ތަކަންދޫއިން ތިން މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެ

ހއ. ތަކަންދޫ؛ އެ ރަށުން ތިން މީހަކު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައި --

ހއ. ތަކަންދޫގައި ތިބި ތިން މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.

ތަކަންދޫ ކައުންސިލުގެ ރައީސް އަހުމަދު ނިޔާޒު މިއަދު "ސަން"އަށް ވިދާޅުވީ، ތަކަންދޫގައި ތިބި ތިން މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާކަމުގެ މައުލޫމާތު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އާއި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެޗްލީއޭ)އިން ކައުންސިލަށް އަންގާފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ޕޮޒިޓިވްވި މީހުންނަކީ މިދިޔަ މަހުގެ 15 ވަނަ ދުވަހު ކާވިޔާ ބޯޓުން އެ ރަށަށް ދަތުރު ކުރި ބައެކެވެ. މިހާރުވެސް ކާވިޔާ ބޯޓު އޮތީ މޮނިޓަރިންގެ ހާލަތުގައެވެ. އެ ބޯޓުން ދަތުރި ކުރި ގިނަ އަދަދެއްގެ ތަކަންދޫ މީހުން މިހާރުވެސް ހޯމް އައިސޮލޭޝަނަށް ލާފައި އެބަ ތިއްބެވެ.

ކާވިޔާ ބޯޓު ދަތުރު ކުރި ހަތް ރަށެއް މީގެ ކުރިން މޮނިޓަރިންއަށް ގެންދިޔައެވެ. އެއީ އެ ބޯޓުން ދަތުރު ކުރި އުލިގަމު މީހަކު އެ ބޯޓުގައި ރަށަށް ދިޔަަ ފަހުން ކޮވިޑް-19އަށް ޕޮޒިޓިވް ވުމުންނެވެ.

އުލިގަމުން ޕޮޒިޓިވްވި މީހާ އަކީ މާލެ ފިޔަވައި އެހެން ރަށަކުން ކޮވިޑް-19އަށް ޕޮޒިޓިވްވި ފުރަތަމަ މީހާ އެވެ. އޭނާގެ ކޮންޓެކްޓުން ބައްޔަށް ނެގަޓިވްވުމުން މިހާރު އެ ރަށް ވަނީ މޮނިޓަރިންގެ ހާލަތުން ނަގައިފައެވެ.

އެ ފަހުން ށ. ނަރުދޫއިންނާއި، ނ. މިލަންދޫއާއި، ކ. ތުލުސްދޫއިންވެސް ޕޮޒިޓިވް މީހުން ފެނިފައިވެއެވެ. އެ ރަށްތަަށް މިހާރުވެސް އޮތީ މޮނިޓަރިންގެ ހާލަތުގައެވެ.

އުތުރުގެ އަތޮޅުތަކުން ޕޮޒިޓިވް ކޭސްތައް ފެންނަމުންދާއިރު، ސަރުކާރުން ބުނެފައި ވަނީ އުތުރުގައި ގާއިމްކޮށްފައިވާ ކަރަންޓީނު އަދި އައިސޮލޭޝަން ފެސިލިޓީތައް މިހާރު ބޭނުން ކުރަން ފަށާފައިވާ ކަމަށެވެ.

comment ކޮމެންޓް