ރޯދައިގެ ވަސިއްޔަތް: ސަޕޯޒިޓޮރީ، ކޮލްޕޮސްކޮޕީ، ލެޕަރޮސްކޮޕީ އަދި ކެތެޓާއިން ރޯދަ ގެއްލޭތަ؟

ލެޕެރޮސްކޮޕީއެއް ހަދަނީ -- ފޮޓޯ/ ހެލްތުލައިން

ސިއްހީ ބޭނުންތަކަށްޓަކައި ހަށިގަނޑުގެތެރެއަށް ތަފާތު ތަކެތި ލައްވަންޖެހުމަކީ ވަރަށް އާންމު ކަމެކެވެ. މީގެތެރޭގައި ސަޕޯޒިޓޮރީ، ކޮލްޕޯސްކޯޕް، ލެޕަރޮސްކޯޕް އަދި ކެތެޓާ ހިމެނެއެވެ. މީގެއިތުރުން، އެކި އެކި ބަލިތައް ކުރިމަތިވުމުން ދުލުގެ ދަށަށް ބޭސްގުޅައެއް ލެއްވުމަކީވެސް ކުރާ ކަމެކެވެ. ހަށިގަނޑުގެތެރެއަށް މާއްދީ އެއްޗެއް ނުވެއްދިނަމަވެސް، އޮކްސިންޖަން މާސްކު އަޅުވައި ހަށިގަނޑަށް އޮކްސިޖަން ފޮނުވުމަކީވެސް މިއާ އެއްގޮތް ކަމެކެވެ. ރޯދައަށް ހުރެ މިފަދަ ކަމެއް ކޮށްފިނަމަ ރޯދަ ގެއްލޭނެތޯއާމެދު ސުވާލު އުފެދޭނެއެވެ. ވީމާ، މި ކަންކަމާބެހޭގޮތުން ޢިލްމުވެރިން ދައްކަވާފައިވާ ވާހަކަފުޅުތަކަށް ބަލައިލަމާ ހިނގާށެވެ.

ސަޕޯޒިޓޮރީ

ސަޕޯޒިޓޮރީއަކީ ބައެއްކަހަލަ ބަލިތަކަށް (މިސާލަކަށް ހުން ތިރިކުރުމަށް ނުވަތަ ބަވާސީރު ބައްޔަށް) ފަރުވާކުރުމަށްޓަކައި ފުރަގަސްފަރާތަށް ނުވަތަ އަންހެނުންގެ ކުރިމަތިފަރާތަށް ލައްވާ އެއްޗެކެވެ. ހަށިގަނޑުގެ ހޫނުން ސަޕޯޒިޓޮރީ ވިރި އޭގައިވާ ބޭސް ލޭގެ ތެރެއަށް ފޭދިގެން ދާނެއެވެ. ސަޕޯޒިޓޮރީ ބޭނުންކުރުމުން ރޯދަ ގެއްލުމާމެދު ޢިލްމުވެރީންގެ ދެރައުޔެއް އޮވެއެވެ.

ފުރަތަމަ ރައުޔު:

محمد البار ވިދާޅުވާގޮތުގައި ރޯދައަށް ހުރެ އެފަދަ ސަޕޯޒިޓޮރީއެއް ބޭނުންކޮށްފިނަމަ ރޯދަ ގެއްލޭނެއެވެ. އެހެނީ ފުރަގަސްފަރާތުން އެއްޗެއް ވެއްދުމަކީ ރޯދަ ގެއްލޭނެ ކަމެކެވެ. އެއީ އެމަގުން ވެއްދޭ އެތި ބަނޑުގެތެރެއަށް ވާސިލުވާކަމަށްޓަކައެވެ. އަދި ފުރަގަސްފަރާތަކީ ހަޖަމުކުރުމުގެ ނިޒާމުގެ ބައެއްކަމުގައި ހިމެނެއެވެ.

ދެވަނަ ރައުޔު:

އޭނަލް ނުވަތަ ވެޖައިނަލް ސަޕޯޒިޓޮރީއެއް ބޭނުންކުރުމަކުން ރޯދައެއް ނުގެއްލޭނެއެވެ. މިއީ حسان شمسي باشا، محمد الألفي، قرضاوي، علي جمعة، وهبة الزحيلي، مجمع الفقه الإسلامي ގެ ރައުޔެވެ. އެހެނީ ސަޕޯޒިޓޮރީ އަކީ އޭގައި ކާނާގެ އެއްވެސް ބާވަތެއް ހިމެނިފައިވާ އެއްޗަކަށް ނުވެއެވެ. އަދި އެއީ ކެއުމާއި ބުއިން ނުވަތަ އޭގެ މާނައިގައި ހިމެނޭ ކަމެއްވެސްނޫނެވެ.

އެންމެ ރަނގަޅުކަމަށް ބުރަވެވޭ ރައުޔު:

މިކަމުގައި ހުށަހެޅިފައިވާ ދެރައުޔުގެތެރެއިން އެންމެ ރަނގަޅުކަމަށް ފެންނަނީ ދެވަނަ ރައުޔެވެ.

ކޮލްޕޯސްކޮޕީ

މިއީ އަންހެނާގެ ކުރިމަތިފަރާތް ނުވަތަ ފަރުޖުގައި ހުރި މައްސަލައެއް ދެނެގަތުމަށްޓަކައި ކޮލްޕޯސްކޯޕެއް (ބޮޑުވާ ބިއްލޫރި ބޭނުންކޮށްގެން ހަދާފައިވާ މައިކްރޮސްކޯޕެއް) ބޭނުންކޮށްގެން ފަރުޖުގެ ހުޅުވިފައިވާ ބައިގެތެރެއިން، ވެޖައިނަލް ވޯލްސް، ވުލްވާ އަދި ސާވިކްސް ފަދަ ބައިތައް ބެލުމެވެ. މިކަމަށްޓަކައި ޚާއްޞަ އެސިޑެއް ބޭނުންކޮށްގެން ފަރުޖު ދޮވެލައެވެ. (ނުވަތަ އެކަމަށް ޚާއްޞަ އެއްޗެއް ފަރުޖުގައި އުނގުޅައެވެ.) އެންޑޮސްކޮޕީއާ ޚިލާފަށް، ކޮލްޕޯސްކޮޕީ ހެދުމަށްޓަކައި ފަރުޖުގެ ތެރެއިން (ހޮޅިއެއްފަދަ) އެއްޗެއް ވައްދާކަށް ނުޖެހެއެވެ. އެހެންނަމަވެސް ބައެއް ޙާލަތަތްކުގައި ފަރުޖުގެ އެތެރެ ރަނގަޅަށް ބެލުމަށްޓަކައި އެކަމަށް ޚާއްޞަ އާލާތެއް (speculum އެއް) ފަރުޖުގެތެރެއަށް ލައްވައި ފޭކޮށްލައިގެން ބަލައެވެ.

ޙުކުމް:

ކޮލްޕޯސްކޮޕީ ހެދުމުން ރޯދަ ނުގެއްލޭނެކަމަށް މަޖުމަޢުލްފިޤުހިލްއިސްލާމީ އިން ނިންމަވާފައި ވެއެވެ. އެހެނީ ފަރުޖަކީ އެއްވެސް ގޮތަކަށް މަޢިދާއާ ގުޅިފައިވާ ތަނެއްނޫންކަމަށް محمد البار އާއި حسان شمسي باشا އާ ދެޑޮކްޓަރުން ކަށަވަރުކޮށް ދެއްވައެވެ. ޑޮކްޓަރު މަހުދީ ކަމާލު ވިދާޅުވާގޮތުގައި، އާންމުގޮތެއްގައި ކޮލްޕޯސްކޮޕީ ހަދަނީ ބައްޔެއް ދެނެގަތުމަށް ނުވަތަ ފަރުވާއެއް ކުރުމަށްޓަކައެވެ. ރަޙިމުގެތެރެއަށް ކޮލްޕޯސްކޯޕް ލެއްވިނަމަވެސް ރަޙިމު ފަހަނައަޅައި އެއަށްވުރެ އެތެރެއަކަށް އެނުދާނެއެވެ. ވީމާ، އެ އެތި މަޢިދާއާ ގުޅޭނެގޮތެއް ނޯންނާނެއެވެ. މަޢިދާއާ ރަޙިމަކީ މުޅިން ވަކިވެފައިވާ ދެތަނެކެވެ.

ލެޕަރޯސްކޮޕީ

މިއީ ބަނޑުގެ ސަރޖަރީއެއް ކުރުމަށް ނުވަތަ ވަކި ކަހަލަ ބައްޔެއް ދެނެގަތުމަށް ނުވަތަ އެނޫންވެސް ތަހުލީލެއް ކުރުމަށްޓަކައި ބަނޑުން ތަންކޮޅެއް ކަފާލުމަށްފަހު، ލެންސެއް ނުވަތަ ކެމެރާއެއް ހަރުކޮށްފައިވާ ހޮޅިއެއް (laparoscope އެއް) ބަނޑުގެތެރެއަށް ލައްވައިގެން ކުރެވޭ ކަމެކެވެ.

ޙުކުމް:

محمد علي البار ދެކެވަޑައިގަންނަވާގޮތުގައި ލެޕަރޯސްކޮޕީ ހެދުމަކުން ރޯދައެއް ނުގެއްލޭނެއެވެ. އަދި މަޖުމަޢުލްފިޤުހިލްއިސްލާމީގެ ޤަރާރަކީވެސް މިއެވެ. އެހެނީ ލެޕަރޯސްކޮޕީ ހެދުމަކީ އޭގެ ސަބަބުން މަޢިދާއަށް އެއްވެސް އެއްޗެއް ވާސިލުކޮށްދޭ ކަމެއްނޫނެވެ. އަދި މިއީ ކެއިންބުއިމާ އެއްގޮތްވެގެންވާ ނުވަތަ އެމާނައިގައި ހިމެނޭކަމެއްވެސް ނޫނެވެ.

ކެތެޓާ

ކެތެޓާ އަކީ ބްލެޑާގެ ތެރެއަށް ފޮނުވައިލެވޭ ލޭޓެކްސް ނުވަތަ ޕޮލިއުރެތޭން ނުވަތަ ސިލިކޯން ހޮޅިއެކެވެ. އާންމުގޮތެއްގައި މިކަން ކުރަނީ ބްލެޑާގެ ތެރެއިން ފަހަރުވާ އާއި އެހެނިހެންވެސް ފުލުއިޑްސް ބޭރުކުރުމަށެވެ. އަދި ބްލެޑާ އަށް ފޮނުވަންޖެހޭ ބޭހެއް އިންޖެކްޓް ކުރުމަށްޓަކައިވެސް ކެތޭޓާ ބޭނުންކުރެއެވެ.

1418 ވަނަ އަހަރުގެ ޞަފަރު މަހު 8 ން 11 އަށް މަޣުރިބުގައި ބޭއްވި الندوة الفقهية الطبية ގެ ނުވަވަނަ ބައްދަލުވުމުގައި ނިންމަވާފައިވާގޮތުގައި، ބްލެޑާ އަށް ލެއްވޭ ކެތޭޓާ ނުވަތަ ހިތުގެތެރެއަށް ލެއްވޭ ކެތޭޓާ ނުވަތަ ހަށިގަނޑުގެ އެހެން ގުނަވަނެއްގެތެރެއިން ލެއްވޭ ކެތޭޓާ ކަމުގައިވިޔަސް އެ ލެއްވުމަކުން ރޯދައެއް ނުގެއްލޭނެއެވެ. އެހެނީ މިއީ ކެއިންބުއިން ނުވަތަ އެމާނައިގައި ހިމެނޭ ކަމެއްނޫނެވެ. އެހެންނަމަވެސް މިކަން ކުރުމުގައި، ހަށިގަނޑަށް ކާނާ (ނުވަތަ ކާނާގެ ފައިދާ) އެއް ލިއްބައިދޭފަދަ އެއްޗަކާއެކު ކެތޭޓާ ލައްވައިފިނަމަ ރޯދަ ގެއްލޭނެއެވެ. މިހާލަތުގައި އެކަން ހިމެނޭނީ ކެއިންބުއިމުގެ މަގާމުގައެވެ. ރޯދައަށް ހުރިމީހާ ކެތޭޓާ ގުޅުމާމެދު مجمع الفقه الإسلامي ގެ ޤަރާރަކީވެސް މިއެވެ.

އެކިއެކި ބަލިތައް ކުރިމަތިވުމުން ދުލުގެ ދަށަށް ލައްވާ ބޭސްގުޅަ

ހާޓު އެޓޭކު ނުވަތަ ސްޓްރޯކްފަދަ ހިތުގެ މައްސަލަތައް ކުރިމަތިވުމުން ދުލުގެ ދަށަށް ބޭސްގުޅަ ލައްވައެވެ. މިބާވަތުގެ ބޭސްގުޅަ ލައްވާތާ ހިނދުކޮޅެއްގެތެރޭގައި ދުލުގެ ދަށުގައި އޮވެ އަނގައިގެތެރެއަށް ވިރިގެންދާނެއެވެ. އެހެންކަމުން މިއިން އެއްވެސް މިންވަރެއް މަޢިދާގެތެރެއިން ބަނޑަކަށްނުދާނެއެވެ.

ޙުކުމް:

مجمع الفقه الإسلامي އިން ނިންމަވާފައިވާގޮތުގައި، މިބާވަތުގެ ބޭސްގުޅަ ބޭނުންކުރަމަކުން ރޯދައެއް ނުގެއްލޭނެއެވެ. އެހެނީ މިއިން އެއްވެސް މިންވަރެއް މަޢިދާގެތެރެއިން ބަނޑަކަށް ނުދާނެއެވެ. އަދި މިއީ ކެއުންބުއިމާ އެއްގޮތްވެގެންވާ ނުވަތަ އޭގެ މާނައިގައިވާ ކަމެއްވެސްނޫނެވެ.

އޮކްސިންޖަން މާސްކު އެޅުން

ރޯދައަށް ހުރެ އޮކްސިޖަން މާސްކު އަޅައިގެން ނުވަތަ އެނޫންވެސް ގޮތަކަށް ހަށިގަނޑަށް އޮކްސިޖަން ފޮނުވިޔަސް ރޯދައެއް ނުގެއްލޭނެއެވެ. މިހެން ވިދާޅުވާ ބޭފުޅުންގެތެރޭގައި الشرباصي، محمد جبرالألفي، އަދި محمد علي البار ހިމެނިވަޑައިގަންނަވައެވެ. އެހެނީ އޮކްސިޖަނަކީ ނޭވާލުމަށްޓަކައި ހަށިގަނޑަށް ބޭނުންވާ ގޭހުގެ (ނުވަތަ ވައިގެ) މާއްދާ އެކެވެ. އެއީ އެއްވެސް ހާލެއްގައި ހަށިގަނޑުގައި ހަރުލާފައި ހުންނަ އެއްޗެއްނޫނެވެ. އަދި ހަށިގަނޑަށް އޮކްސިޖަން ވަނުމަކީ ކެއިންބުއިމާ އެއްގޮތްވެގެންވާ ކަމެއްވެސްނޫނެވެ. އަދިހަމަ މިއާއެކު އޮކްސިޖަނަކީ އިންސާނާ ދިރިހުރުމަށްޓަކައި ކޮންމެހެން ބޭނުންވާ މާއްދާއެއްވެސްމެއެވެ. އެހެންކަމުން، އޮކްސިޖަން މާސްކު އެޅުމުން ރޯދަ ގެއްލޭނެކަމަށް އެއްވެސް ޢިލްމުވެރިޔަކު ވިދާޅެއް ނުވެއެވެ. مجمع الفقه الإسلامي ންވެސް ނިންމަވާފައިވަނީ މިފަދައިންނެވެ.

comment ކޮމެންޓް