މަހާތިރު އުފެއްދެވި ޕާޓީއިން އޭނާ ވަކިކޮށްފި

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު މަހާތިރު މުހައްމަދު ވަނީ އޭނާގެ ޕާޓީން ވަކިކޮށްފަ -- ފޮޓޯ: ރޮއިޓާސް

ކުއަލަލަމްޕޫރު (މެއި 29): މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު މަހާތިރު މުހައްމަދު އުފެއްދެވި ޔުނައިޓެޑް އިންޑިޖިނަސް ޕާޓީ (ބަރުސަތޫ)ގެ މެމްބަރު ކަމުން އޭނާ ވަކިކޮށްފި އެވެ.

ބަރުސަތޫއިން ޕާޓީގެ މެމްބަރުންނަށް ފޮނުވި ކަމަށް ބުނާ ސިޓީއެއްގައިވާ ގޮތުން މަހާތިރު ޕާޓީން ވަކިކޮށްފައި ވަނީ މެލޭޝިއާގައި މިހާރު އޮތް ސަރުކާރަށް އޭނާ ތާއިދު ނުކުރެއްވުމުންނެވެ. އެގައުމުގައި މިހާރު ބޮޑުވަޒީރުކަން ކުރައްވަނީ ބަރުސަތޫގެ ރައީސް މުހިއްޔުއްދިން ޔާސީން އެވެ.

އެސިޓީގައިވާ ގޮތުން މިމަހުގެ 18އިގައި ބޭއްވި ޕާލިމެންޓު ބައްދަލުވުމުގައި މަހާތިރު އިންނެވީ ސަރުކާރާ އިދިކޮޅު މެމްބަރުން ތިއްބަވާ ބެންޗުގަ އެވެ. އެހެންކަމުން އެހާ ހިސާބުން މަހާތިރު ވަނީ ޕާޓީން ވަކިވެފަ އެވެ.

ބަރުސަތޫގެ ޗެއާމަންގެ ގޮތުގައި ހުންނެވި މަހާތިރުގެ އިތުރުން އޭނާގެ ދަރިކަލުން މުޚުރިޒް އާއި އިތުރު ތިން މެމްބަރަކުވެސް ވަނީ ހަމަ އެ ސަބަބާ ހެދި ޕާޓީން ވަކިކޮށްފަ އެވެ.

މަހާތިރު ވަނީ މެއި 18އިގައި އޮތް ޕާލިމެންޓު ބައްދަލުވުމުގައި މުހިއްޔުއްދިންއާ ދެކޮޅަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަންގަވަން މަސައްކަތް ކުރައްވާފަ އެވެ. ނަމަވެސް ރަސްގެފާނު އަބްދުﷲގެ ތަގުރީރަކަށް ފަހު އެ ބައްދަލުވުން ވަނީ ނިންމާލާފަ އެވެ. އަދި މަހާތިރު ވަނީ ކޯފާ އިސްކުރައްވާ، "ޑިމޮކްރަސީ މަރުވެފައިވާ" ކަމަށް ވިދާޅުވެފަ އެވެ.

ދެހާސް އަށާރަ ވަނަ އަހަރު މަހާތީރު ވެރިކަމަށް ވަޑައިގެންނެވީ 1981 އާއި 2003އާ ދޭތެރޭ އޭނާ ބޮޑުވަޒީރުކަން ކުރެއްވި އިރު، ނައިބުކަން ކުރެއްވި އަންވަރު އިބްރާހިމްގެ ކޯލިޝަނުގައި ހުންނަވައިގެންނެވެ. އަދި ވެރިކަމުގެ ދައުރު ނުނިމެނީސް އަންވަރާ ވެރިކަން ހަވާލު ކުރައްވާނެ ކަމަށް ވިދާޅުވެ އެވެ.

ނަމަވެސް އެ ކޯލިޝަނުގައި ތިބި މެމްބަރުންތަކެއް ވަނީ އަންވަރު ވެރިކަމަށް ނުގެނެސް، އިދިކޮޅު އުމްނޯއާ އެކު އާ ކޮލިޝަނެއް ހެދުމާ ބެހޭ ގޮތުން މިދިޔަ ފެބްރުއަރީ މަހުގެ 23ގައި މަޝްވަރާކޮށްފައި ކަމަށް އަންވަރު ވިދާޅުވި އެވެ. އަދި ޖެހިގެން އައި ދުވަހު މަހާތިރު އިސްތިއުފާ ހުށަހެޅުއްވި އެވެ.

އަންވަރު ވަނީ އާ ކޯލިޝަނެއް ހެދުމަށް މަސައްކަތް ކުރުމުގައި މަހާތިރު ބައިވެރިވެވަޑައިނުގަންނަވާ ކަމަށް ފަހުން ވިދާޅުވެފަ އެވެ. އަދި މަހާތިރު އަނެއްކާވެސް ވެރިކަމަށް އިސް ކުރުމަށް ތާއިދު ކުރައްވާފަ އެެވެ.

ނަމަވެސް ރަސްގެފާނު އަބްދުﷲ އެގައުމުގެ ޕާލިމެންޓުގެ ހުރިހާ މެމްބަރުންނާ ވާހަކަ ދެއްކެވުމަށް ފަހު ނިންމެވީ ގިނަ މެމްބަރުންގެ ތާއިދު އޮތީ އޭރުގެ ހޯމް މިނިސްޓަރު މުހިއްޔުއްދިނަށް ކަމަށެވެ. އެހެންކަމުން އޭނާ ބޮޑުވަޒީރު ކަމަށް އިސްކުރެވުނެވެ.

މުހިއްޔުއްދިނަށް މިހާރު ތާއިދު ކުރާ ޕާޓީތަކުގެ ތެރޭގައި، ކޮރަޕްޝަނުގެ ދައުވާކޮށްފައިވާ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު މީގެ ކުރިން އިސްވެ ހުންނެވި ޔުނައިޓެޑް މެލޭސް ނެޝަނަލް އޯގަނައިޒޭޝަން (އުމްނޯ) އާއި މެލޭޝިއަން އިސްލާމިކް ޕާޓީ ހިމެނެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް