ކޮންމެ ސަލާމަކަށް މެޑިކަލް ސެޓްފިކެޓް ހުށަހަޅަން ބައެއް މެމްބަރުން ދެކޮޅު

ޖޫން 1، 2020: 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 1 ވަނަ ޖަލްސާ -- ފޮޓޯ/ މަޖިލިސް

މުވައްޒަފުން ވަޒީފާއަށް ސަލާމް ބުނާ ކޮންމެ ދުވަހަކު، މެޑިކަލް ސެޓްފިކެޓް ހުށަހަޅަން ޖެހޭގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ރަނގަޅު ނޫން ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވިދާޅުވެއްޖެ އެވެ.

އިއްޔެގެ ޖަލްސާގައި ބިލަށް ބަހުސް ކުރައްވަމުން ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް ވިދާޅުވީ ބަައެއް ކަހަލަ ބަލިތަކަކީ އޭގެ ޒާތުގައި ހޮސްޕިޓަލަށް ގޮސްގެން މެޑިކަލް ސާޓިފިކެޓެއް ހޯދަން ނުޖެހުނު ކަމުގައި ވީނަމަވެސް، ސަލާމުގައި ހުރެގެން ގޭގައި މަޑުކޮށްލަންޖެހޭ ބާވަތުގެ ބަލިތައް ކަމަށެވެ.

އޮފީހަށް ސަލާމް ބުނާ ކޮންމެ ދުވަހަކު ސަލާމުގެ ސެޓްފިކެޓް ހުށަހަޅަންޖެހޭ ގޮތަށް ގާނޫނު އިސްލާހުކޮށްފި ނަމަ އޭގެ ނަތީޖާއަކަށް ވެގެން ދާނީ، ކިތަންމެ ކުޑަކުޑަ ކަމަކާ ގުޅިގެން ވެސް ހޮސްޕިޓަލަކަށް ދާންޖެހުން ކަމަށެވެ.

"އަޅުގަނޑުމެންގެ މިހާރު ވެސް އޯލްރެޑީ އޯވަލޯޑްވެފައި އޮތް ހެލްތު ކެއާ ސިސްޓަމަށް އިތުރު ބުރަޔަކަށް މިކަން ވެގެންދާނެ. އޭގެ ސަބަބުން އާސަންދައަށް ކުރަންޖެހޭ ހަރަދު އިތުރު ވެގެންދާނެ. އަދި ދައުލަތުގެ ބަޖެޓަށް އެކަމުގެ ސަބަބުން ހަމަ އިތުރު ބުރަޔަކަށް އެކަން ވެގެންދާނެކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން،" މެމްބަރު ވިދާޅުވި އެވެ.

ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް ވެސް ވަނީ އެ އިސްލާހަށް ތާއީދުކުރެވެން ނެތް ކަަމަށް ވިދާޅުވެ ވާހަކަދައްކަވައިފަ އެވެ.

ޖޫން 2، 2020: 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 2 ވަނަ ޖަލްސާ -- ފޮޓޯ/ މަޖިލިސް

ސަނީފް ވިދާޅުވީ ކޮންމެ ސަލާމަކަށް ސެޓްފިކެޓް ހައްދަން ސިއްހީ ހިދުމަތް ދޭ ތަނަކަށް ދާންޖެހޭއިރު، ގިނަ ރަށްރަށުގެ ސިއްހީ ހިދުމަތް ދޭ ތަންތަނުގައި ޑޮކްޓަރުން ވެސް ނުތިބޭ ކަމަށެވެ.

"އެހެންވީމާ، ސަލާމުގެ ސެޓްފިކެޓް ހުށަހެޅުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތެއް ނޫން. އެޔަކަށް އަޅުގަނޑަކަށް ތާއީދެއް ނުކުރެވޭނެ،" މެމްބަރު ވިދާޅުވި އެވެ.

އިސްލާހާ ގުޅޭގޮތުން ރައްޔިތުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ވެސް ހުރިކަން ފާހަގަކުރައްވައި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވީ، މިއީ އެންމެން ބަހުސްކޮށް، އެންމެ ރަނގަޅު ގޮތަކަށް ނިންމަންޖެހޭ މައްސަލައެއް ކަމަށެވެ.

އިސްލާހު ވާންޖެހޭނީ ވަޒީފާ އަދާކުރާ މީހުންނާއި، ވަޒީފާ ދޭ ފަރާތަށް ވެސް ރަނގަޅު ގޮތަކަށް ނިމިގެންދާ އިސްލާހަކަށް ކަމަށެވެ.

މެއި 30، 2020: 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 1 ވަނަ ޖަލްސާ -- ފޮޓޯ/ މަޖިލިސް

"އެހެންނަމަވެސް، ސަލާން ބުނާ ކޮންމެ ފަހަރަކު ސަލާން ސެޓްފިކެޓް ހުށަހަޅާ ގޮތަށް އޮތުމަކީ އެންމެ ހަމަޖެހޭ ގޮތެއް ކަމަށް އަޅުގަނޑުވެސް ގަބޫލު ނުކުރާ ވާހަކަ ދަންނަވަން،" ސިރާޖު ވިދާޅުވި އެވެ.

ކޮންމެ ސަލާމަަކަށް މުވައްޒަފު އެމްސީ ހުށަހަޅަން ޖެހޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާ ގުޅިގެން ގިނަ ބަޔަކު ނުރުހުން ފާޅުކުރަން ފެށުމުން، ކޮމެޓީ މަރުހަލާގައި ބަދަލު ގެނެސް، އެމްސީއާ ނުލައި އަހަރަކު 15 ދުވަހު ސަލާމް ބުނެވޭ ގޮތަށް ބަދަލު ކުރުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް ބިލު ހުށަހެޅުއްވި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ވަނީ ވިދާޅުވެފަ އެވެ.

މެމްބަރު ވިދާޅުވީ ގާނޫނު ފާސްކުރާނީ، ރައްޔިތުންނާ، މުވައްޒަފުންނާ އަދި ވަޒީފާ ދޭ ފަރާތުގެ ހައްގުތަކަށް ވެސް ރިއާޔަތްކުރުމަށް ފަހުގައިކަމަށެވެ.

comment ކޮމެންޓް