ޖަލުގައި މަރުުވި ރަޝީދުގެ ވާހަކައާއެކު ސިރާޖަށް ކީރިތިކުރެވިއްޖެ

މިއަދުގެ ޖަލްސާގައި މެމްބަރު މޫސާ ސިރާޖު ވާހަކަދައްކަވަނީ --

ރައްޔިތުންގެ މަޖިލީހުގެ މިއަދުުގެ ޖަލްސާގައި، 2015 ވަނަ އަހަރުގެ މޭޑޭގެ މުޒާހަރާ އާގުޅިގެން ފުލުހެއްގެ ހައްޔަރުކުރި މޭޑޭގައި ގައިދީ ގ. ކީމާ، އަބްދުﷲ ރަޝީދު ޖަލުގައި މަރުވި ވާހަކަދައްކަވަމުން، ފޮނަދޫ ދާއިިރާގެ މެމްބަރު މޫސާ ސިރާޖަށް އަސަރުކޮށް، ވާހަކަ ކުރިއަށްނުގެންދެވިގެން ހުއްޓާލަން ޖެހިއްޖެއެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ރިޕޯޓަށް ވާހަކަދައްކަވަމުން މެމްބަރު ސިރާޖު ވަނީ މުއައްސަސާތަކުންވާ އިހުމާލަށް، ޖިނާއީ ދައުުވާއެއް ނުކުރެވި ހަމައެކަނި މަގާމުން ވަކިކޮށް މުސާރަ ނުލިބޭގޮތް ހެދުމަކީ އިންސާފު ނޫން ކަމަށެވެ.

ގާނޫނުން މީހަކާ މަތިކުރާ ޒިންމާއާއި މަސްއޫލިއްޔަތު އަދާނުކުރުމުން، ހަމައެކަނި ވަޒީފާއިން ވަކިކުރުމުގެ ބަދަލުގައި އެމީހަަކާ މެދު ޖިނާއީ ކުށެއް ކުރުުމުން އަމަލުކުރާ އުސޫލުން އަމަލުކުރަން ޖެހޭ ކަމަށް މެމްބަރު ވިދާޅުވިއެވެ.

މެމްބަރު ސިރާޖު ވިދާޅުވީ މުއައްސަސާތަކުން އިހުމާލުވާ ވާހަކަދައްކާއިރު އެންމެ ފުރަތަމަ ވެސް ހަނދާނަށް އަންނަނީ ޖަލުގައި މަރުވި އަބްދުﷲ ރަޝީދުގެ މަތިން ކަމަށެވެ.

މޭޑޭ މުޒާހަރާއިން އަބްދުﷲ ރަޝީދު ހައްޔަރުކުރީ ފުލުހެއްގެ ގައިިގައި ޖެހިކަމުގެ ތުހުމަތުގައެވެ. އަދި ކޯޓުން ވެސް ވަނީ އޭނާގެ މައްޗަށް އެ ކުށް ސާބިތުވާކަމަށް ކަނޑައަޅައިފައެވެ. ސިރާޖު ވިދާޅުވީ ކުށެއް ސާބިތުވެ، އެ ކުށުގެ އުގޫބާތެއްގެ ގޮތުން ޖަލަށް ލުމުން މައްސަލައެއް ނެތް ކަަމަށެވެ.

"އެހެން ނަމަވެސް ޖަލުގައި އަނިޔާވެރިކޮށް އަޅާނުލާ ބޭއްވުމުގެ ސަބަބުން މި ދުނިޔެއާ ވަކިވެގެން ދާން ޖެހުނީ ވަރަށް ގިނަ ފަރާތްތަކުގެ އިހުމާލުން. ހިއުމަަން ރައިޓްސް ކިޔާ ކޮމިޝަނެއް މިރާއްޖޭގެ ގާނޫނު އަސާސީން އުފައްދާފައިވޭ. އަޅުގަނޑު މި ބެލި ނަންބަރުތައް ބަލާއިރު، އެ އިހުމާލުން އަބްދުﷲ ރަޝީދު ދުނިޔެއިން ވަކިވާން ޖެހުނީމަ އެކަމުގެ އަދަބު ލިބޭ އެއްވެސް ފަރާތެއް ނެތް. އަދަބަކީ ހަމައެކަނި މަގާމުން ވަކިކުރުން. އެ ލިބެމުން ދިޔަ މުސާރަ ކަނޑާލަން. އެއީކީ އެންމެ އިންސާފުވެރި ގޮތް ކަމަކަށް ހަމަގައިމުވެސް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ،" މެމްބަރު ވިދާޅުވިއެވެ.

މެމްބަރު ސިރާޖު ވިދާޅުވީ އަބްދުﷲ ރަޝީދު ފުލުހެއްގެ ގައިގައި ޖަހައިގެން ބަންދުގައ އޮންނަން ޖެހޭކަމަށް ވާނަމަ، އަބްދުﷲ ރަޝީދަށް އަޅާނުލާ، ބޭސްފަރުވާނުކޮށް އިހުމާލުވުމުގެ ސަބަބުން އޭނާ ދުނިޔެއާ ވަކިވާން ޖެހުމުން ވެސް ކޮންމެސް ބަޔަކު އެކަމުގައި ޒިންމާ އުފުލަން ޖެހޭނެ ކަމަށެވެ.

"ފުލުހެއްގެ ގައިގައި ޖެހުމުން ލިބޭ އަނިޔާއަށް ވުރެ މީހަކު ދުނިޔެއިން އަލްވަދާއު ކީމަ އެ ލިބޭ ގެއްލުން މާ ބޮޑުކަން ގައިމުވެސް އަޅުގަނޑަށް ގަބޫލުކުރެވޭ،" މެމްބަރު ވިދާޅުވިއެވެ.

މެމްބަރު ވިދާޅުވީ އިހުމާލުވީ މުއައްސަސާތަކުގެ މީހުން ވަކިކުރުމުގެ އިތުރުން އެންމެންގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގާ އެމީހަކު ޒިންމާވާންޖެހޭ ވަރަކަށް ޖަލުގެ ހުކުމް އަންނަން ޖެހޭނެ ކަމަށެވެ.

"ފުލުހެއް ގައިގައި ޖަހައިގެން އަބްދުﷲ ރަޝީދު ޖަލުގައި އޮންނަން ޖެހުނިއްޔާ އަޅާނުލައިގެން ޖަލުގައި އަބްދުﷲ ރަޝީދު މަރާލީމަ އެކަމުގެ ޒިންމާ ނަގަންޖެހޭ މީހުން ޖަލަށް ނުލެވެންޏާ އަޅުގަނޑުމެން ކޮން ކަމެއްތޯ މި ކުރަނީ. އަޅުގަނޑުމެން ކޮން ވާހަކައެއްތޯ މި ދައްކަނީ،" ސިރާޖު ވިދާޅުވިއެވެ.

އަބްދުﷲ ރަޝީދުގެ ވާހަކަދައްކަން ފެށުމާއެކު ކުރި އަސަރުން މެމްބަރަށް ވަނީ ވާހަކައައިގެން ކުރިއަށް ވަޑައިގަތުމަށް ވަރަށް ބޮޑަށް އުނދަގޫވެފައެވެ. އަދި އަބްދުﷲ ރަޝީދުގެ ވާހަކަ ދެއްކުމަކީ ވަރަށް އަސަރުކުރާ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.

އެހާ ހިސާބުން މެމްބަރަށް ރޮވެން ފެށުމުން، "އަޅުގަނޑު ދިޔައިން އަބްދުﷲ ރަޝީދުގެ ވަކީލަކަށް" ކަމަށް ވިދާޅުވެ، އިތުރަށް ވާހަކަ ކުރިއަށް ގެންދެވޭގޮތް ނުވެ، ސިރާޖު އިށީނދެވަޑައިގަތީއެވެ.

މެމްބަރު އިށީނދެވަޑައިގަތުުމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ ފަހުން މެމްބަރުގެ ވާހަކަ ކުރިއަށް ގެންދަން ބޭނުންވާނަމަ އިޝާރާތެއް ކޮށްލަދެއްވުމަށާއި، އޭރުން ވާހަކަ ފުރިހަމަކުރަން ފުރުސަތު ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

އަބްދުﷲ ރަޝީދު މަރުވީ އޭނާ ޖަލު ބަންދުގައި ހުއްޓާ ވަރަށް ބޮޑަށް ހާލުދެރަވުމާ ގުޅިގެން އައިޖީއެމްއެޗަށް ގެނެސް އެޑްމިޓްކޮށް ފަރުވާދެމުން ދަނިކޮށް 2017 އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ.

އެޗްއާރްސީއެމް އިން ބުނެފައިވަނީ މާފުށީ ޖަލުން އަބްދުﷲ ރަޝީދު ސިއްހީ ފަރުވާދިނުމުގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އާއި އަދި މާފުށީ ޖަލުގެ މެޑިކަލް ސެންޓަރުގައި އެވަގުތު އޭނާއަށް ފަރުވާ ފޯރުކޮށްދެމުންދިޔަ ދެ ޑޮކްޓަރުންވެސް ސިއްހީ ފަރުވާދިނުމުގައި އިހުމާލުވެފައިވާކަން އެ ކޮމިޝަނުގެ ތަހުގީގަށް ހޯދިފައިވާ ހޯދުންތަކުން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެހެން ނަމަވެސް ޕީޖީއާ ހަވާލާދީ އެޗްއާރުސީއެމްއިން ބުނީ އެ މައްސަލައިގައި ދައުވާ ނުކުރަން ނިންމީ ކަރެކްޝަންސްގެ ޑިއުޓީ އޮފިސަރުން ދީފައިވާ ބަޔާންތަކުން އެ މައްސަލާގައި އަބްދުﷲ ރަޝީދަށް އެކަށީގެންވާ ފަރުވާ ނުދޭކަމަށް ބެލެވެންނެތް ކަމަށް ޕީޖީ އޮފީހަށް ފެންނާތީ ކަމަށެވެ.

އަބްދުﷲ ރަޝީދުގެ މަރާ ގުޅޭ ގޮތުން އެޗްއާރުސީއެމްއިން އެކުލަވާލި ރިޕޯޓް މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައި ވަނީ މަރުގެ މައްސަލަތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނާ ވަނީ ހިއްސާކޮށްފައެވެ.

comment ކޮމެންޓް