އެކުވެރި އަމީންގެ ފޮޓޯއާއެކު ޖަމީލް ވިދާޅުވީ ހިޔާނާތްތެރިން ކަމަށް

ސަންގެ 50މިިޓް ޕްރޮގްރާމްގައި ޖަމީލްއާއި އަމީން؛ ޖަމީލް ވިދާޅުވަނީ އަމީން އަކީ ހިޔާނާތްތެެރިއެއް ކަމަށް --- ސަން ފައިލް ފޮޓޯ

ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ ގާތް އެކުވެރިންގެ ތެރޭ ހިމެނޭ ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ފެންނަ ފޮޓޯއެއް ޓްވީޓްކުރައްވައި، އެ ފޮޓޯއިން ފެންނަނީ ހިޔާނާތްތެރިން ކަމަށް ތުހުމަތު ކުރައްވައިފި އެވެ.

ރާއްޖޭގެ ގިނަ ޕާޓީތައް އެކުލެވޭ ސިޔާސީ ނިޒާމެއް ވުޖޫދުވި ހިސާބުން ފެށިގެންވެސް މިވަގުތު އެންމެ ޒިންމާބޮޑު ވުޒާރާއާ ހަވާލުވެވަޑައިގެން ހުންނެވި، މިނިސްޓަރު އަމީން އާއި އިދިކޮޅު ފަޅީގައި ހުންނެވި ޖަމީލްއާ ދެބޭފުޅުންނަކީ ގާތް ރަހުމްތެރިންގެ ގޮތުގައި އެއްކޮށް ސިޔާސީ މަސައްކަތް ކުރައްވަމުން ގެންދެވި ބޭފުޅުންނެވެ.

ކޮރޯނާވައިރަހާ ދެކޮޅަށް މަސައްކަތް ކުރާ އިސް މުއައްސަސާތަކުގެ ވެރިންނާއި ޑޮކްޓަރުންގެ ޓީމްގެ ބޭފުޅުންގެ ފޮޓާތަކަކާ އެކު ޖަމީލް ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ދުނިޔޭގެ ނިސްބަތުން މި ވައިރަހާ ދެކޮޅަށް އެންމެ ބޮޑު ހަރަދެއްކޮށްފައި ވަނީ ރާއްޖެއިން ނަމަވެސް، މިއީ އެންމެ ނަތީޖާ ދަށް ގައުމުކަމަށެވެ. އަދި ފޮޓޯ އިން ފެންނަ ފަރާތްތަކަކީ ގާބީލްކަމެއް ނެތް ބައެއް ކަމަށާއި އެއީ މުޅިންވެސް ހިޔާނާތްތެރިންގެ ގޮޮތުގައި ޖަމީލް ތުހުމަތު ކުރެއްވި އެވެ.

"ޕޯސްޓްމޯޓަމް އިން ފެންނަނީ މުޅީންވެސް ހިޔާނާތްތެރިން. މަންޒަރު ސާފުވެއްޖެ. ގާބިލުކަމެއް، ލީޑާޝިޕެއްވެސް ނެތް. ދެން އޮތީ ސަލާމަތްތެރިކަން ހޯދަން ނުކުތުން،" ޖަމީލް ޓްވީޓްގައި ލިޔުއްވާފައިވެ އެވެ.

މިއީ އަބަދުވެސް ސަރުކާރަށާއި ސަރުކާރުގެ ވަޒީރުންނަށް ބަހުގެ ހަމަލާތައް ދެމުން ގެންދާ ޖަމީލް، އަމީންނަށް ރައްދުވާގޮތަށް ބަހުގެ ހަމަލާތައް ދިން ފުރަތަމަ ފަހަރެވެ. އަދި މިއީ އަމީންއަށް ރައްދުވާ ގޮތަށް ޖަމީލް ފާޅުގައި އެއްޗެއް ވިދާޅުވި ފުރަތަމަ ފަހަރެވެ.

އެންމެ ފުރަތަމަ ގައުމީ ޕާޓީގެ އިސްސްފުން ފެނިގެން ދިޔަ މި ދެބޭފުޅުން ކޮންމެ ސަރުކާރެއްގައިވެސް ހުންނަވަނީ ސިޔާސީ ގޮތުން އެއް ފިކުރެއްގަ އެވެ. ދެހާސްތޭރަވަނަ އަހަރު އޭރުގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންގެ ރަނިންމޭޓެއްގެ ގޮތުގައި ޖަމީލް ވާދަކުރެއްވި އިރުވެސް އެ ކެމްޕެއިންގައި ޖަމީލްއާއެކު އަމީން އަމަލީ ގޮތުން ބައިވެރިވެވަޑައިގެންނެވި އެވެ. އަދި އިންތިހާބަށްފަހު، އަމީން ރައީސް ޔާމީންގެ ސަރުކާރުގައި ހުންނެވީ ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގަ އެވެ.

ރައީސް ޔާމީން 2013 ވަނަ އަހަރު އައްޑޫ ސިޓީއަށް ކުރެއްވި ރިޔާސީ ކެމްޕެއިން ދަތުރުގައި އެމަނިކުފާނުގެ އަރިހުގައި އަމީންއާއި ޖަމީލް: ސިޔާސީ މަސައްކަތުގައި އަމީންއާއި ޖަމީލްއަކީ ވަރަށް ގާތްކޮށް މަސައްތަކުރެއްވި ދެ އެކުވެރިން -- ފޮޓޯ/ އަމީން ޓްވީޓާ

ނަމަވެސް ޖަމީލްއާއި ރައީސް ޔާމީންއާ އުފެދުނު ހިޔާލުތަފާތުވުންތަކަށްފަހު، ޖަމީލްއާއި އަމީން އަދި ރައީސް ޔާމީންގެ ސަރުކާރުގައި ސްޕޯޓް މިނިސްޓްރުކަން ކުރެއްވި، މިހާރުގެ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މަލީހް ޖަމާލްއާ ތިން ބޭފުޅުން ލަންޑަންގައި ބޭއްވި އޮންލައިން ޖަލްސާގައި އޭރުގެ އިދިކޮޅު، ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވި އެވެ. އެފަހުން ތިން ބޭފުޅުން އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބަށްފަހުވެސް އައީ އެކުގައި މަސައްކަތް ކުރައްވަމުންނެވެ.

އަމީންއާ މަލީހަށްއަށްވެސް މިނިސްޓަރުކަން ލިބިފައިވަނީ ޖުމްހޫރީޕާޓީގެ ސްލޮޓްގަ އެވެ. ޖަމީލް ވަނީ މަޖިލިސް އިންތިހާބަށްފަހު ވަރަށް ބޮޑަށް ސަރުކާަރަށް ފާޑުވިދާޅުވެ، އެންމެފަހުން އިދިކޮޅު ލީޑަރު ރައީސް ޔާމީންއާއެކު މަސައްކަތްކުރައްވަން ފައްޓަވާ އެވެ.

https://sun.mv/101147

ކޮވިޑް19އާ ދެކޮޅަށް މަސައްކަތްކުރައްވާ ސަރުކާރުގެ އިސްވެރިންނަށް ޖަމީލް ކޮރަޕްޝަންގެ ތުހުމަތު ކުރެއްވި އިރު، އިދިކޮޅު ފަރާތްތަކުންވެސް ވަނީ މި ސަރުކާރުން މި ވައިރަހާ ދެކޮޅަށް ކުރަމުންދާ މަސައްކަތްކަތުގެ ތެރެއިން ކޮރަޕްޝަންގެ އަަމަލުތައް ހިންގަމުންދާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ. އަދި ސަރުކާރަށް ނިސްބަތްވާ މަޖިލިސް ބައެއް މެމްބަރުންވެސް ވަނީ އެ މޭރުމުން ވާހަކަ ދައްކަވާފަ އެވެ. ނަމަވެސް ސަރުކާރުން އެކަންކަން ދޮގު ކުރެ އެވެ.

comment ކޮމެންޓް