ހަރުކަށި ފިކުުރުގެ މީހުން ފައިގައި ޓެގުއަޅުވަނީ އެއް އަހަރަށް

-- ސަން ފޮޓޯ/ ފަޔާޒު މޫސާ

މުޖުތަމައަށް ނުރައްކާވާ ފަދަ ދީނީ ގޮތުން ހަރުކަށި ފިކުރު ގެންގުޅޭ އަށް މީހެއްގެ ފައިގައި ޓެގު އަޅުވައި ބެލެހެއްޓުމަށް ހައި ކޯޓުން "މޮނިކޮން އަމުރު" ނެރެފައި ވަނީ އެއް އަހަރަށްކަން ހާމަވެއްޖެ އެވެ.

އެ އަށް މީހުންގެ މައްޗަށް "މޮނިކޮން އަމުރު" ނެރެފައި ވަނީ، ޓެރަރިޒަމް ހުއްޓުވުމުގެ ގާނޫނުން ހޯމް މިނިސްޓަރަށް ލިބިދޭ ބާރުގެ ދަށުން އެ އަމުރު ހޯދުމަށް ކޯޓްގައި އެދުމުންނެވެ.

މި މަހުގެ ހަތް ވަނަ ދުވަހު ހައިކޯޓުން ނެރުނު އެ އަމުރުގެ ކޮޕީއެއް "ސަން"އަށް ލިބިފައިވާ އިރު، އަމުރުގައި ބުނެފައި ވަނީ އަމުރު ތަންފީޒު ކުރަން ފަށާނީ، މޭ 7، 2020 ދުވަހުގެ މެންދުރު 12:30 އިން ފެށިގެން މޭ 7، 2021 ދުވަހުގެ މެންދުރު 12:29 އަށް ކަމަށެވެ.

އެ އަމުރު ރައްދުވާ އަށް މީހުންގެ ގައިރު ހާޒިރުގައި ހައި ކޯޓްގެ ތިން ގާޒީއަކު ސޮއި ކުރައްވާ ނެރުއްވާފައިވާ އަމުރުގައި ޓެގު އަޅުވާފައިވާ މީހުން ވަކި ވަގުތުތަކެއްގައި ގެއިން ބޭރަށް ނުދިއުމަށާއި، ހުއްދަ ނެތި މާލެއިން ފުރައިގެން ނުދިއުމާއި ވަކި ސަރަހައްދުތަކަކަށް ނުދެވޭނެ ކަމަށް އެންގުމުގެ ބާރު ފުލުހުންނަށް ވަނީ ދީފަ އެވެ. މީގެ އިތުރުން މާލެއިން ބޭރަށް ދިއުން މަނާކުރުމާއި ހަފްތާއަކު އެއް ފަހަރު ފުލުހުން ކަނޑައަޅާ ދުވަހެއްގައި ފުލުސް ސްޓޭޝަނަކަށް ހާޒިރުވެ ސޮއިކުރަން ޖެހޭ ގޮތަށް ވެސް އަމުރުގައިވެ އެވެ.

ޖުމްލަ 16 ނުގުތާގެ އެ އަމުރުގައި އެ މީހުންގެ ޒާތީ ދިރިއުޅުމުގެ ކަންކަން ކަމަށްވާ، ބޭންކް އެކައުންޓްްތަކާއި ފޯނާއި އެހެން ވެސް އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުއްވެއްޖެ ހިދެއްގައި ބެލުމުގެ ބާރުވެސް ފުލުހުންނަށް ވަނީ ދީފަ އެވެ. އަދި އެ މީހުން މުއާސަލާތު ކުރުމާއި މުއާމަލާތް ކުރުން ކޮންޓްރޯލްކުރުމުގެ ބާރު ފުލުހުންނަށް އެ އަމުރުން ވަނީ ދީފަ އެވެ.

ހޯމް މިނިސްޓަރު އިމްރާނު އަބްދުﷲ ރޭ ރާއްޖެ ޓީވީގައި ވިދާޅުވީ މި ދަނޑިވަޅުގައި ވެސް ހަރުކަށި ފިކުރަށް ނިސްބަވްތާ މީހުންގެ ނުރައްކާތެރި ކަންކަން ކުރުމަށް ރޭވި ކަމަށެވެ. އަދި މޮނިކޮން އަމުރަކުން ޓެގް އަޅުވަނީ އެ އޮޕަރޭޝަންތަކުގެ ތެރެއިން ފާހަގަ ކުރެވުނު އަށް މީހަކު ކަމަށް ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

އިމްރާން ވިދާޅުވީ، ހަރުކަށި ފިކުރުގެ މީހުން ކުރަމުންދާ ކަންކަމަށް އިތުރަށް ސަމާލުކަންދީ، ފުލުހުންނާ ސިފައިން ގުޅިގެން އެ ފިކުރާ ދެކޮޅަށް ވަރަށް ބޮޑަށް މަސައްކަތްކޮށް، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ކޮވިޑްް19 އަށް މުއައްސަސާގެ ސަމާލުކަން ހުއްޓިފައިވީ ނަމަވެސް، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަން ޖެހޭ މަސައްކަތް ކުރުން ހުއްޓާނުލާ ކަމަށް އިމްރާން ވިދާޅުވި އެވެ.

comment ކޮމެންޓް