ކުއްލި ހާލަތުގައި ދައުވާގެ މުއްދަތު ނުހިނގާގޮތަށް ހަދަން އިސްލާހެއް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއް އިއުލާންކޮށްފައިވާ ހާލަތުގައާއި، ކާރިސާއެއް އިއުލާނުކޮށްފައިވާ ހާލަތުގައި އަދި ކުއްލި ނުރައްކަލުގެ ހާލަތެއް އިއުލާނުކޮށްފައިވާ ހާލަތެއްގައި ދައުވާ ކުރުމުގެ މުއްދަތުތައް ގުނުން ހުއްޓާލަންޖެހޭ ގޮތަށް ޖިނާއީ އިޖުރާއާތުގެ ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މި އިސްލާހު ހުށަހެޅުއްވީ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖެވެ.

ސަރުކާރުން މި ބިލު ހުށަހަޅާފައިވަނީ، ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ކުރިމަތިވެފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތާއި އެނޫންވެސް އެފަދަ ކުއްލި ނުރައްކަލުގެ ހާލަތްތަކާއި ކާރިސާގެ ހާލަތްތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލުތަކެއް، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައި ނެތުމުގެ ސަބަބުން، އެފަދަ ހާލަތެއްގައި އެ ގާނޫނުގައި ބަޔާންކުރާ އާންމު އިޖުރާއަތުތައް ހިންގުމަށް ދަތިވާތީ އެވެ.

އެހެންކަމުން ކުއްލި ހާލަތުތަކާއި ކާރިސާގެ ވަގުތުތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލުތަކެއް ހިންގަން އެ ބިލުގައި ވަނީ ހިމަނައިފައެވެ.

އެގޮތުން އެފަދަ ހާލަތްތަކުގަައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތައް ހިންގަން ހުރަސްއެޅޭ ކަމަށް ފެންނަ ނަމަ، ޖިނާއީ ތަހުގީގު ހިންގުމާއި ދައުވާކުރުމުގައި ބިލުގައި ބުނެފައިވާ އުސޫލުތަކަށް އަމަލުކުރުމުގެ ބާރު ޕްރޮސެކިއުޓާ ޖެނެރަލަށް ވަނީ ލިބިދީފައެވެ.

އެފަދަ ހާލަތެއް މެދުވެރިވެއްޖެކަމަށް ފެނިގެން ޝަރީއަތް ހިންގުމުގެ އުސޫލުތަކަށް އަމަލުކުރަން ނިންމާނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންނެވެ.

ޕީޖީ އަދި ޑީޖޭއޭ އިން ނިންމާ ނިންމުން، ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރަންޖެހޭނެއެވެ.

އެފަދަ ހާލަތެއްގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ހައްޔަރުކުރާ މީހަކު ނުވަތަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ މީހަކު، ފުލުހުންގެ މަރުކަޒަކަށް ހާޒިރުކުރެވޭ ފަދަ ހާލަތެއް ނެތް ނަމަ، ސަބް އިންސްޕެކްޓާ އޮފް ޕޮލިސް ރޭންކުން ފެށިގެން މަތީ ރޭންކެއްގެ އޮފިސަރެއްގެ ހުއްދައާއެކު ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނަކަށް އެމީހަކު ގެންދެވޭނެ ކަމަށް ބިލުގައި ބުނެއެވެ.

ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި މިހާރު ލާޒިމުކޮށްފައި ވަނީ ހައްޔަރުކުރެވޭ، ނުވަތަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ މީހަކު ވީ އެންމެ އަވަހަކަށް ފުލުހުންގެ މަރުކަޒަކަށް ހާޒިރުކުރުމަށެވެ. އަދި ގާނޫނުގައި ބުނާ ފަދަ ޖަލެއްގައި މީހަކު ބަންދުކުރެވެން ނެތް ނަމަ، ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި އެމީހަކު ބެހެއްޓޭނެއެވެ.

މީގެ އިތުރުން ކުށެއްގެ ތުހުމަތުގައި މީހަކު ހައްޔަރުުކޮށް، ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ގެންދާ މީހުންނަށް ވަކި މުއްދަތެއްގެ ތެރޭގައި ދައުވާކުރަން ޖެހޭ ގޮތަށް އޮންނަ އޮތުމަށް ވެސް ކުއްލި ހާލަތްތަކާއި ކާރިސާގެ ހާލަތްތަކުގައި ބަދަލު އަންނަ ގޮތަށް ބިލުގައިވެއެވެ.

ބިލުގައި ބުނެފައި ވަނީ ހާއްސަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އެ ހާލަތެއް ދެމިއޮތްހާ ހިނދަކު، ދައުވާ ކުރުމުގެ މުއްދަތުތައް ނުހިނގާނެ ކަމަށެވެ.

އެގޮތުން ގާނޫނުލްއުގޫބާތުގައި ބަޔާންކުރާ ދައުުވާކުރުމުގެ މުއްދަތުތަކާއި، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރު ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުންނާއި، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ބަޔާންކުރާ މުއްދަތުތައް ވެސް ހާއްސަ ހާލަތްތަކުގައި ނުހިނގާނެއެވެ.

އެ ގާނޫނަށް އަމަލުކުރަން ފަށާނީ، ގާނޫނު ފާސްވެ، ތަސްދީގުކޮށް ގެޒެޓުގައި ޝާޢިއުކުރާ ތާރީހުން ފެށިގެންނެވެ.

comment ކޮމެންޓް