އޯ ލެވެލް އަދި އެސްއެސްސީ އިމްތިހާނު އަންނަ އަހަރުގެ މެދުތެރޭ ބޭއްވުމަށް މަޝްވަރާކުރަނީ

އިއްޒުއްދީން ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ޑރ. އައިޝަތު އަލީ ވާހަކަ ދައްކަވަނީ--- ސަން ފޮޓޯ: ފަޔާޒު މޫސާ

އޯ ލެވެލް އަދި އެސްއެސްސީ އިމްތިހާނު އަންނަ އަހަރުގެ މެއި، ޖޫންގައި ބޭއްވުމަށް އެޑިއުކޭޝަން މިނިސްޓްރީން މަޝްވަރާ ކުރަން ފަށައިފިއެވެ.

ކޮވިޑް-19 ގެ ސަބަބުން ސްކޫލުތައް ބަންދުކުރެވިފައިވުމާއެކު ވަކި މުއްދަތެއް ނެތްގޮތަށް ކުރިންް ފަސްކޮށްފައިވާ އެ އިމްތިހާނުތައް ބޭއްވުމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވަނީ އޭޕްރިލް 30 ވަނަ ދުވަހު ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ޕްރިންސިޕަލުންނާ ބައްދަލުކޮށްފައެވެ.

އެ ބައްދަލުވުމުގައި މިނިސްޓަރު ވަނީ ކޮވިޑް-19 އާ ގުޅިގެން ސްކޫލްތައް ބަންދުވެފައިވާ މުއްދަތުގައި ކިޔެވުން ކުރިޔަށް ގެންދާނޭ ގޮތަކާ މެދުވެސް މަޝްވަރާކުރައްވާފައެވެ.

އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް ޕްރިންސިޕަލަކު "ސަން" އަށް ވިދާޅުވީ އަންނަ އަހަރުގެ މެދު ތެރޭގައި އޯ ލެވެލް އަދި އެސްއެސްސީ އިމްތިހާނު ބޭއްވުމާ ގުޅޭގޮތުން މިނިސްޓަރު ޑރ. އައިޝަތު އަލީ ޕްރިންސިޕަލުންނާ މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

"މީގެ ހަތަރު ވަރަކަށް ދުވަސް ކުރިން މިނިސްޓަރު ހުރިހާ ޕްރިންސިޕަލުންނާ މަޝްވަރާ ކުރެއްވީ. މިނިސްޓަރު ވިދާޅުވީ ކެމްބްރިޖާވެސް ވާހަކަ ދައްކަވާނެ ކަމަށް އެކަމާ ގުޅޭގޮތުން. އަދި ފައިނަލް ނިންމުމެއް ނިންމާއިރު، ސަރުކާރުގެ އެހެން އިދާރާތަކާ ވެސް މަޝްވަރާ ކުރައްވާނެ ކަމަށް ވިދާޅުވި،" އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ޕްރިންސިޕަލަކު ވިދާޅުވިއެވެ.

އެޑިއުކޭޝަން ނިސްޓްރީއިން އޭޕްރިލް 29 ވަނަ ދުވަހު ނެރުނު ސާކިއުލާއެއްގައި ވަނީ އަހަރުގެ ބާކީ އޮތް ދުވަސްތަކުގައި ދަރިވަރުންގެ ސިލަބަސް ފުރިހަމަކޮށް އިމްތިހާނަށް ތައްޔާރުވުމަށް އެކަށީގެންވާ ވަގުތު ނުލިބިދާނެތީ އިމްތިހާނު މުއްދަތެއް ނެތް ގޮތަށް ފަސްކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެ އިމްތިހާނުތަކުގެ އިތުރުން މެއި، ޖޫންގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭ ލެވެލް އިމްތިހާނުތައްވެސް ވަނީ މި އަހަރުގެ ފަހުކޮޅަށް ފަސްކޮށްފައެވެ.

comment ކޮމެންޓް