ޑރ. ޝަހީމް ކިޔައިދެއްވަނީ ގޭގައި އީދު ނަމާދު ކުރާނެ ގޮތް

ފިތުރު އީދު ދުވަހަކީ މުސްލިމުންނަށް ވަރަށް މުހިންމު އުފާވެރި ދުވަހެކެވެ. އެކަމަކު މި އީދު މި އަންނަނީ އެހާ އުފާވެރިކޮށެއް ނޫނެވެ. އެއީ ކޮވިޑް19 ބަލިމަޑުކަމުގެ މި ވަބާގެ ސަބަބުން އަޅުގަނޑުމެންނަށް މި ފިތުރު ޢީދުގެ އުފާވެރިކަން އެންމެ ފުރިހަމަ މިނުގައި އަޅުގަނޑުމެންނަށް ހާސިލު ނުވުމަކީ އެކަށީގެންވާކަމަކަށްވާތީ އެވެ.

އޭގެ ތެރޭގައި އެންމެ ފާހަގަ ކޮށްލެވޭ ކަމަކީ އަޅުގަނޑުމެންނަށް އީދު ނަމާދު ބޮޑު ޖަމާޢަތެއްގައި ނުބޭއްވި ދާކަމެވެ. އަދި މިސްކިތްތައް ބަންދުވެފައިވާކަމެވެ. އެހެންވީމަ މިޙާލަތުގައި އަޅުގަނޑުމެންނަށް ގޭގަ އެކަނިވެސް ނުވަތަ ގޭގައި ޖަމާޢަތެއް ހަދައިންވެސް ޢީދު ނަމާދު ކުރެވިދާނެކަމަށް ޢިލްމުވެރިންވަނީ ވިދާޅުވެފަ އެވެ.

ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިވަނީ ވަރަށް ތަފްސީލީގޮތެއްގައި އީދު ނަމާދު ގޭގައި ކުރެވޭނެ ގޮތާއި އެކަމުގެ މުހިންމުކަން "ސަން"އާ ހިއްސާކޮށްދެއްވާފަ އެވެ. މިއީ މި ރޯދަ މަހު އެމަނިކުފާނު "ސަން" އަށް ދެއްވި ހާއްސަ ވީޑިއޯ އިންޓަވިއު ސީރީޒްގެ އެންމެ ފަހު އެޕިސޯޑެވެ.

ސައުދީ އަރަބިއްޔާގެ އިސްލާމީ ކަންތައްތަކާއި ބެހޭ އެންމެ މަތީ މަޖިލީހުންވެސް އަދި މިސްރުގެ އެންމެ މަތީ ފަތުވާ ކައުންސިލުންވެސް ނެރުއްވާފައިވާ ފަތުވާތަކަށް ބަލާއިރުގައި މި ޙާލަތުގައި ގޭގަ އެކަނިވެސް އަދި ޖަމާއަތް ހަދައިންވެސް އީދު ނަމާދު ކުރެވިދާނެ ކަމަށްވެ އެވެ.

އިލްމުވެރިން ވިދާޅުވެފައިވަނީ މި ޙާލަތުގައި ގޭގައި ޢީދު ނަމާދު ކުރާނީ އީދު ނަމާދު ކުރާއިރުގައި ޚުތުބާ އަކައި ނުލާ ކޮށްގެންކަމަށެވެ. އެގޮތަކީ އަޅުގަނޑުމެން ޢާންމު ގޮތެއްގައިވެސް ބޮޑު ޖަމާޢަތުގައި ނުވަތަ މިސްކުތުގައި ވެސް ކުރާ ފަދައިން ދެ ރަކުޢަތުގެ ނަމާދެއް ކުރާނީއެވެ. އޭގެ ތެރެއިން ފުރަތަމަ ރަކުޢަތުގައި ހަށަންބަން ތަކުބީރު ފިޔަފައި އަޅުގަނޑުމެން ހަތް ތަކުބީރު ކިޔަން ޖެހޭނެއެވެ.

އޭގެ މިސާލަކީ "ﷲ އަކުބަރު" (ހަށަންބަންތަކުބީރު) ކިޔުމަށްފަހުގައި ހަމަ އެފަދައިން "ﷲ އަކުބަރު" ކިޔާ ހަތް ތަކުބީރު ހަމަކުރާނީ އެވެ. އެއަށް ފަހުދެން ދުޢާޢުލް އިފްތިތާހް ކިޔުމަށްފަހުގައި ސޫރަތުލް ފާތިހާ ކިޔާނީ އެވެ. އެއަށް ފަހުގައި "ސައްބިޙިސްމަ ރައްބިކަލް އަޢުލާ" ސޫރަތް ކިޔާނީ އެވެ. ނުވަތަ އެމީހަކަށް ފަސޭހަ ސޫރަތެއް ކިޔަވާނީ އެވެ. ދެން އެ ރަކުއަތް ފުރިހަމަ ކޮށްފައި ދެވަނަ ރަކުޢަތަށް ތެދުވުމަށް އެކިޔަވާ ތަކުބީރު ފިޔަވައި 5 ތަކުބީރު ކިޔަންވާނެއެވެ. ދެން އަނެއްކާވެސް ފާތިހާ ސޫރަތް ކިޔަވާފައި ސޫރަތެއް ކިޔެވުމަށްފަހުގައި ރަކުޢަތް ފުރިހަމަ ކޮށް އައްތަހިއްޔާތު ކިޔާފައި ނިންމާލާނީ އެވެ. އޭރަށް އެއޮތީ ޢީދު ނަމާދު ފުރިހަމަވެފަ އެވެ.

ދެން ޚުތުބާ އަކައި ނުލައި ޢީދު ނަމާދު މިއޮންނަނީ ގޭގޭގައި ޢަމިއްލަ އަށް ނުވަތަ ގޭގޭގައި ޖަމާޢަތް ހަދައިގެން ކުރާތީވެ އެވެ. ޚުތުބާއަކައި ނުލާވެސް ޢީދު ނަމާދު ޞައްޙަ ވާނެކަމަށް ޢިލްމުވެރިން މިވަނީ ވިދާޅުވެފަ އެވެ.

އަންހެން ބޭފުޅުންނަށް ފިރިހެން ބޭފުޅުއްގެ އިމާމުކަމުގެ ދަށުގައި ފިރިހެން ބޭފުޅުންގެ ފަހަތުގައި ޖަމާޢަތް ހަދައިން ޢީދު ނަމާދު ކުރެވޭނެކަމަށް ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. އެހެންނަމަވެސް ޙައިޟުވެރިންނާއި ނިފާސްވެރިން ޢީދު ނަމާދުގައި ބައިވެރިވުމެއް ނެތެވެ. އެއީ ޙައިޟު ވެރިންނާއި ނިފާސްވެރިން ޢީދު ނަމާދުގެ ޚުތުބާ އަޑުއެހުމަށް މި އޮންނަނީ މިސްކިތްތަކުގައާއި ޖަމާޢަތްތަކުގައި ޢީދު ނަމާދު ކުރާއިރު ޢީދުގެ އުފާވެރިކަމުގައި ބައިވެރިވުމަށް އެކަނި ކަމުގައިވާތީއެވެ. އެހެންވީމަ މިޙާލަތުގައި އެބޭފުޅުންނަށް ބައިވެރިވެވެން ނެތަސްވެސް އެބޭކަނބަލުންނަށް ޘަވާބާއި ދަރުވަ އުނިވެގެން ދާނެ ކަމެއްނޫނެވެ. އެއީ މިއީ ފިތުރީ ޙާލަތެއް ކަމުން އެބޭކަނބަލުންނަށް ޢީދު ނަމާދުގައި ބައިވެރިނުވެވުނެއް ކަމަކު އެއްވެސް އެއްޗެސް އުނިވެގެން ނުދާނެއެވެ.

ޢީދު ނަމާދު ގޭގައި ކުރިނަމަވެސް އެއްބަޔަކު އަނެއްބަޔަކު ތަހުނިޔާ ބަދަލު ކުރަންޖެހޭނެއެވެ. ސޯޝަލް މީޑިއާވެސް ޢީދު ތަހުނިޔާއިން ފުރާލަން ޖެހޭނެއެވެ. މީހުން މާޔޫސް ކަމާއި ހިތާމަވެރިކަމުގައި އުޅޭނެ ކަމެއްނެތެވެ. އަޅުގަނޑުމެން ﷲ ގެ ރަޙްމަތައް މާޔޫސް ވާނެ ކަމެއްނެތެވެ. މި ކޮވިޑް19 ގެ ވަބާގެ މައްޗަށް އަޅުގަނޑުމެން ޢަޒުމާއި އެކު ގަދަވާންވީއެވެ. އަޅުގަނޑުމެން ތަކުބީރުގެ އަޑުތަކާއި އެކުގައި ސޯޝަލް މީޑިއާ ހަމަ ފުރާލަންވީ އެވެ.

މީގެ އިތުރުންވެސް އެކަކު އަނެކަކަށް ތަހުނިޔާ ބަދަލުކުރަންޖެހެއެވެ. ވާރިދުވެފަ އޮންނަނީ ﷲގެ ރަސޫލާގެ އަޞްޙާބު ބޭކަލުން ޢީދު ދުވަހުގައި އެއްބޭކަލަކު އަނެއްބޭކަލަކާއި ބައްދަލުވާ ވަގުތުގައި ބުނެއުޅެއެވެ. "ﷲ މިއަޅާއާއި ތިބާގެ ޢަމަލުތައް ޤަބޫލު ކުރައްވާންދޭވެ" މިފަދައިން ރަސޫލާގެ އަޞްޙާބު ބޭކަލުން ޢަމަލު ކުރައްވާފައިވެއެވެ.

comment ކޮމެންޓް