ވައިޓް ހައުސްގެ ހުރިހާ މުވައްޒަފުން މާސްކް އެޅުމަށް އަންގައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް--

އެމެރިކާގެ ރިޔާސީ ގެކޮޅު، (ވައިޓްހައުސް) ގައި މަސައްކަތް ކުރާ ދެ މުވައްޒަފަކު ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވުމުން އެ އޮފީހުގެ ހުރިހާ މުވައްޒަފުން މާސްކް އެޅުމަށް އަންގައިފި އެވެ.

ވައިޓްހައުސްގެ ޕާޒަނަލް އޮފީހުން ބުނެފައިވާ ގޮތުގައި މީގެ ފަހުން ވައިޓްހައުސްގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުން ވެސް އެ މުވައްޒަފެއްގެ މޭޒު ފިޔަވާ އެހެން ހުރިހާ ތަނެއްގައި މޫނު ނިވާ ކުރަން ޖެހޭނެ އެވެ. އަދި އޮފީހުގައި މަސައްކަތް ކުރުމުގައި އެކަކު އަނެކަކާ ވީހާވެސް ގަޔާ ދުރުން މަސައްކަތް ކުރުމަށް ވަނީ ލަފާ ދީފަ އެވެ.

ވައިޓްހައުސްގެ އެލާޓް މަތިކޮށް ސެކިއުރިޓީ ވަރުގަދަކޮށްފައި ވަނީ މިފަހުން ނައިބު ރައީސް މައިކް ޕެންސްގެ ޕްރެސްގެ ސެކްރެޓަރީ ކޭޓީ މިލާއާއި، ރައީސް ޑޮނާލްޑް ޓްރަމްޕުގެ ޕާޒަނަލް ސެކެޓްރީއެއް ވައިރަހަށް ޕޮޒިޓިވްވުމުންނެވެ.

އެކަމާ ވިދިގެން ވައިޓްހައުސްގައި މަސައްކަތް ކުރަމުންދާ ބައެއް މުވައްޒަފުން މިހާރު އެކަހެރި ކޮށްފައިވާ އިރު އޭގެ ތެރޭގައި ކޮރޯނާ ވައިރަހުގެ ކަންކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ އެމެރިކާގެ އިސް އެޕިޑޮމިލޮޖިސްޓް، ޑރ. އެންތޮނީ ފައުޗީ ހިމެނެ އެވެ.

ވައިޓްހައުސްގެ އެލާޓް މަތިކޮށް ރައްކާތެރިކަމުގެ ފިޔަވަޅު ކޮންމެހެން ވެސް އަޅަން ޖެހޭ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.

"ވައިޓްހައުސްއަށް ދުވާލެއްގެ މައްޗަށް އެތައް ސަތޭކަ ބަޔަކު ވަދެ ނުކުމޭ. އެހެންވީމަ ވައިރަސް މިތަނަށް ވަނުން މިވަނީ ވަރަށް ބޮޑަށް ކޮންޓެއިން ކުރެވިފައި،" ވައިޓްހައުސްގެ ރޯޒް ގާޑެންގައި ގައުމާ މުޙާތަބު ކުރައްވަމުން ޓްރަމް ވިދާޅުވި އެވެ.

ވައިޓްހައުސްގައި ޓްރަމްޕްއާއި އެންމެ ގާތުން މަސައްކަތް ކުރާ ސީނިއާ އޮފިޝަލުން ދުވާލަކު އެއްފަހަރު ވައިރަހަށް ޓެސްޓް ކުރަން ޖެހޭ ކަމަށް ވައިޓްހައުސްއިން ވަނީ މީގެ ކުރިން ބުނެފަ އެވެ.

ނަމަވެސް ޓްރަމްޕް ގައުމާ މުހާތަބު ކުރެއްވި އިރު މާސްކް އަޅުއްވާފައި ނުވުމުން ގިނަބަޔަކު ވަނީ ފާޑުކިޔައިފަ އެވެ. އެ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން ޓްރަމްޕް ވިދާޅުވީ އޭނާ މާސްކް ނޭޅުއްވީ އެއްވެސް މީހަކާއި ކޮންޓެކްޓް ނުވާކަން ޔަގީންވާތީ ކަމަށެވެ.

މީގެ އިތުރުން ޓްރަމްޕުގެ ދަރިކަނބަލުން، އިވަންކާ ޓްރަމްޕުގެ ޕާޒަނަލް އެސިިސްޓަންޓް ވެސް ވަނީ ދާދި ފަހުން ވައިރަހަށް ޕޮޒިޓިވް ވެފަ އެވެ. އެކަމަކު އިވަންކާގެ އެސިސްޓަންޓް މިހާރު އޭނާއާ ދިމާ ނުވާތާ ދެތިން ހަފުތާ ވެފައިވާ ކަމަށާއި، އޭނާ މަސައްކަތް ކުރަނީ ވެބް-ބޭސްކޮށް ކަމަށް ރިޕޯޓްތަކުން ބުނެ އެވެ.

މިކަމުގެ ސަބަބުން އިވަންކާ އާއި އޭނަގެ ފިރިކަލުން ޖެއާޑް ކެޝްނާ ވަނީ ވައިރަހަށް ޓެސްޓް ކޮށްފަ އެވެ. އެގޮތުން ހުކުރު ދުވަހު ކުރި ޓެސްޓްތައް ވަނީ ނެގެޓިވްވެފައި ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފަ އެވެ.

އެމެރިކާގެ ސަރުކާރުން ވަނީ އެގައުމުގެ ރައްޔިތުންނަށް ބޭނުންވާ ޓެސްޓ ކުރުމުގެ ޓާގެޓު ހާސިލް ކުރުމަށް 11 ބިލިއަން ޑޮލަރުގެ ބަޖެޓެއް ކަނޑައަޅާފަ އެވެ. އެ ގައުމުގައި މިހާތަނަށް ވަނީ 1.38 މިލިއަން މީހުން ޕޮޒިޓިވްވެ 81،378 މީހުން މަރުވެފަ އެވެ.

comment ކޮމެންޓް