ޒިމްބާބުވޭގެ މުއްސަނދިން އޮޑިޓްކޮށް، ފައިސާ ލިބުނު ގޮތް ހާމަ ނުކުރާ ނަމަ މުދާ ހިފަހައްޓަނީ

ޒިމްބާބުވޭއްގެ މުއްސަނދިން އޮޑިޓް ކުރުމަށް އެގައުމުގެ އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ ނިންމާފަ -- ފޮޓޯ: ގެޓީ

ހަރާރޭ (ޖޫން 22): ޒިމްބާބުވޭގެ މުއްސަނދިން އޮޑިޓްކޮށް، އެމީހުންނަށް ފައިސާ ލިބުނު ގޮތް ހާމަ ނުކުރެވޭ ނަމަ އެމީހުންގެ މުދާ ހިފަހައްޓާނެ ކަމަށް ޒިމްބާބުވޭގެ އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނެފި އެވެ.

ޒިމްބާބުވޭގެ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ޗެއާމަން ޖަސްޓިސް ލޮއިސް މަޓަންޑާ މޮޔޯ ވިދާޅުވި ގޮތުގައި އެގައުމުން ވަނީ މުއްސަނދިންގެ ދިރިއުޅުމުގެ ހާލަތު އޮޑިޓް ކުރަން ނިންމާފަ އެވެ. އަދި އެމީހުން މުއްސަނދިވުމަށް ކުރި މަސައްކަތާއި އެ ފައިސާއިން އެމީހުން އެއްކުރި މުދަލާ އެއްވަރު ވާން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ ބައެއް މުއްސަނދިންގެ ލައިފްސްޓައިލް އޮޑިޓެއް. އެމީހުން ޖެހޭނެ އެމީހުން ކޮށްދިން މަސައްކަތެއްގެ އިންވޮއިސްތައް ދައްކަން އަދި އެމީހުން އެއްކުރި މުދަލުގެ އަގާ އެޔާ ދިމާވާން ޖެހޭނެ. އެމީހުންނާއި އެމީހުންގެ ވިޔަފާރިން ޓެކްސް ދައްކާތޯވެސް އަޅުގަނޑުމެން ބަލާނަން،" މަޓަންޑާ މޮޔޯ ވިދާޅުވި އެވެ.

ޒިމްބާބުވޭއިން އެފަދައިން ބުނެފައި ވަނީ އެގައުމުގެ އިގުތިސާދު ފާއިތުވި 10 އަހަރު ތެރޭ ދަށް ނުވާ މިންވަރަކަށް މިހާރު ދަށްވެ، ކޮރަޕްޝަނާއި ފެންވަރު ދަށް ހިދުމަތްތަކާ ބެހޭ ގޮތުން ގިނަ އަދަދެއްގެ މީހުން ނުރުހުން ފާޅު ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

މީގެ އިތުރުން ކޮރޯނާވައިރަހާ ގުޅިގެން އެގައުމަށް ސިއްހީ އާލާތްތައް ގަތުމަށް ހެދި 60 މިލިއަން ޑޮލަރުގެ ކޮންޓްރެކްޓެއްގައި ކޮރަޕްޝަން ހިމެނޭ ކަމުގެ ތުހުމަތުތައް ވަނީ ފެންތިވެފަ އެވެ. އެ މައްސަލާގައި އެގައުމުގެ ހެލްތް މިނިސްޓަރު އޮބާޑިޔާ މޯޔޯގެ މައްޗަށް ވަނީ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުުރުމުގެ ދައުވާކޮށްފަ އެވެ.

އެ ދައުވާގައިވާ ގޮތުން މޯޔޯ ވަނީ ބީލަމަކާ ނުލައި، ބޭރުގެ ކުންފުންޏަކަށް އެ ކޮންޓްރެކްޓު ދިނުމަށް މިނިސްޓްރީގެ އޮފިޝަލުންނަށް ޕްރެޝަރު ކޮށްފަ އެވެ. އަދި އެ ކޮންޓްރެކްޓުގައި ވަނީ ސިއްހީ އާލާތްތަކުގެ އަގު ވަރަށް ބޮޑު ކޮށްފައި ކަމަށާއި އޭގެ ތެރޭގައި 28 ޑޮލަރަށްދޭ ފޭސް މާސްކު ހިމެނޭ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

comment ކޮމެންޓް