ބީލަމަކާ ނުލައި 60 މިލިއަން ޑޮލަރުގެ އޯޑަރު، ފޭސް މާސްކެއް 28 ޑޮލަރަށް، ޖެހޭ މައްސަލާގައި ޒިމްބާބުވޭގެ ހެލްތު މިނިސްޓަރުގެ މައްޗަށް ދައުވާކޮށްފި

ޒިމްބާބުވޭގެ ހެލްތު މިނިސްޓަރު އޮބާޑިޔާ މޯޔޯގެ މައްޗަށް ވަނީ ކޮރަޕްޝަނުގެ ދައުވާކޮށްފަ -- ފޮޓޯ: އޭޕީ

ހަރާރޭ (ޖޫން 21): ކޮރޯނާވައިރަސް ޓެސްޓު ކިޓާއި ސިއްހީ އާލާތްތައް ގަންނަން ހެދި އެއްބަސްވުމެއްގައި ކޮރަޕްޝަން ހިންގާފައިވާ ކަމުގެ ދައުވާ ޒިމްބާބުވާގެ ހެލްތު މިނިސްޓަރު އޮބާޑިޔާ މޯޔޯގެ މައްޗަށް ކޮށްފި އެވެ.

މޯޔޯގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގައިވާ ގޮތުން އޭނާ ވަނީ ބީލަމަކާ ނުލައި ބޭރުގެ ކުންފުންޏަކަށް ގަވާއިދާ ހިލާފަށް 60 މިލިއަން ޑޮލަރުގެ ކޮންޓްރެކްޓެއް ދޭން ހެލްތު މިނިސްޓްރީގެ އޮފިޝަލުންނަށް ޕްރެޝަރުކޮށްފަ އެވެ. އަދި އެ ކުންފުނިން ކޮރޯނާވައިރަހާ ގުޅުން ހުރި ސިއްހީ އާލާތްތައް ސަރުކާރަށް ވިއްކާފައި ވަނީ ވަރަށް އަގުބޮޑުކޮށް ކަމަށާއި އޭގެ ތެރޭގައި 28 ޑޮލަރަށްދޭ ފޭސް މާސްކް ހިމެނޭ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

އެ މައްސަލާގައި ހުކުރު ދުވަހު މޯޔޯ ހައްޔަރު ކުރި ނަމަވެސް ކަފާލާތުގެ ގޮތުގައި 2،000 ޑޮލަރު ދެއްކުމުން އިއްޔެ އޭނާ ވަނީ ދޫކޮށްލާފަ އެވެ. މޯޔޯ ދެން ކޯޓަށް ހާޒިރުވާން ޖެހޭ ތާރިހަކީ އަންނަ މަހުގެ 31 އެވެ.

ޒިމްބާބުވޭގެ ސަރުކާރުން ވަނީ މޮޔޯގެ ބެއްލެވުމުގެ ދަށުން ހެދި އެއްބަސްވުން މިހާރު އުވާލާފަ އެވެ.

ޒިމްބާބުވޭގައި އެ ކޮރަޕްޝަނުގެ މައްސަލަ ފެންމަތިވެފައި ވަނީ ޑޮކްޓަރުންނާއި ނަރުހުންނަށް އެމެރިކާ ޑޮލަރުން މުސާރަ ދިނުމަށް ގޮވާލާ އެމީހުން ހަޅުތާލު ކުރަމުންދާ ދަނޑިވަޅެއްގަ އެވެ. އެ ހަޅުތާލުގައި ބައިވެރިވާ ފަރާތްތަކުން ދަނީ ގައުމުގެ އިންފްލޭޝަން މިހާރު 750 ޕަސެންޓަށް އަރާ، އެގައުމުގެ ފައިސާގެ އަގު ވަރަށް ބޮޑަށް ވެއްޓިފައިވުމުން އެ ފައިސާއިން މުސާރަ ދިނުމުގެ ބޭނުމެއް ނެތް ކަމަށް ބުނަމުންނެވެ.

މީގެ އިތުރުން ޒިމްބާބުވޭގެ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުން ދަނީ އެގައުމުގައި ކޮރޯނާވައިރަހުގެ ކޭސްތައް ގިނަވަމުންދާ އިރު، ސިއްހީ މަސައްކަތްތެރިންނަށް އެކަށީގެންވާ ވަރަށް ރައްކާތެރިވުމުގެ އާލާތްތައް ނުލިބޭ ކަމަށް ބުނަމުންނެވެ.

ޒިމްބާބުވޭގައި މިހާތަނަށް 479 މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ، ބަލީގައި ހަތަރު މީހަކު ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް