުންނާއި، މެންބަރުންގެ އަނބިން/ފިރިން އަދި 18 އަހަރު ނުފުރޭ ދަރިންގެ މާލީ ބަޔާން ވެސް ހުށަހެޅުން ކަމަށެވެ.
އެހެން ނަމަވެސް އެ ބަޔާންތައް ތަފްސީލްތައް އާންމުކޮށް ފެންނަގޮތަށް އާންމުކުރުމަކީ ބަހުސް ކުރެވޭ ކަމެއް ކަމަށެވެ. ސަބަބެއް ކަމުގައި ބުނެފައި ވަނީ، އެކަމުގެ ސަބަބުން ޒާތީ މައުލޫމާތު އާންމުވުމުގެ ފުރުސަތު ފަހިވެގެން ދިއުމެވެ.
އެހެންކަމުން ވެބްސައިޓިގައި މާލީ ބަޔާން ޝާއިއުކުރާއިރު މެމްބަރުންގެ އަނބިން/ފިރިން އަދި 18 އަހަރު ނުފުރޭ ދަރިންްގެ މާލީ ބަޔާން އުނިކުރުމަަށްފަހު ހަމައެކަނި މެމްބަރުންގެ މާލީ ބަޔާން ޝާއިއުކުރެވިދާނެ ކަމަށް ބުނެފައިވެއެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މާލީ ބަޔާންތައް މަޖިލީހުން އާންމުކުރުމުގެ ބަދަލުގައި އެ ބަޔާންތަކުގެ ސައްހަކަމާމެދު އޮޑިޓާ ޖެނެރަލްގެ ރައުޔު ހޯދުމަށް ފޮނުވުމަށާއި އެ ބަޔާންތައް އެ އޮފީހުން ޗެކް ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.
އަދި އެގޮތަށް ޗެކް ކުރެވޭނެ އިންތިޒާމް ފަހިކުރެވިފައި އޮތުމުގެ ސަބަބުން، ތަހުގީގީ އިދާރާއަކަށް ފޮނުވަންޖެހޭ ފަދަ ކަމެއް ފާހަގަވާނަމަ، އެކަން ތަހުގީގީ އިދާރާއަކަށް ފޮނުވުމަކީ އެ އޮފީހުގެ ޒިންމާއަކަށް ހެދުމަކީ މުހިންމުކަމެއް ކަމަށް އެ އޮފީހުން ދެކޭ ކަމަށެވެ.
އަންމު ކޮމެޓީގެ ރިޕޯޓުގައި ބުނެފައި ވަނީ، މެމްބަރުންގެ މާލީ ބަޔާން އާމީންއާންމަށް ހުށަހެޅުމުގެ ބަދަލުގައި އޮޑިޓާ ޖެނެރަލް އަށް ނުވަތަ އޭސީސީއަށް ހުށަހެޅުމަށް ދެކޭކަމަށް، ތިން ފަރާތުން ބުނެފައި ވީނަމަވެސް ގާނޫނުއަސާސީގެ 76 ވަނަ މާއްދާގެ ދަށުން އެ ބަޔާން ހުށަހަޅަން ޖެހޭ ފަރާތަކީ ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމުކަމަށް ވާއިރު، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެންނަ އިސްލާހަކުން އެ ބަދަލު ގެނެވޭނެ ކަމަށް ކޮމެޓީއަށް ނުފެންނަ ކަމަށެވެ.
މަޖިލީހުގެ ގަވާދަށް ގެނައި އިސްލާހު ފާސްކުރާނީ ތަޅުމުންނެވެ.