ރޯދަމަސް ނިމުމުގެ ކުރިން ކޮންމެހެން ވެސް ޑޯނަޓް ހަދަންވާނެ!

ޑޯނަޓެއް ކާހިތްވާވަރުން ނުހުރެވިގެން އުޅެނީ ކިތައް ދިވެހިން ހެއްޔެވެ؟ ޝުގާ ނޫނީ ހަކުރުލީ ޑޯނަޓް ކާހިތްވާ ފަރާތްތަކާއި ޗޮކްލެޓް ހާކާފައި ހުންނަ ޑޯނަޓްތައް މީރުވެގެން ކައިއުޅޭ ކުޑަކުދިންވެސް އެހާމެ ގިނަ އެވެ. ޒަމާނާއެކު ޑޯނަޓްތަކުގެ ވައްތަރުތަކާއި ރަހަތައް ބަދަލުވެ ޑޯނަޓް ތައްޔާރު ކުުރުމުގެ ފޯރި ދިވެހިންގެ ތެރޭގައި ވެސް ގަދަ އެވެ.

ފޮނިތޮށިއެމްވީގެ ފަރާތުން އައިމިނަތު ރުޚުޝާ އަހުމަދު (ތޫތަ) މިއަހަރުގެ ސަންބަދިގޭގައި ތައްޔާރުކޮށްދޭ އެންމެ ފަހު ރެސިޕީއަކީ "ލޮކްޑައުންޑް ޔީސްޓް ފްރީ ޑޯނަޓް" އެވެ.

ބޭނުންވާތަކެތި:

  • 140 ގްރާމް ސެލްފް ރެއިޒިން ފުށް
  • 190 ގްރާމް ޕްލެއިން ޔޯގަޓް

މިރެސިޕީ ތައްޔާރުކުރުމަށް ޕްލެއިން ޔޯގަޓްގެ ބަދަލުގައި 112 ގްރާމް ކިރު ނުވަތަ 1/2 ޖޯޑު ކިރު ބޭނުންކުރެވިދާނެ އެވެ.

ސެލްފް ރެއިޒިން ފުށް ގޭގައި ނެތްނަމަ 140 ގްރާމް އާދައިގެ ފުށަށް 1 1/2 ސައިސަމުސާ ބޭކިންގ ޕައުޑަރ އެއްކުރާށެވެ. ނުވަތަ 140 ގްރާމް ފުށަށް 1/2 ސައިސަމުސާ ބޭކިންގ ސޮޑާ އެއްކޮށްލުމުންވެސް ސެލްފް ރެއިޒިންގ ފުށް ތައްޔާރުކުރެވުނީ އެވެ.

ތައްޔާރުކުރާނެގޮތް:

ޑޯނަޓް ތައްޔާރުކޮށްލަން ބޭނުންވާ ފުށް އަދި ޔޯގަޓް ރަނގަޅަށް އެއްކޮށްލުމަށްފަހު ޕައިޕިންގ ބޭގް އަކަށް އަޅާށެވެ. ތެޔޮ ތާސް ރަނގަޅަށް ހޫނުކޮށްލުމަށްފަހު ޕައިޕިންގ ބޭގް އިން ވީޑީއޯ އިން ފެންނަގޮތަށް ސީދާ ތެއްޔަށް ޑޯނަޓްތައް އަޅަމުން ކަތުރަކުން ބުރި ކުރަމުން ގެންދާށެވެ.

ރަނގަޅަށް ތެލަށް އަޅާލެވުމުން ގަދަ މުށިކުލައަކަށް ޑޯނަޓްތަކުގެ ކުލަ ބަދަލުވާނެއެވެ. އަދި ތެޔޮގަނޑުގެ މައްޗަށް ޑޯނަޓްތައް ވީޑިއޯއިން ފެންނަގޮތަށް އަރާނެއެވެ.

ޑޯނަޓްތައް ގްލޭޒްކުރުން:

ސިނަމަން ޝުގާ އިން ގްލޭޒްކުރުމަށް

  • ބަޓަރ (މެލްޓް ކޮށްފަ)
  • 3 މޭޒުމަތީ ސަމުސާ ކާސްޓާ ޝުގާ ނުވަތަ އާދަައިގެ ހަކުރު
  • 1/2 މޭޒުމަތީ ސަމުސާ ފޮނިތޮށި (މުގުރާފަ)

ޑޯނަޓްތަކުގައި މެލްޓްކޮށްފައިހުރި ބަޓަރ އުނގުޅާށެވެ. އެއަށްފަހު ބޯތައްޓެއްގައި ހަކުރާއި ފޮނިތޮށި އެއްކޮށްލާށެވެ.

ޑޯނަޓްތައް ބޯތައްޓަށް އަޅާލުމަށްފަހު ރަނގަޅަށް ޑޯނަޓްތައް ކޯޓް ކޮށްލާށެވެ.

ގްލޭޒްޑް ޑޯނަޓް

  • 125 ގްރާމް ނުވަތަ 1 ޖޯޑު އައިސިންގ ޝުގަރ
  • 38 ގްރާމް ބަޓަރ (މެލްޓަޑް)
  • 1-2 މޭޒުމަތީ ސަމުސާ ކިރު (އެމީހަކު ބޭނުންވާ ތިކްނެސް ކޮންސިސްޓެންސީ އެއް ހޯދުމަށް)
  • 1 ސައިސަމުސާ ވެނީލާ އެސެންސް

ހުރިހާ އިންގްރީޑިއަންޓްއެއް ބޯތައްޓެއްގައި ރަނގަޅަށް ވިސްކް ކޮށްލާށެވެ. އެއަށްފަހު ޑޯނަޓްތައް ރަނގަޅަށް ކޯޓް ކޮށްލާށެވެ.

ޗޮކްލެޓް ގްލޭޒް އަކަށް ބަދަލުކޮށްލަން ބޭނުންވާނަމަ 2 މޭޒުމަތީ ސަމުސާ ކޮކޯ ޕައުޑަރ އާއި އެއްކޮށް އިތުރު ކިރުކޮޅެއް މިކްސްއަށް އެޑްކޮށްލާށެވެ. އޭރުން އެކަމަށް ހައްލެއް ލިބުނީއެވެ.

މިއަދުގެ ރޯދަވީއްލާގަޑިއަށް ޑޯނަޓް ތައްޔާރުކޮށް އަޖުމަބަލާލާށެވެ!

comment ކޮމެންޓް