ކާބުލްގެ ހޮސްޕިޓަލަކަށް ދިން ހަމަލާއެއްގައި ތުއްތު ކުދިން މަރައިފި

ކާބުލްގެ ހޮސްޕިޓަލުގައި ހަމަލާ ދެމުން ދިޔަ އިރު ފުލުހުންނާއި ސިފައިން ވަނީ ހޮސްޕިޓަލުގައި ތިބި 80އަށް ވުރެ ގިނަ އަންހެނުންނާއި ކުޑަކުދިން ސަލާމަތްކޮށްފަ -- ފޮޓޯ: އީޕީއޭ

ކާބުލް (މެއި 13): އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ ހޮސްޕިޓަލަކަށް އިއްޔެ ބަޔަކު ވަދެ ދިން ބޮމާއި ބަޑީގެ ހަމަލާތަކުގައި 14 މީހުންނާއި ދެ ތުއްތު ކުދިން މަރައިފި އެވެ.

އަފްޣާން އޮފިޝަލުން ވިދާޅުވި ގޮތުގައި އެ ހަަމަލާ އަމާޒުކޮށްފައި ވަނީ ސަރުކާރުން ހިންގާ 100 އެނދުގެ ހޮސްޕިޓަލަކަށެވެ. އަދި އެ ހޮސްޕިޓަލުގައި ޑޮކްޓާސް ވިތައުޓް ބޯޑާސް އިން ހިންގާ މާބަނޑުމީހުންނަށް ހާއްސަ ކްލިނިކެއް ހުރެ އެވެ.

އޮފިޝަލުން ވިދާޅުވި ގޮތުގައި އެ ހަމަލާ ދިނީ ފުލުހުންގެ ޔުނިފޯމުގައި ތިބި އަދި ބަޑި އާއި ބޮން ހިފައިގެން ހޮސްޕިޓަލަށް ވަން ތިން މީހުންނެވެ. އަދި އެ ހަމަލާ ދެމުން ދިޔަ އިރު ސަލާމަތީ ފައުޖުތަކުން ވަނީ ހޮސްޕިޓަލުގައި ތިބި 80އަށް ވުރެ ގިނަ އަންހެނުންނާއި ތުއްތު ކުދިން ސަލާމަތްކޮށްފަ އެވެ.

އެ ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ކުޑަކުދިންނާއި އެކުދިންގެ މަންމައިންނާއި ނަރުހުން ވެސް ހިމެނެ އެވެ. އަދި 16 މީހަކަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފަ އެވެ.

އަފްޣާން އިންޓީރިއާ މިނިސްޓްރީން ވަނީ އެ ހަމަލާ ނިމުމަކަށް އައީ އެގައުމުގެ ފުލުހުން އެ ތިން މީހުންގެ ގަޔަށް ބަޑި ޖަހާ މެރުމުން ކަމަށް ބުނެފަ އެވެ.

ކާބުލްގެ ހޮސްޕިޓަލަށް ދިން ހަމަލާގެ އިތުރުން އިއްޔެ އެގައުމުގެ ނަންގަހާރު ޕްރޮވިންސުގައި ބޭއްވި ޖަނާޒާއެއްގައި ވެސް ބޮން ގޮއްވާ، 24 މީހަކު މަރާފައިވެ އެވެ. އެ ޕްރޮވިންސުގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި އަމިއްލައަށް މަރުވެގެން މީހަކު އެ ހަމަލާ ދިނީ ޕޮލިސް ކޮމާންޑަރެއްގެ ޖަނާޒާގަ އެވެ. އަދި ހަމަލާގައި 68 މީހަކަށް އަނިޔާވި އެވެ.

އަފްޣާނިސްތާނުގެ ރައީސް އަޝްރަފް ޣަނީ ވަނީ އެ ހަމަލާތަކާ ގުޅިގެން ތާލިބާނާއި އެހެން ޓެރަރިސްޓު ޖަމާއަތްތަކާ ދެކޮޅަށް އަސްކަރީ އޮޕަރޭޝަންތައް ފެށުމަށް އަމުރު ކުރައްވާފަ އެވެ.

ޣަނީ ވިދާޅުވި ގޮތުގައި، އެމެރިކާއިން އެގައުމުގެ ސިފައިން އަފްޣާނިސްތާނުން ބޭލުމަށް ތާލިބާނާ އެކު ހެދި އެއްބަސްވުމާ ގުޅިގެންނާއި ކޮރޯނާވައިރަހާ ކުރިމަތިލުމަށް ސިއްހީ މަސައްކަތްތެރިންނަށް ފުރުސަތު ދިނުމުގެ ގޮތުން ފާއިތުވި މަސްތަކުގައި ސަރުކާރުން އޮތީ ބޮޑަށް ދިފާއީ ހާލަތެއްގަ އެވެ. ނަމަވެސް މިހާރު ސަރުކާރުން ވަނީ އަނެއްކާވެސް ތާލިބާން ފަދަ ޖަމާއަތްތަކާ ދެކޮޅަށް އަސްކަރީ އޮޕަރޭޝަންތައް ފަށަން ނިންމާފަ އެވެ.

އެމެރިކާއިން ތާލިބާނާ އެކު މިދިޔަ ފެބްރުއަރީ މަހު ހެދި އެއްބަސްވުމަށް ފަހު އެގައުމުން ވަނީ އެ ޖަމާއަތާއި އަފްޣާން ސަރުކާރާ ދެމެދު ސުލްހައިގެ ވާހަކަތައް ބޭއްވުމަށް މަސައްކަތްކޮށްފަ އެވެ. ނަމަވެސް ތާލިބާނުން ދަނީ އެ ޖަމާއަތުން ދޭ ހަމަލާތައް އިތުރު ކުރަމުން ކަމަށް އަފްޣާން ސަރުކާރުން ވަނީ ބުނެފަ އެވެ.

ތާލިބާނުން ވަނީ އިއްޔެގެ ދެ ހަމަލާއަކީ އެ ޖަމާއަތުން ދިން ހަމަލާތަކެއް ނޫން ކަމަށް ބުނެފަ އެވެ. އަދި އިސްލާމިކް ސްޓޭޓް (އައިއެސް)އިން ވަނީ ޖަނާޒާގައި ދިން ހަމަލާގެ ޒިންމާ ނަގާފަ އެވެ.

comment ކޮމެންޓް