ރާއްޖޭގައި ކޮލިޓީ މާސްކް ފެހުމަށް ކޮޓަން ވޯކްސް ވަރެއް ނެތް

ކޮޓަން ވޯކްސް އިން ތައްޔާރުކުރާ މާސްކް -- ފޮޓޯ: ކޮޓަން ވޯކްސް

ކޮވިޑް19 އާއެކު އަހަރެމެން ދިރިއުޅުން ވެސް މިވަނީ އާ އާންމު ހާލަތަކަށް ހާނަން ޖެހިފަ އެވެ. ކުރީގެ ދިރިއުޅުމުގައި ގެންގުޅުނު ބައެއް އާދަތައް ދޫކޮށް، އެހެން ކަންތައްތަކެއް އާދަކުރަން ޖެހިފަ އެވެ. ސާފުތާހިރުކަމަށް ކުރިއަށް ވުރެ ބޮޑަށް ސަމާލުކަންދީ، އަމިއްލަ ރައްކާތެރިކަމަށް ގިނަ ފިޔަވަޅުތަކެއް އަޅަން ވަނީޖެހިފަ އެވެ.

އާ އާންމު ހާލަތާ އެކު މިހާރު އެންމެ ބޮޑު ޑިމާންޑެއް އޮތީ ފޭސް މާސްކަށެވެ. ފިހާރަތަކުން ވިއްކާ ޑިސްޕޯސަލަބަލް ފޭސްމާސްކު ލިބުން ކޮންމެވެސް ވަރަކަށް ދަތި ނަމަވެސް، މާސްކު ހޯދުމަށް ދިމާވާ ދައްޗަށް ހައްލެއް ގެނެސްދީފައި ވަނީ ފެހުންތެރިންނެވެ. ސިއްހީ މާހިރުންގެ ރެކޮމެންޑޭޝަންތަކާ އެއްގޮތަށް މާސްކު ފަހައިގެން ވިއްކާ ދިވެހި ފެހުންތެރިން މިހާރު މަދެއް ނޫނެވެ.

ކޮޓަން ވޯކްސް އިން ތައްޔާރުކުރާ މާސްކް -- ފޮޓޯ: ކޮޓަން ވޯކްސް

ކޮޓަން ވޯކްސްގެ ނަމުގައި ޒުއްރިއްޔާން މުހައްމަދު ފަހާތަނެއް ހުޅުވައިގެން ހިންގާތާ 15 އަހަރުވީ އެވެ. ދިރިއުޅުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި އޭނާ މިކަންކުރާއިރު މިވީ އަހަރުތަކުގެ ތެރޭގައި އެތައް ބަޔެއްގެ އިތުބާރު ވަނީ ހޯދައިފަ އެވެ. ސަރުކާރު މުވައްސަސާތަކުގެ މުވައްޒަފުންގެ ޔުނީފޯމުން ފެށިގެން އާންމުކޮށް ލައިއުޅޭ ހެދުން ފަދަ ތަކެތި އޭނާގެ ކޮޓަން ވޯކްސް އިން ފަހައިދެ އެވެ.

ޒުއްރިއްޔާން މާސްކް ފެހުމުގެ މަސައްކަތުގައި --

ކޮވިޑާއެކު ކޮޓަން ވޯކްސްގެ މަސައްކަތުގެ ތެރެއަށް މިހާރު ވަނީ މާސްކު ފެހުމުގެ މަސައްކަތް ވެސް އިތުރުވެފަ އެވެ. ޒުއްރިއްޔާން ބުނީ ކޮވިޑް19 އާއެކު މާސްކު އެޅުމުގެ ވާހަކަ ދައްކަން ފެށިތަނާހެން އޭނާގެ މަސައްކަތް ފެށި ކަމަށެވެ.

"މާސްކު ތައްޔާރު ކުރަން ފެށީ ޔޫޓިޔުބުން ބަލައިގެން. މެޓީރިއަލްސްތައް ދިރާސާކޮށް، ބޭނުންވާ މެޓީރިއަލްތައް ރާއްޖެއިން ބޭރުން ގެނެސްގެން މިކަން މި ކުރަނީ،" ސަން އާ ވާހަކަ ދައްކަމުން ޒުއްރިއްޔާން ބުންޏެވެ.

ޒުއްރިއްޔާން ބުނީ ކޮވިޑާއެކު ދަތުރުފަތުރުތައް މަޑުޖެހުމުގެ ކުރިން އޭނާ ހުރީ މި މަސައްކަތަށް ބޭނުންވާ މެޓީރިއަލްސް އަށް އޯޑަރުދީ، ތައްޔާރު ވެގެން ކަމަށެވެ. މިހާރު މާސްކު ފެހުމުގެ މަސައްކަތް އޭނާ ކުރާތާ ތިން މަސް ވެއްޖެ އެވެ.

"އަޅުގަނޑު ބޭނުން ކުރަނީ ކޮޓަންް މެޓީރިއަލް. އިންޓަނޭޝަނަލީ ވެސް ރެކޮމެންޑު ކުރާ ގޮތަށް، ތިން ލޭޔަރަށް މި ހަދަނީ. މެޓީރިއަލް ގެންނަނީ ބޭރުން. އެއީ ރާއްޖެއިން މިކަމަށް ބޭނުންވާ މެޓީރިއަލް ހޯދަން އުނދަގޫ ވީމާ،" ޒުއްރިއްޔާން ބުންޏެވެ.

ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ހާއްސަ މާސްކު ޒުއްރިއްޔާން ފަހަ އެވެ. މީގެ އިތުރުން މައިކްރޯ ފައިބާ މެޓީރިއަލް ބޭނުންކޮށްގެން ވެސް އޭނާ މާސްކު ތައްޔާރު ކުރެ އެވެ. މިކަމަށް ބޭނުންވާ މެޓީރިއަލް ވެސް ގެންނަނީ ރާއްޖެއިން ބޭރުންނެވެ.

ބުރުގާ އަށް ހާއްސަ މާސްކް

އަދި ބުރުގާ އަޅާމީހުންނަށް ހާއްސަ މާސްކް ވެސް އޭނާ ތައްޔާރުކުރެ އެވެ. ހަމަ އެއާ އެކު އޭނާ ތައްޔާރުކުރާ ކަޅު މާސްކަކީ ވަކިން ހާއްސަ މާސްކެކެވެ. އެ މާސްކުގެ ބޭރުގައި އިންނަނީ މައިކްރޯ ފައިބާގެ ވޯޓާ ރިޕްލަންޓް ލޭޔަރެކެވެ. އެ ލޭޔަރުން ވޯޓާ ޑްރޮޕްލެޓް މާސްކްގެ ތެރެއަކަށް ނުވަންނާނެ އެވެ.

ކޮޓަން ވޯކްސް އިން ތައްޔާރުކުރާ މާސްކް -- ފޮޓޯ: ކޮޓަން ވޯކްސް

"ކޮވިޑް19 ރާއްޖެއަށް އައުމާ ހިސާބުން މި މަސައްކަތް ފަށައިގެން. އެންމެ ފުރަތަމަ ވެސް އަޅުގަނޑު އަތުގައި އޭރު ހުރި މެޓީރިއަލުން 1000 މާސްކު ފަހާފައި ބެހިން،" އޭނާ ބުންޏެވެ.

ޒުއްރިއްޔާން ބުނީ މާސްކު ފެހުމުގެ މަސައްކަތް ކުރަން ފެށީ މި ހާލަތުގައި ގިނަ ބަޔަކު މާސްކު ބޭނުންވާނެތީ ކަމަށެވެ. މާސްކަށް ބޮޑު ޑިމާންޑެއް އޮތްކަން ވެސް ޒުއްރިއްޔާން ފާހަގަ ކުރިއެވެ.

"ދުވާލަކު އަޅުގަނޑު ހަދަން 400 އެއްހާ މާސްކު، 200 އެއްހާ މާސްކު ޑެއިލީ ވިއްކަން،"

ޒުއްރިއްޔާންގެ މަސައްކަތުގެ އެންމެ ހާއްސަ އެއްކަމަކީ އޭނާގެ މާސްކު ތައްޔާރު ކުރުމުގައި ގޭގައި ތިބޭ އަންހެނުން ބައިވެރި ކުރުމެވެ. މާސްކު ކެފުމަށް ފަހު އެ ފެހުމަށް ފޮނުވަނީ ގޭގޭގައި ތިބޭ އަންހެނުންގެ ގާތަށެވެ. މާސްކަށް ބޭނުންވާ އިލާސްޓިކާއި ވަޔަރު ލައްވަނީ ޒުއްރިއްޔާން އެވެ.

ކޮޓަން ވޯކްސް އިން ތައްޔާރުކުރާ މާސްކް -- ފޮޓޯ: ކޮޓަން ވޯކްސް

"މާސްކު ކަޓްކޮށްފައި [ކަނޑާފައި]، ގޭގޭގައި ތިބޭ އަންހެނުން އަތަށް ފަހަން ފޮނުވަނީ. އަނެއްކާ ފެހީމާ އަޅުގަނޑު ވަޔާ އަދި އިލާސްޓިކް ލައްވާފައި، އަމިއްލަ އަށް ޕެކް ކުރަނީ،" ޒުއްރިއްޔާން ބުންޏެވެ.

ކޮވިޑާ ގުޅިގެން ފަހާތަން ބަންދުކޮށްފައިވާއިރު، މިއީ މި ހާލަތުގައި ގޭގޭގައި ތިބޭ އަންހެނުންނަށް އާމްދަނީ އެއް ލިބޭނެ މަސައްކަތެއް ކުރުމަށް ދޭ ފުރުސަތެއްކަން އޭނާ ފާހަގަ ކުރިއެވެ.

ދެހާސް ފަސް ވަނަ އަހަރުން ފެށިގެން ފެހުމުގެ މަސައްކަތް ކުރަމުން އަންނަ ޒުއްރިއްޔާން ދޭ ޔަގީން ކަމަކީ އޭނާގެ މާސްކުތަކުގެ ކޮލެޓީ ރަނގަޅުވާނެ ކަމުގެ ޔަގީންކަމެވެ. މާސްކުގެ އަގު އުޅެނީ 20 ރުފިޔާ އިން ފެށިގެން 35 ރުފިޔާ އާ ދެމެދު އެވެ. ދިހަ މާސްކަށް ވުރެ ގިނައިން ގަންނަ ނަމަ ޑެލިވަރީ ކޮށްދެ އެވެ.

ކޮޓަން ވޯކްސްގެ މާސްކަށް އޯޑަރު ދިނުމަށް ވައިބާ ނުވަތަ ވަޓްސް އެޕް މެދުވރިކޮށް 7785117 އަށް މެެސެޖު ކޮށްލާށެވެ.

https://www.facebook.com/cottonworks5117/

މާސްކުގެ އިތުރުން ކޮވިޑުގެ ހާލަތާ ގުޅިގެން ބޭނުންކުރާ އެހެން ބައެއް ސާމާނު ވެސް ޒުއްރިއްޔާން ވިއްކަ އެވެ. އެގޮތުން ފޭސް ޝީލްޑާއި، ބޫޓު ކަވަރު އަދި ސޫޓް ފަދަ އެހެން ޑިސްޕޯސަބަލް ސާމާނު، އޭނާގެ ކޮޓަން ވޯކްސް މެދުވެރިކޮށް ގަންނަން ލިބޭނެ އެވެ.

ވޯޓާ ރިޕްލަންޓް ލޭޔަރުލީ މާސްކް

comment ކޮމެންޓް