މި ރޯދަމަހު ފުއްޖެހި ކަވާބު ތައްޔާރުކޮށްފިންތަ؟

ރަހަމީރު ހެދިކާގެ އެކި ބާވަތްތަކުގެ ތެރެއިން ފުއްޖެހި ކަވާބަކީ ގިނަބަޔަކަށް އެއާ ނުލާ ރޯދަމަހެއް ފުރިހަމަވާނެ އެއްޗެއް ނޫނެވެ.

ހަރު، މުރަނަ ގުޅަ ބަޖިޔާތަކާއި ދުރު ކަވާބުގެ އާއިލާއަށް ނިސްބަތްވާ މި ފުއްޖެހި ކަވާބަކީ ވެސް މާގިނަ ވައްތަރުގެ ބާވަތްތަކެއް ބޭނުންނުކޮށް ތައްޔާރުކޮށްލެވިދާނެ މީރު ހެދިކާއެކެވެ.

މަރިޔަމް އަހުމަދު ޑޮކްޓަރަކަށްވުމުގެ ހުވަފެން ހަގީގަތަކަށް ހެދުމުގައި ވަރަށް ބުރަކޮށް އުޅެމުންވެސް ސަން ބަދިގެއަށް ހިއްސާކޮށްލާ ރެސިޕީތަކުން މަރީވީއެމްއެމްގެ ކެއްކުމުގެ ކުޅަދާނަކަން އަހަރެމެންނަށް ދައްކައިދެއެ ވެ. މިފަހަރުވެސް މިއޮތީ އެފަދަ މީރު ރަހައެކެވެ. ފުށްޖެހި ކަވާބުގެ މިރެސިޕީ އަޅެ ތައްޔާރުކޮށްލަބަލާށެވެ.

ބޭނުންވާތަކެތި:

މަސްގަނޑު ތައްޔާރުކުރުމަށް

  • 1 ޖޯޑު ފިޔާ (ކޮށާފައި)
  • 4 ބިލިމަގު
  • 2 ކޯޅި ހިކަނދިފަތް
  • 4 އިންޗި ރާނބާފަތް
  • 1 ގިތެޔޮ މިރުސް (ބޭނުމިއްޔާ ގިތެޔޮ މިރުހެއްގެ އެއްބައިވެސް ބޭނުންކުރެވިދާނެ)
  • 1 ދަޅު މަސް
  • 1 ގަނޑު ވަޅޯމަސް (މޮޑެލާފައި)
  • ލޮނު (ރަހަލާވަރަށް)
  • އަސޭމިރުސް (ރަހަލާވަރަށް)
  • 1 ލިބޯގެ ހުތް
  • 6 އަލުވި ( ކުދި ސައިޒް، ފެނު ކައްކާފައި)

ފުށްގަނޑު: ކަވާބު ކޯޓްކުރުމަށް

  • 1 ޖޯޑު ފުށް
  • 1 ސައިސަމުސާ ބޭކިންގ ޕައުޑަރ
  • 1/2 ސައިސަމުސާ ލޮނު
  • 1/3 ސައިސަމުސާ ރީނދޫ
  • 3/4 ޖޯޑު ފެން

ތައްޔާރުކުރާނެގޮތް:

ފެނުކައްކާފައި ހުރި އަލުވިތައް ރަނގަޅަށް ޗަސްކޮށްލާށެވެ. ނުވަތަ މޭޝްކޮށްލަންވީއެވެ.

ތަވައެއްގައި ކުޑަ ތެޔޮފޮދެއް ލުމަށްފަހު ފިޔާ، ބިލިމަގު، ރާނބާފަތް އަދި ހިކަނދިފަތްކޮޅު، ރަހަލާވަރުގެ ލޮނުކޮޅެއް އެޅުމަށްފަހު ރަނގަޅަށް ވަޅޯކޮށްލާށެވެ.

ފިޔާތައް ރަނގަޅަށް މޯޅިވެލުމުން ވަޅޯމަސްކޮޅު އަދި ދަޅުމަސް އަޅަންވީޢެވެ. އަދި ގިތެޔޮ މިރުހާއި އަސޭމިރުސްވެސް އެއްކޮށްލަންވާނެއެވެ.

އުނދުންމަތިން ތަވާ ބޭލުމަށްފަހު ޗަސްކޮށްފަ ހުރި އަލުވިކޮޅާއި އެއްކޮށްލާށެވެ. އަލުވިކޮޅު މިކްސްކޮށްލާއިރު ލިބޯހުތްފޮދުވެސް އެއްކޮށްލާށެވެ. ފުށްޖެހި ކަވާބުގެ މަސްގަނޑު ތި ތައްޔާރުކޮށްލެވުނީއެވެ. އަވަހަށް ކުދިކޮށް ގުޅަ ޖަހާލާ، ކަވާބުތައް ކޯޓްކޮށްލަން ރެޑީކޮށްލާށެވެ.

ކަވާބުތައް ކޯޓްކުރުމަށް ފުށްގަނޑު ތައްޔާރުކުރުމަށް، ފުށާއި ބޭކިންގ ޕައުޑަރ އަދި ލޮނާއި ރީނދޫ ކުޑަ ބޯތައްޓެއްގައި މިކްސްކޮށްލާށެވެ. އެއަށްފަހު ފެން އަޅަމުން މިކްސްކުރަމުން ގެންދާށެވެ.

ކަވާބުތައް ފުށްގަނޑުގައި ރަނގަޅަށް ކޯޓް ކޮށްލުމަށްފަހު ތެލަށްއަޅާލާށެވެ.

މިއީ ރޯދަވީއްލާ ގަޑީގައި ހޫނު ކަޅުސައިތައްޓަކާއެކު ހަމަ ވަރަށް ކަމުދާނެ ހެދިކާއެކެވެ.

comment ކޮމެންޓް