ވެލާ ރިސޯޓުން ނ. އަތޮޅުގެ ހުރިހާ ރަށަކަށް އެހީވެދީފި

ނ. އަތޮޅުގެ ރަށްތަކަށް ވެލާ ރިޒޯޓުން ހަދިޔާ ކުރި ތަކެތި ---

ވެލާ ޕްރައިވެޓް އައިލެންޑުން ނ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް މާސްކާއި އަންގި ހަދިޔާ ކޮށްފި އެވެ.

ރާއްޖެއިން ކޮރޯނާވައިރަހާ ދެކޮޅަށް ކުރާ މަސައްކަތުގައި އެހީވުމުގެ ގޮތުން، ނ. އަތޮޅުގައި އޮންނަ ވެލާ ޕްރައިވެޓް އައިލެންޑުން މިއަދު ވަނީ އެ އަތޮޅުގެ 13 ރަށަކަށް ޖުމުލަ 20،000 އަންގިއާއި މާސްކް ހަދިޔާކޮށްފަ އެވެ.

އެގޮތުން މި ތަކެތި ހަދިޔާކޮށްފައިވަނީ ކޮންމެ ރަށެއްގެ ވެސް އާބާދީއަށް ބަލައި، އާބާދީއަށް ވުރެން އިތުރަށް ކަމަށް ވެލާއިން ބުނެ އެވެ. އަދި މި ތަކެތި މިއަދުގެ ވަގުތެއްގައި އެ އަތޮޅުގެ 13 ރަށެއްގެ ކޮވިޑް-19 ޓާސްކްފޯހާއި ހަވާލުކޮށްފައިވާނެ ކަމަށް ވެސް ވެލާއިން ބުނެ އެވެ.

ނ. އަތޮޅުގެ ރަށްތަކަށް ވެލާ ރިޒޯޓުން ހަދިޔާ ކުރި ތަކެތި ---

"އަޅުގަނޑުމެން މިކަމުގައި ނުބަލަން އަރަނީ ކިހާވަރެއްގެ ކޯސްޓެއްތޯ. އެންމެ މުހިއްމު ކަމަކީ އަޅުގަނޑުމެން ނިސްބަތް މިވާ ނ. އަތޮޅާއި، ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން،" ވެލާގެ ހިއުމަން ރިސޯސް ޑިޕާޓްމެންޓުގެ ހެޑް ސިއްދީގް ވިދާޅުވި އެވެ.

މީގެ ކުރިން ވެސް ވެލާގެ ވެރިޔާ ޖިރީ ސްމެކް އާއި އެ ރިޒޯޓުގެ ހިއްސާދާރެއް ކަމަށްވާ ޑެނިއެލް ކްރެޓިންސްކީ ވަނީ ރާއްޖެއަށް ފަސް ވެންޓިލޭޓަރާއި 10،000 ޓެސްޓު ކިޓާއި 100،000 ފޭސް މާސްކާއި 200 ރެސްޕިރޭޓަރާއި 500 ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމެންޓް (ޕީޕީއީ) ހަދިޔާ ކޮށްފަ އެވެ.

އަދި މީގެ އިތުރުން ދާދި ފަހުން ކޮރޯނާގެ ޕޮޒިޓިވް ކޭސްތަކެއް ފެނުނު ށ.ނަރުދޫއަށް ވެސް ވަނީ ވެލާއިިން އެހީވެފަ އެވެ. އެގޮތުން އެ ރަށަށް ބޭނުންވާ މާސްކާއި، އަންގި ވަނީ އެ ރަށުގެ ކައުންސިލަށް ހަދިޔާ ކޮށްގަ އެވެ.

comment ކޮމެންޓް