މޯލްޑިވިއަން މެލޭޝިއާ ފްލައިޓުގެ ބެގޭޖް އެލަވެންސްއަކީ 30 ކިލޯ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މޯލްޑިވިއަންގެ ބޯޓެއް -- ސަން ފޮޓޯ: ފަރީޙާ އަބްދުﷲ

މެލޭޝިއާގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ މީހުންނަށް ހާއްސަކޮށް މިއަދު އަދި ބުދަ ދުވަހު ބާއްވާ ފްލައިޓުތަކުގެ ބެގެޖް އެލަވެންސް އަށް ލިބޭނީ 30 ކިލޯ ކަމަށް މޯލްޑިވިއަން އިން ބުނެފި އެވެ.

މޯލްޑިވިއަން އިން މިއަދު ކުރި ޓުވީޓެއްގައި އެހެން ބުނެފައި ވަނީ ބައެއް ޓިކެޓުތަކުގައި ބެގެޖް އެލަވެންސްގެ ގޮތުގައި 20 ކިލޯ ޖެހިފައިވާތީއެވެ.

މޯލްޑިވިއަންއިން ބުނީ ބެގެޖް އެލަވެންސް އަކީ 20 ކިލޯ ކަމަށް ޓިކެޓުގައި ޖެހިފައި ވަނީ އޮޅިގެން ކަމަށެވެ.

މީގެ ކުރިން މެލޭޝިއާގައި ތިބި ދިވެހީން ގެނައި ފްލައިޓުތަކުގައި ބެގެޖް އެލަވެންސަށް ދީފައި ވަނީ 20 ކިލޯއެވެ. މޯލްޑިވިއަން އިން އޭރު ބުނީ އެކްސެސް ބެގެޖްއަށް އިތުރަށް ލާރި ދައްކައިގެން ވެސް 20 ކިލޯ އަށްވުރެ އިތުރަށް ނުގެނެވޭނެ ކަމަށެވެ.

މެލޭޝިއާގައި ތިބި ދިވެހީންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ މީހުން ގެނައުމަށް މޯލްޑިވިއަންއިން ދެ ފްލައިޓެއް ބާއްވަން ނިންމާފައި ވާއިރު، މިއަދު ހަވީރު އަންނަ ފްލައިޓުން 200 އެއްހާ މީހުންނަށް ވަނީ ޖާގަ ދީފައެވެ.

ފޮރިން މިނިސްޓްރީން ރޭ ބުނެފައި ވަނީ އެ ފްލައިޓުތަކުގައި ރާއްޖެ އަންނަން 450 އެއްހާ މީހުން ނަން ނޯޓުކޮށްފައިވާ ކަމަށާއި، އެ ދެ ފްލައިޓުގައި މުޅި ޖުމްލަ 400 އެއްހާ މީހުން ގެނެވޭނެ ކަމަށެވެ.

ކޮވިޑް19 އާ ގުޅިގެން ބޭރުގައުމުތަކުގައި ތިބި ދިވެހިން ރާއްޖެ ގެނައުމަށް ކުރާ މަސައްކަތުގެ ތެރެއިން މިހާތަނަށް 14 ގައުމަކުން 2،000 އެއްހާ ދިވެހިން ވަނީ ގެނެސްފައެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ގައުމުތަކުން މީހުން ގެނައުމަށް ފްލައިޓުތައް ބާއްވަން އަންނަނީ މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް