މުސްލިމުން އެކަކު އަނެކަކަށް އެހީވުމަށާއި ހާލުގައި ޖެހި، އެހީއަށް ބޭނުންވެފައި ތިބި މީހުންނަށް ކޮންމެހެން ވެސް އޯގާތެރިވެ އަޅާލުމަށް ހުކުރު ހުތުބާގައި ގޮވާލައިފި އެވެ.
މިއަދުގެ ހުކުރު ހުތުބާގައ ބުނީ އެއްބަޔަކު އަނެއް ބަޔަކަށް އޯގާތެރިވުމުގައި މުސްލިމުންގެ މިސާލަކީ އެއް ހަށިގަނޑެއްގެ މިސާލު ކަމަށެވެ. އެގޮތުން ހަށިގަނޑުން ގުނަވަނެއްގައި ވޭނެއް އަޅައިފިނަމަ އެހެން ހުރިހާ ގުނަވަނެއް ވެސް އެކަމުގައި ބައިވެރިވާ ކަމަށާއި މިކަމުން މިސާލު ނަގައިގެން މުޖުތަމައުގައި އެހީއަށް ބޭނުންވާ ފަރާތްތަކަށް އޯގާތެރިވެ އަޅާލުމަށް ގޮވާލި އެވެ.
"އަޅުގަނޑުމެންގެ ތެރޭގައި އުޅެމުންދާ ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި ޔަތީމު ކުދިންނަށާއި އަޅާލާނެ ބަޔަކު ނެތް ކުދިންނަށް އޯގާތެރިކޮށް ހިތަން ޖެހޭ. ހާއްސަކޮށް ލޭ އަޅަން ޖެހިފައިވާ ތެލެސީމިއާ ކުދިންނަށް އެހީތެރިކަމާއި އަޅާލުން ކޮންމެހެން ދޭން ޖެހޭ. ހާލުގެ ދުލުން އެކުދިން މިއަދު ގޮވަމުން އެދަނީ އަޅުގަނޑުމެންގެ އެހީތެރިކަމަށް." ހުތުބާގައި ބުންޏެވެ.
އެކުދިންނަށް ހަދިޔާކުރާ ކޮންމެ ފައިސާ ފޮއްޗަކާއި ކޮންމެ ލޭތިއްކަކީ ވެސް ﷲގެ މަގުގައި ހޭދަކުރެވޭ ސަދަގާތެއް ކަމަށްވެސް ބުންޏެވެ.
މީގެ އިތުރުން ކީރިތި ރަސޫލާގެ އަސްހާބު ބޭކަލުންގެ ހަޔާތްޕުޅުގެ ވާހަކަތަކުން މިސާލު ނަގަމުން ހުތުބާގައި ބުނީ ތިމާގެ މަސްލަހަތަށްވުރެ އަނެކާގެ މަސްލަހަތަށް އިސްކަން ދޭން ވާނެ ކަމަށެވެ.
"ކޮންމެ މުސްލިމަކީ އިސްލާމީ އުހުއްވަތްތެރިކަމުގެ ހަށިގަނޑުގައި ހިމެނޭ، އެއާ ވަކި ނުކުރެވޭނެ ގުނަވަނެއް. އެ ހަށިގަނޑު އުފުލަންޖެހޭ ކޮންމެ ތަކުލީފަކާ ވޭނެއްގައި ހުރިހާ ގުނަވަންތައް ބައިވެރިވާން ޖެހޭ. މިއީ މުސްލިމުންގެ މެދުގައި އޮންނަން ޖެހޭ އެއްބަނޑު އެއްބަފާކަމުގެ މިސާލު." ހުތުބާގައި ބުންޏެވެ. "އެހެންކަމުން ކޮންމެ މީހަކު ވެސް އަނެކުންނަށް އަޅާލައި، އިހްސާންތެރިވުމަކީ އޭނާގެ މައްޗަށް ވާ ދީނީ ވާޖިބެއް. އެފަދަ މީހުންނަށް ﷲ ސުބުހާނަހޫ ވަތައާލާގެ ރުއްސެވުމާއި މަދަދު ލިބިގެންވޭ."
ފުރަބަންދުގެ މި ދުވަސްވަރުގައި ހުކުރު ނަމާދު، އަދި މި ރަމަޟާން މަހުގައި ރާއްޖޭގައި ތަރާވީސް ނަމާދު ޖަމާއަތުގައި ކުރާނީ ހަމައެކަނި އިސްލާމީ މަރުކަޒުގެ މަސްޖިދުލް ސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމުގައި އެކަންޏެވެ. އެތަނުގައި ނަމާދުގެ ޖަމާއަތުގައި ބައިވެރިވާނީ އިސްލާމީ މަރުކަޒުގައި ފުރަބަންދުވެފައި ތިބި އެ މިސްކިތުގެ އިމާމުންނާއި މުވައްޒަފުންނެވެ.