ރޯދައިގެ ވަސިއްޔަތް: ކޮވިޑް-19 ޓެސްޓު ހެދުމާއި ދަތުގެ ފަރުވާއިން ރޯދަ ގެއްލޭނެތަ؟

މެއި 14، 2020: މާލޭގެ ހެންވޭރު ގެއަކުން ކޮވިޑް19އަށް ޓެސްޓްކުރުމަށް ސާމްޕަލް ނެގުމަށް ކަމާބެހޭފަރާތްތަކުން ހަރަކާތްތެރިވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިލިޔުމުގައި ބަލައިލާފައިވާނީ ކޯވިޑް-19 ހުރިތޯ ބެލުމަށްޓަކައި ހަދާ ޕީސީއާރު ޓެސްޓާއި، ބޮޑުގުންބާކުރުމާއި އަދި ދަތުގެ ފަރުވާއަށްޓަކައި ކުރެވޭ ބައެއް ކަންތައްތަކުގެ ސަބަބުން ރޯދައަށް ކުރާ އަސަރާ ބެހޭގޮތުންނެވެ.

ކޯވިޑް-19 ޓެސްޓު ހެދުން

މިވަގުތު ދުނިޔެއަށް ކުރިމަތިވެފައިވާ އާލަމީ ވަބާ، ކޯވިޑް-19 ހުރިތޯ ބެލުމަށްޓަކައި ކުރާ އެންމެ އާންމު ޓެސްޓަކީ ޕޮލިމަރައިޒް ޗެއިން ރިއެކްޝަން (PCR) ޓެސްޓެވެ. މި ޓެސްޓުކުރުމަށްޓަކައި ކަފަބުރެއް (ސްވެބްއެއް) ނޭފަތުގެ ހިނދުރިން އެންމެ އެތެރެއަށް (nasopharynx އާހަމައަށް) ވައްދާލައެވެ. އަދި ނޭފަތުގެ އެތެރޭގައި ހުންނަ ދިޔަވަރު ރަނގަޅަށް ހޭކެންދެން އިރުކޮޅަކު އެކަފަބުރު ނޭފަތުގެތެރޭގައި އަނބުރާލުމަށްފަހު ނެރެއެވެ. ނޭފަތުގެ އިތުރުން ބައެއްފަހަރު ކަރުގެތެރެއިން ސާމްޕަލް ނަގައިގެންވެސް މިޓެސްޓު ހަދައެވެ. މިޓެސްޓު ހަދާއިރު ނޭފަތަށް ކަފަބުރު ލެއްވުމުން ކޮންމެވެސް ވަރެއްގެ އުނދަގޫކަމެއް އިހުސާސްކުރެނަސް މިއީ އެހާ ތަދުވާނެ ކަމެއްނޫންކަމަށް މާހިރުން ވިދާޅުވެއެވެ. (ޕީސީއާރު މިއީ ކޯވިޑު-19 އަށް ނޫނަސް އެހެނިހެންވެސް ބައެއް ބަލިތައް ދެނެގަތުމަށާއި ތަފާތު ސިއްހީ ބޭނުންތަކަށްޓަކައި އާންމުކޮށް ކުރާ ޓެސްޓެކެވެ.)

ކެރަލާގައި ކޮރޯނާވައިރަހަށް ޓެސްޓުކުރަން މީހެއްގެ ސާމްޕަލް ނަގަނީ -- ފޮޓޯ: ގެޓީ

ހަގީގަތަށް ބަލާއިރު، ބުނެވިދިޔަފަދައިން ޕީސީއާރު ޓެސްޓު ހެދުމުން ރޯދައަށް އަސަރެއްކޮށްފާނެތޯއާމެދު އުފައްދަންޖެހޭ މާބޮޑު ފިގުހީ ބަހުސެއްނެތެވެ. ސަބަބަކީ ސާމްޕަލް ނެގުމަަށްޓަކައި ނޭފަތުން ނުވަތަ ކަރުގެތެރެއިން ވައްދާ ކަފަބުރު ނުވަތަ އެއިން މިންވަރެއްވިޔަސް މަޢިދާގެތެރެއިން ހަށިގަނޑަށް އެތެރެވުމުގެ އެއްވެސް ފުރުސަތެއްނެތުމެވެ. އަދި ސާމްޕަލް ނެގުމަށްޓަކައި އެކުރެވޭ ކަންތަކަކީ ބަހުގެގޮތުންނާއި އާދަކާދައިގެގޮތުންވިޔަސް ކެއުމާއި ބުއިމުގެ މާނައިގައި ހިމެނޭ ކަމެއްނޫނެވެ. ވީމާ، ކޯވިޑް-19 އަށް ޓެސްޓުކުރުމަށްޓަކައި ނޭފަތަށް ނުވަތަ ކަރުގެތެރެއަށް ކަފަބުރު ލައްވައިގެން ސާމްޕަލް ނެގިނަމަވެސް ރޯދައެއް ނުގެއްލޭނެއެވެ. ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ ފަތުވާ ކައުންސިލުގެ ނިންމެވުމަކީވެސް މިއެވެ. އެ ކައުންސިލުން އިތުރަށް ވިދާޅުވެފައިވަނީ މުސްލިމުން ރޯދަ ގެއްލިދާނެކަމުގެ ބިރަށްޓަކައި، ކޮރޯނާ ވައިރަސް ޓެސްޓު ނުހަދާ ތިބެގެންނުވާނެއެވެ.

މެލޭޝިއާގެ ހެލްތު މިނިސްޓްރީން ބޭނުންކުރާ، ކޯވިޑް-19 މެނޭޖްމަންޓް ގައިޑްލައިންތައް ބެއްލެވުމަށްފަހު، ޕާލިސްގެ ސްޓޭޓް ފަތުވާ ކޮމެޓީން ނިންމަވާފައިވަނީ ކޯވިޑް-19 ސްވެބް ޓެސްޓުން ރޯދަ ނުގެއްލޭނެކަމަށެވެ. ޕާލިސްގެ މުފްތީ، އެސޯސިއޭޓް ޕްރޮފެސަރ ޑރ. މުޙައްމަދު ޢަޞްރީ ޒައިނުލްޢާބިދީން ވިދާޅުވެފައިވެއެވެ. 'ޙަނަފީ މަޒުހަބުގައިވާގޮތުން ރޯދަ ގެއްލޭނީ ޠަބީޢީ މަގަކުން ހަށިގަނޑުގެތެރެއަށް ފޮނުވައިލެވޭ އެތި ބަނޑުގެތެރޭގައި ރަނގަޅަށް އިސްރިޤުރާރުވެއްޖެނަމައެވެ. އެހެން ފޮނުވައިލެވޭ އެތީގެ އެއްބައި ބަނޑުތެރޭގައި، އަނެއްބައި ހަށިގަނޑުން ބޭރުގައި އޮތްނަމަ ރޯދައެއްނުގެއްލޭނެއެވެ. މިއުސޫލަށް ބަލާއިރު(ވެސް) ކޯވިޑް-19 ސްވެބް ޓެސްޓަކުން ރޯދައެއް ނުގެއްލޭނެއެވެ.' ޕީސީއާރު ޓެސްޓު ހެދުމަށްޓަކައި ލައްވާ ކަފަބުރަކީ އެއްވެސް ގޮތަކަށް ބަނޑާ ހިސާބަށް ވާސިލުވާ އެއްޗެއްނޫނެވެ. ހަމަ މިނުކުތާތައް ފާހަގަކުރައްވައި، އުރުދުންގެ ފަތުވާ ކޮމެޓީންވެސް ވިދާޅުވެފައިވަނީ ކޮރޯނާ ވައިރަސް ހުރިތޯ ބެލުމަށްޓަކައި ސްވެބް ޓެސްޓު ހެދިނަމަވެސް ރޯދަ ނުގެއްލޭނެކަމަށެވެ.

ބޮޑުގުންބާ ކުރުން

ބޮޑުގުންބާ ކުރުމަކީ ބޮޑުގޮހޮރު ސާފުކުރުމަށްޓަކައި ނުވަތަ އެނޫންވެސް ސިއްހީ ބޭނުމަށްޓަކައި، ޚާއްޞަ އާލާތެއް ބޭނުންކޮށްގެން ފުރަގަސްފަރާތު ދޮރުން ރެކްޓަމްގެ ތެރެއަށް ދިޔާ އެއްޗެއް ފޮނުވައިލުމެވެ. ރޯދައަށް ހުރި މީހާ ބޮޑުގުންބާ ކުރުމުން ރޯދަ ގެއްލުމާމެދު ފިޤުހުވެރީންގެ ތިންޤައުލެއް ވެއެވެ.

ފުރަތަމަ ޤައުލު:

ބޮޑުގުންބާ ކުރުމުން ރޯދަ ގެއްލޭނެކަމަށް ހަތަރު އިމާމުން އިއްތިފާޤު ވެއެވެ. އަދި މިޒަމާނުގެ އިލްމުވެރީންގެ ތެރެއިން ابن عثيمين ގެ ރައުޔަކީވެސް މިއެވެ.

މިބޭފުޅުންގެ ދަލީލުތައް:

އިބުނު ޢައްބާސް އާއި ޢިކްރިމާގެ އަރިހުން ނަގުލުކުރެވޭ ބަސްފުޅެއްގައިވެއެވެ. "ރޯދަ ގެއްލުންވަނީ ހަށިގަނޑުގެ އެތެރެއަށް ވަންނަ އެއްޗަކުންނެވެ."[ ابن أبي شيبة: 2/308] މި ބަސްފުޅަށް ބަލާއިރު ބޮޑުގުންބާ ކުރުމުން ރޯދަ ގެއްލޭނެއެވެ. ބޮޑުގުންބާ ކުރުމަށްޓަކައި ހަށިގަނޑަށް އެތެރެ ކުރެވޭ އެއްޗެއް އެތެރެވަނީ ޠަބީޢީ މަގަކުންނެވެ. އަދި މިއީ ކާތަކެތީން ލިބޭ ފައިދާ ހަށިގަނޑަށް ލިބިދޭނެ އެއްޗެއްކަމުގައި ހިމެނެއެވެ.

ދެވަނަ ޤައުލު:

ބޮޑުގުންބާ ކުރުމަކުން ރޯދައެއް ނުގެއްލޭނެއެވެ. މިއީ ابن حزم ގެ ރައުޔެވެ. އަދި ޝާފިޢީންނާއި މާލިކީންގެ އެއްޤައުލަކީވެސް މިއެވެ. އަދި ابن تيمية އާއި ابن باز އަދި قرضاوي ގެ ރައުޔަކީވެސް މިއެވެ. މިބޭފުޅުން ވިދާޅުވާ ގޮތުގައި ބޮޑުގުންބާ ކުރުމަކީ ކެއުންބުއިމާ އެއްގޮތް ނުވަތަ އެމާނައިގައި ކުރެވޭ ކަމެއްނޫނެވެ.

އަލްކާފީ ފީ ފިޤުހި އަހުލުލްމަދީނާ އެވެ ކިޔުނި ފޮތުގައި ބަޔާންކުރައްވާފައިވާގޮތުގައި، ރޯދައަށް ހުރެ ބޮޑުގުންބާ ކުރިމީހާގެ ރޯދަ ޤަޟާކުރުން މުސްތަޙައްބުވެގެންވެއެވެ. އެހެންނަމަވެސް އެއީ ވާޖިބެއްނޫނެވެ.

ތިންވަނަ ޤައުލު:

محمد رشيد رضا ވިދާޅުވާގޮތުގައި، ބޮޑުގުންބާ ކުރެވޭ ގޮތަށް ބަލައި މިކަން ދެބަޔަކަށް ބަހައިލެވެއެވެ. އެގޮތުން، ބޮޑުގުންބާ ކުރުމަށްޓަކައި ހަށިގަނޑުގެތެރެއަށް ފޮނުވައިލެވޭ ދިޔަވަރުގައި ކާނާގެ ގޮތުގައި ބޭނުންކުރެވޭ (ނުވަތަ ކާނާގެ ފައިދާ ހަށިގަނޑަށް ލިއްބައިދޭ) މާއްދާއެއް އެކުލެވޭނަމަ އެހާލަތުގައި ރޯދަ ގެއްލޭނެއެވެ. އަދި އޭގައި ކާނާގެ މާއްދާއެއް އެކުލެވިފައިނުވާނަމަ ރޯދައެއް ނުގެއްލޭނެއެވެ.

އެންމެ ރަނގަޅު ރައުޔު:

މި މައްސަލައިގައި އިލްމުވެރީން ވިދާޅުވެފައިވާ ބަސްފުޅުތަކަށް ބަލާއިރު އެންމެ ރަނގަޅު ކަމަށް ފެންނަނީ ތިންވަނަ ރައުޔެވެ.

ދަތް ތޮރުފުމާއި، ފުޓުނި އެޅުމާއި، އޮފުކުރުމާއި، ކަވަރުއެޅުވުން

މި ހުރިހައި ކަމަކީވެސް ކަރުތެރެއިން (ނުވަތަ މަޢިދާއިން) ބޭރުގައި ކުރެވޭ ކަންތައްތަކެކެވެ. މާލިކީން ދެކެވަޑައިގަންނަވާ ގޮތުގައި ރޯދައަށް ހުރިމީހާ ދުވާލުގައި މިފަދަކަމެއް ކުރުން މަކުރޫހަވެގެންވެއެވެ. ހަމަކޮންމެހެން ދުވާލު އެކަންކުރަން ޖެހޭފަދަ ޟަރޫރަތެއްނެތްނަމަ އެދެވިގެންވަނީ ރޭގަނޑުގައި އެފަދަ ކަންތައްތައް ކުރުމެވެ. އެހެންނަމަވެސް، މިކަމުގެތެރޭގައި ބޭނުންކުރެވޭ އެއްޗެތީގެ ތެރެއިން މިންވަރެއް މަޢިދާގެ ތެރެއިން ހަށިގަނޑަށް ނުދާނަމަ އޭނާގެ ރޯދައެއް ނުގެއްލޭނެއެވެ. ޙަނަފީންނާއި ޙަންބަލީން ދެކެވަޑައިގަންނަވާ ގޮތުގައި ރޯދައަށް ހުރި މީހާ ދުވާލު އެފަދަ ކަމެއް ކުރިކަމުގައިވިޔަސް އޭނާގެ ރޯދައެއް ނުގެއްލޭނެއެވެ. އަދި ابن عثيمين އާއި ابن باز ވެސް އިޚްތިޔާރުކުރައްވަނީ މި ޤައުލެވެ. އަދި مجمع الفقه الإسلامي އިން ނެރުއްވާ ރައުޔަކީވެސްމިއެވެ. އެހެންކަމުން މިމައްސަލައިގައި ޢިލްމުވެރީންގެ މެދުގައި ޚިލާފެއްނެތެވެ. ދަތުގެ ފަރުވާއަކަށްޓަކައި ކުރެވޭ ކަމެއްގައި ބޭނުންކުރެވޭ އެއްޗެތީގެތެރެއިން މިންވަރެއް މަޢިދާއިން ހަށިގަނޑަށް އެތެރެނުވާނަމަ ރޯދައެއް ނުގެއްލޭނެއެވެ.

ހުލާސާ

އިސްވެ ބަޔާންކުރެވުނު ތިންމައްސަލައިގެ ހުލާސާއަށް ބަލާއިރު، ކޯވިޑް-19 ހުރިތޯ ބެލުމަށް ހަދާ ޕީސީއާރު ޓެސްޓު ހެދިޔަސް ރޯދައެެއް ނުގެއްލޭނެއެވެ. ބޮޑުގުންބާ ކުރުމުން ރޯދަ ގެއްލޭނީ އެކަމަށްޓަކައި ހަށިގަނޑުގެތެރެއަށް ފޮނުވައިލެވޭ ދިޔަވަރުގައި، ކާނާގެ ގޮތުގައި ބޭނުންކުރެވޭ މާއްދާއެއް އެކުލެވޭނަމައެވެ. އެފަދަ މާއްދާއެއް ނުހިމެނޭނަމަ ރޯދައެއް ނުގެއްލޭނެއެވެ. ދަތް ތޮރުފުމާއި، ފުޓުނި އެޅުމާއި، އޮފުކުރުމާއި، ކަވަރުއެޅުވުންފަދަ ކަމެއް ކުރުމުގެތެރޭގައި ހަށިގަނޑުގެތެރެއަށް އެއްޗެއް ނުދާނަމަ އެއިން އެއްވެސްކަމަކުން ރޯދައެއް ނުގެއްލޭނެއެވެ.

comment ކޮމެންޓް