ބޯޑަރު ހުޅުވާލިހާ އަވަހަކަށް އިޓަލީ ޓުއަރިސްޓުން ރާއްޖެ އަންނަން ތައްޔާރު: އެމްއެމްޕީއާރުސީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޓްއަރިސްޓުން ތަކެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިހާރު އަޅާފައިވާ ދަތުރުކުރުމުގެ ފިޔަވަޅުތަކަށް ލުޔެއް ލިބުމުން އިޓަލީ ފަތުރުވެރިން ވީހާވެސް އަވަހަކަށް ދިވެހިރާއްޖެއަށް ޒިޔާރަތްކުރަން ޝައުގުވެރިވާ ކަމަށް އިޓަލީގެ ޓްރެވަލް އެޖެންޓުން ބުނެފި އެވެ.

މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަން (އެމްއެމްޕީއާރުސީ) އިން ނެރުނު ބަޔާނެއްގައި ބުނީ އިޓަލީގެ އެންމެ ބޮޑު އެއް އޮންލައިން ޓްރެވަލް އެޖެންޓް، "އީޒީމާކެޓް ޓްރެވަލް ސޮލިއުޝަންސް"އާ ގުޅިގެން "ވެބިނާ ރިވޮލިއުޝަން މޯލްޑިވް"ގެ ނަމުގައި އިޓަލީގެ ޓްރެވަލް އެޖެންޓުންނަށް ހާއްސަކޮށް ވެބިނާއެއް ބާއްވާފައިވާ ކަމަށެވެ.

ބުރާސްފަތި ދުވަހު ކުރިއަށް ދިޔަ އެ ވެބިނާގައި ގާތްގަނޑަކަށް 100 އެއްހާ ޓްރެވަލް އެޖެންޓުން ބައިވެރިވެފައިވާ އިރު މި ވެބިނާގައި ރާއްޖެއާ ބެހޭ މައުލޫމާތު ބައިވެރިންނާ ހިއްސާކޮށްފައިވަނީ އެމްއެމްޕީއާރުސީން ބުންޏެވެ.

އެ ވެބިނާގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިމެނޭ ޕްރެޒެންޓޭޝަނެއް ދައްކާލި ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ. އަދި ރާއްޖޭގެ ގުދުރަތީ ރީތި ކަމާއި ފަތުރުވެރިންނަށް ތަޖުރިބާ ކުރެވެން ހުންނަ އެންމެ ތަފާތު ކަންތައްތައް ވެސް ވަނީ ހިއްސާކޮށްފަ އެވެ.

މީގެ އިތުރުން، ވެބިނާގައި ބޭއްވި ސުވާލާއި ޖަވާބު ސެޝަންގައި އިޓަލީގެ ޓްރެވަލް ޓްރޭޑް ސިނާއަތުން ރާއްޖެއާ ބެހޭގޮތުން އޮޅުން ފިލުވަން ބޭނުންވި ސުވާލުތަކަށް ވަނީ ޖަވާބުދީފަ އެވެ.

އެމްއެމްޕީއާރުސީއިން ބުނީ ރާއްޖެ ހުޅުވާލެވުމުން އިޓަލީގެ ފަތުރުވެރިންނަށް ރާއްޖެއިން މަރުހަބާކިޔަން ތައްޔާރަށް އޮތް ކަމުގެ ޔަގީންކަން ވެސް ވެބިނާގައި ބައިވެރިވި އެޖެންޓުންނަށް އެމްއެމްޕީއާރުސީން ދީފައިވާ ކަމަށެވެ.

އެމްއެމްޕީއާރުސީގެ ބަޔާނުގައި ބުނެފައިވަނީ ވެބިނާގެ ބައިވެރިން ރާއްޖެއާ މެދު ފާޅުކުރި ޝައުގުވެރިކަމުން އެނގިގެންދިޔައީ ކުރިއަށް އޮތް ތަނުގައި ވެސް އީޓަލީގެ ފަތުރުވެރިންގެ މެދުގައި ރާއްޖެ ވެގެން ދާނީ މަގުބޫލު މަންޒިލެއްގެ ގޮތުގައި ކަމަށެވެ.

"އިޓަލީ އަކީ ރާއްޖެ އަށް އެންމެ ގިނަ ފަތުރުވެރިން އަންނަ މުހިންމު މާކެޓަކަށްވެފައި އީޒީ މާކެޓް ޓްރެވަލް ސޮލިއުޝަން ދެކޭގޮތުގައި އެ ގައުމުގެ ހާލަތު ރަނގަޅުވެ ދަތުރުތައް ފެށުމުން އިޓަލީ ވެގެންދަނީ އެންމެ ފަސޭހައިން ރިކަވާ ވާނެ އެއް މާކެޓަށެވެ،" އެމްއެމްޕީއާރުސީގެ ބަޔާނުގެ ބުންޏެވެ.

ސަރުކާރުން ލަފާކުރަނީ، އަންނަ ޖުލައި މަހުގެ ތެރޭގައި ރާއްޖޭގެ ބޯޑަރު ހުޅުވައި އަލުން ޓޫރިޒަމް ފަށައިގަނެވޭނެ ކަމަށެވެ. އެއާ އެކު މަދު މަދުން ޓޫރިސްޓުން އައި ނަމަވެސް، ގިނަ ޓޫރިސްޓުން އަންނަ ފަށާނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ހިސާބުގައި ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު ގޮންޖެހުމެއް ކުރިމަތިވެފައިވާ މި ދަނޑިވަޅެއްގައި ބޮޑެތި މާކެޓްތައް ހިމެނޭ ގޮތަށް އޮންލައިން ޓްރެވަލް އެޖެންޓުންނަށް ހާއްސަކޮށް އެމްއެމްޕީއާރުސީއިން އަންނަނީ މިފަދަ ވެބިނާތައް ބާއްވަމުންނެވެ.

އެމްއެމްޕީއާރުސީއިން ބުނީ ރާއްޖެ މާކެޓް ކުރުމަށް ސްޓްރެޓެޖީ މިވަގުތު ބަދަލުކޮށް، ރާއްޖެ އޮންލައިން އަދި ޑިޖިޓަލް ޕްލެޓްފޯމްތަކުގައި އިޝްތިހާރުކުރުން އިތުރުކޮށްފައި ކަމަށެވެ.

comment ކޮމެންޓް