ލުތުފީ ފިލި މައްސަލައިގެ ޝަރީއަތް މާދަމާ ފަށަނީ

ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ މާލެ ގެނެސްފައި --- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

ނޮވެމްބަރު ތިނެއްގެ އުދުވާނުގައި ބައިވެރިވެ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދިޔަ ހ. ހާޖަރާގޭ އަބްދުﷲ، ބޭސްފަރުވާއަށް ފޮނުވުމުން ފިލި މައްސަލައިގައި އޭނާގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް މާދަމާ ކްރިމިނަލް ކޯޓުގައި ފަށަން ތާވަލުކޮށްފި އެވެ.

ލުތުފީގެ މައްޗަށް ކުރަނީ ރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 537 ވަނަ މާއްދާގެ ދަށުން، މީހުން ބަންދުކުރާ މަރުކަޒަކުން ފިލުމުގެ ކުށުގެ ދައުވާ އެވެ.

ލުތުފީވަނީ ހޯމް މިނިސްޓްރީގެ ހުއްދައާއެކު 2010 ވަނަ އަަހަރު އިންޑިއާއަށް ގޮސް ފިލައިފައެވެ. އޭގެ ފަހުން އޭނާ އުޅެމުންދިޔައީ ސްރީލަންކާގައި ފިލައިގެންނެވެ. އޭނާގެ މައްޗަށް ދައުވާކުރަނަނީ އެ މައްސަލައިގަ އެވެ.

އެ މައްސަލައިގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ތާވަލުކޮށްފައި ވަނީ މާދަމާ ހެނދުނު 11:00ގަ އެވެ. ޝަރީއަތް ކުރިއަށް ދާނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ.

ބޭސްފަރުވާއަށް ފޮނުވުމުން ލުތުފީ ފިލީ 2010 ވަނަ އަހުރު އެވެ. ނުވަ ވަރަކަށް އަހަރު ފިލައިގެން އުޅުމަށް ފަހު، ލަންކާގައި މި އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ދިން އީސްޓާ ބޮމުގެ ހަމަލާތަކަށް ފަހު ލުތުފީ ވަނީ އަމިއްލައަށް އެގައުމުގައި ހުންނަ ދިވެހި އެމްބަސީއާ ހަވާލުވެފަ އެވެ.

އޭނާ އެމްބަސީގައި އުޅޭކަން ހާމަވިތާ ދެ ވަރަކަށް މަސް ފަހުން ވަނީ އަނބުރާ މާލެ ގެނެސް ހުކުމް ތަންފީޒު ކުރަން މާފުށީ ޖަލަށް ބަދަލުކޮށްފަ އެވެ.

ލުތުފީ ފިލި މައްސަލައިގެ ތަހުގީގު ނިންމައި ޕީޖީ އޮފީހަށް ފޮނުވީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެވެ.

ތަމަޅައިންގެ ޕްލޯޓް ޖަމާއަތުގެ ޓެރަރިސްޓުންނާ ގުޅިގެން ތިނެއް ނޮވެމްބަރުގައި ލުތުފީ އިސްވެހުރެ ދިން އުދުވާނީ ހަމަލާގައި 19 ދިވެއްސަކު ޝަހީދުވި އެވެ. އޭގެ ތެރޭގައި އާންމުންގެ 11 މީހުންނާއި ސިފައިންގެ އަށް މީހަކު ހިމެނެ އެވެ. އަދި އެތައް ބަޔަކަށް ބޮޑެތި ޒަހަމުތައްވެ އަނިޔާވި އެވެ.

އެ މައްސަލަ އޭނާގެ މައްޗަށް ސާބިތުވެ، އެންމެ ފުރަތަމަ ހުކުމް ކުރީ އޭނާ މެރުމަށެވެ. ނަމަވެސް ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ އެ އަދަބު ލުއިކޮށްދެއްވައި 25 އަހަރުގެ ޖަލު ހުކުމަކަށް ބަދަލުކޮށްދެއްވައިފަ އެވެ. އެ ހުކުމް ތަންފީޒުކޮށް ނިމެން އަދި ހަތަރު ވަރަކަށް އަހަރު އެބަ އޮތެވެ.

comment ކޮމެންޓް