މުހިއްމު މޮޅަކަށްފަހު ރާމޯސްގެ އިންޒާރު ބާސެލޯނާއަށް

ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑާއި އެއިބާ ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ/ލައިވްސްކޯ

ތިން މަސް ދުވަހުގެ މެދުކަނޑުމަކަށްފަހު ސްޕެނިޝް ލަލީގާގެ މެޗުތައް މިދިޔަ ބުރާސްފަތި ދުވަހު ފެށި އިރު ރޭ އެއިބާއާ ދެކޮޅަށް ކުޅެ ރެއާލް މެޑްރިޑް ހޯދި މޮޅާ އެކު އެ ޓީމުގެ ކެޕްޓަން ސާޖިއޯ ރާމޯސް އެ ޓީމާއި އެންމެ ވާދަވެރި ބާސެލޯނާއަށް ވަރުގަދަ އިންޒާރެއް ދީފި އެވެ.

ރެއާލްގެ ޓްރެއިނިން ދަނޑު ކަމަށްވާ އަލްފްރެޑޯ ޑި ސްޓެފާނޯ ސްޓޭޑިއަމްގައި ރޭ ކުޅުނު އެ މެޗުން ހޯމް ޓީމް ކުރި ހޯދީ 1-3 ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ މޮޅާ އެކު ރެއާލް މިވަގުތު ތާވަލުގެ ދެވަނައިގައި އޮތީ 28 މެޗު ކުޅެގެން ލިބުނު 59 ޕޮއިންޓާ އެކު އެވެ. އެ ޓީމަށް ވުރެން ދެ ޕޮއިންޓް ކުރީގައި ވާދަވެރި ބާސެލޯނާ އޮތް އިރު ކޮންމެ ޓީމަކަށް ވެސް ލީގުގައި ބާކީ އޮތީ 10 ވަރަކަށް މެޗެވެ. އެހެން ކަމުން ކުރިއަށް ހުރި މެޗުތަކަކީ އެއްވަނައިގައި ލީގު ނިންމާލުމަށް ދެ ޓީމަށް ވެސް މުހިއްމު މެޗުތަކެކެވެ.

ކޮވިޑާ ގުޅިގެން ލަލީގާގެ މެޗުތައް މެދުކަނޑާލާފައި ވަނީ މިދިޔަ މާޗު މަހުގެ 12 ވަނަ ދުވަހުއެވެ. އެއާއެކު ތިން މަސް ދުވަހުގެ މެދުކެނޑުމަކަށް ފަހު މިދިޔަ ބުރާސްފަތި ދުވަހު ލީގުގެ ކުޅުން ފެށީ ސެވިއްޔާއާއި ރެއާލް ބެޓިސް ބައްދަލު ކުރި މެޗުންނެވެ. އަދި އެއަށްފަހު ރޭ ވެސް ލީގުގެ އިތުރު ދެ މެޗެއް ކުޅެފައިވާ އިރު ލީގު ނިމެންދެން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް މެޗުތައް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.

ދެ މަހަށް ފަހު އެނބުރި އައި މެޗުގައި ރެއާލަށް މެޗުގެ ހަތަރު ވަނަ މިނިޓްގައި ލީޑުނަގައިދިނީ ޖަރުމަނުގެ މިޑްފީލްޑަރު ޓޯނީ ކްރޫސް އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ރެއާލްގެ އަނެއް ދެ ގޯލު ޖެހީ ސާޖިއޯ ރާމޯސް އާއި މާސެލޯ އެވެ. ދެ ވަނަ ހާފުގައި އެއިބާގެ ހަމައެކަނި ގޯލު ޖެހީ ޕެޑްރޯ ބީގަސް އެވެ.

އެ މެޗުން ލިބުނު މޮޅާ އެކު ރެއާލަށް ހިތްވަރު ލިބުނު ކަމަށާއި، ކުރިއަށް އޮތް 10 މެޗަކީ 10 ފައިނަލް ކަމަށް އެ ޓީމުގެ ކެޕްޓަން ރާމޯސް ވަނީ ސިފަކޮށްފަ އެވެ. އޭނާ ބުނީ ރެއާލް މެޑްރިޑް އޮތީ ކުޅުންތެރިންގެ ފަރާތުން މޮޅުވާން ކުރަންޖެހޭ ހުރިހާކަމެއް ކުރުމަށް ވެސް ހޭވައްލާ ތައްޔާރަށް ކަމަށެވެ.

"މުހިއްމު ތިން ޕޮއިންޓާ އެކު ލީގު އަލުން ފެށުނީތީ އުފާކުރަން. ބާކީ އޮތީ 10 ފައިނަލް މެޗު. އެއްވެސް ދުލެއް ނުދީ އެ ހުރިހާ މެޗުވެސް ކާމިޔާބު ކުރުމަށް މުޅި ޓީމު މިއޮތީ ތައްޔާރަށް،" ރާމޯސް ބުންޏެވެ.

ރާމޯސް ބުނީ، ވޭތުވެ ދިޔަ ތިން މަސްތެރޭގައި ކުޅުންތެރިންގެ ފޯމު ގެއްލިފައި އޮތުމުން އެ ފޯމު އަލުން އަނބުރާ ގެނައުމަށް މިދިޔަ ދެތިން ހަފުތާގައި ވަރަށް ބުރަކޮށް މަސައްކަތް ކުރެވުނު ކަމަށެވެ. އަދި ކުޅުންތެރިންގެ ފިޒިކަލިޓީ މިހާރު ކުރިއެކޭ އެއް ގޮތަށް ހަމައަކަށް އެޅުނު ނަމަވެސް އަދިވެސް އުނދަގޫތަކެއް ހުރިކަން އޭނާ ވަނީ ފާހަގަ ކޮށްފަ އެވެ.

މީގެ އިތުރުން މިދިޔަ ފެބްރުއަރީ މަހު ލިބުނު އަނިޔާއަކާ ގުޅިގެން ކުޅުމާ ދުރަށް ދާން ޖެހުނު ރެއާލްގެ އެޑެން ހަޒާޑް ވަނީ ރޭގެ މެޗުގައި ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފަ އެވެ. އެކަމަކު ކުޑަހުޅަށް ލިބުނު އަނިޔާއެއްގެ ސަަބަބުން ހަޒާޑް ވަނީ ދެ ވަނަ ހާފުގައި ބަދަލުކޮށްފަ އެވެ.

comment ކޮމެންޓް