ރަށް ފަޅުވިޔަސް އެ ހަނދާންތަކާ ވަކިވުމެއް ނެތް!

ވާވެފައިވާ ގާދޫގެ މަގެއް މަތިން -- ސަން ފޮޓޯ/ ނަޖާހް މަސްއޫދު

މީގެ ހަތަރު ވަރަކަށް އަހަރު ކުރިން ލ. ގާދޫ ރައްޔިތުން އެ އަތޮޅު ފޮނަދޫއަށް ބަދަލުކޮށް ނިންމި އިރު، މީހުން ގޮވައިގެން ގާދޫން ފުރި އެންމެ ފަހު ކޮޅުވެއްޓީގައި މުހައްމަދު އައިހަމް ހުއްޓެވެ. އޭރު އޭނާގެ އުމުރުން 15 އަހަރެވެ. ކުޑައިރުގެ ހުރިހާ ހަނދާނަކާއި، ޅަ ދުވަސް އެ ފަސްގަނޑަށް ދޫކޮށްލާފައި އައިހަމް އޭނާގެ އުފަން ރަށާ އަލްވަދާއު ކީ ބުރަ ހިތަކާއެކު އެވެ.

މިއަހަރުގެ ފެބުރުއަރީ މަހުގެ ދެވަނަ ދުވަހު "ސަން"ގެ ޓީމު ގޮވައިގެން ގާދޫއަށް ފުރި ކުޑަ ޑިންގީގެ ހުންގާނު ހިފީވެސް އައިހަމް އެވެ. އައިހަމް މި ފަހަރު އެރަށަށް ފުރީ އޭނާގެ ހިތް އަދިވެސް އެ ފަސްގަނޑެއްގައި އޮތް ގާދޫ އަހަރުމެންނަށް ދައްކާލާށެވެ. ގާދޫގައި ވަޅުޖެހުމުން ދިޔަ އެތައް ވާހަކައެއް އަލުން ކިޔައިދޭށެވެ.

ފޮނަދޫއަށް މުޅި ދިރިއުޅުން އެއްކޮށް ބަދަލުކުރި ފަހުން އެތައް ފަހަރަކު އައިހަމް ގާދޫއަށް ގޮސްފި އެވެ. ދާ ކޮންމެ ފަހަރަކު ރަށާ ގުޅިފައިވާ ހަނދާންތައް އާވެ އެވެ. އެހެންކަމުން އެ ފިލްމުގެ ރޯލު ފަހަތަށް އޮޅާލައި، އެ ވާހަކަތައް އަހަރުމެންނަށް ކިޔައިދޭން އައިހަމަށް މާބޮޑު ކަމަކަށް ނުވި އެވެ.

ގާދޫއަކީ ފޮނަދޫއާ އެއް ފަޅެއްގައި އޮންނަ ރަށެކެވެ. އެހެންކަމުން 10 ވަރަކަށް މިނެޓުން އެ ރަށަށް އާދެވިއްޖެ އެވެ. ރީތި ގޮނޑުދޮށުން އަރިގެން ރަށު ތެރެއަށް ވަދެގެން ދިޔައިރު މުޅިން އޮތީ ވާވެފަ އެވެ. ކުރިން މީހުން ދިރިއުޅުނު ރަށަކާ ވައްތަރެއް ނޫނެވެ. ކޮޅު ނުފެންނަ ވަރަށް އޮތީ ގަސް ބޯ ޖަންގައްޔެވެ.

ކުޑަ ތަންކޮޅަކަށް ހިނގުނު ފަހުން ގަސްތަކުގެ ތެރެއިން އައިހަމް ދައްކާލީ އެރަށު ސްކޫލެވެ. އެރަށުން މީހުން ބޭލި އިރު ސްކޫލުގައި ކިޔަވަމުން ދިޔައީ 12 ވަރަކަށް ކުދިންނެވެ. މިހާރު ސްކޫލް އިމާރާތް ހުރީ މުޅިން ވީރާނާވެފަ އެވެ. އިމާރާތުގެ ތެރޭގައި ގަސް ހެދި ފުރިފައި އޮތް އިރު ފާރުތަކުގައި އޮތީ ވެޔޮ ދަމާލާފަ އެވެ. ރަށު ކައުންސިލް އިދާރާގެ ވަށައިގެން ހަތަރު ފާރުވެސް ނެތެވެ. ރަށު މިސްކިތްވެސް ވަނީ މުޅިން ހަލާކުވެފަ އެވެ.

"މި ވަޅުން ފެން ޖެހުނީމަ ނުވޭ ރަށުން ދާ ހިތެއް ވެސް،" މިސްކިތުގައި ހުރި ފެން ވަޅުން ބޮލަށް ފެން ދާންޏެއް އޮއްސާލަމުން އައިހަމް ބުންޏެވެ.

އައިހަމް ކިޔާދިން ގޮތުން މިއީ ހަމައެކަނި އޭނާގެ އާދައެއް ނޫނެވެ. އެ ރަށަށް އަންނަ ގާދޫގެ ގިނަ ޒުވާނުން އެ ރަށުން ފައިބަނީ މިސްކިތު ވަޅުން ފެން ވަރާލައިގެންނެވެ. އުފަަން ރަށުން މިއަދު ގެންދަން ލިބޭ "ސުވެނިއާ" އަކީ އެޔެވެ.

ހަވީރު ދަޅައަށް ރަށުގެ ޒުވާނުން ކުޅެން ނުކުތް ފުޓުބޯޅަ ދަނޑުވެސް މިހާރު އޮތީ ވާހެދިފަ އެވެ. ހާއްސަ ދުވަސް ދުވަހު ރަށުގެ ކުދިބޮޑު އެންމެން އެއްވާ ކުޅޭ ފަސްގަނޑުން މިހާރު ފަހެއް ފެންނާކަށް ނެތެވެ. ޖާފަތްތައް ތައްޔާރުކުރުމަށާއި، ކުޅިވަރުތައް ރާވަން ބޭނުންކުރި މަޝްވަރާ ބުރުވެސް މިހާރު އޮތީ ވެއްޓިފަ އެވެ. މުނިފޫހިފިލުވުމުގެ ހަރަކާތްތައް ބޭއްވި ސްޓޭޖު މަތީގައި މިހާރު ނަށަމުން އަންނަނީ ދިއްގާ ގަހުގެ ގޮފިތަކެވެ.

ރަށު ތެރެއަށް ވަދެގެން ދިޔަ ވަރަކަށް ފެންނަނީ ވީރާނާކަމެވެ. ކުޑަކުދިން ބައިސްކަލު ދުއްވައި، ކުޅެ އުޅުނު މަގުތައް ވަނީ ހިމޭންވެފަ އެވެ. ކުރިން އެތައް އާއިލާއެއް ބިނާކުރި ގެދޮރާއި ދިރިއުޅުން ވަނީ މުޅިން ވީރާނާވެ، ފަޅުވެފަ އެވެ. އެއްވެސް ގެއެއްގެ ފުރާޅެއް ނެތެވެ. މަގުތައް ވަނީ ގަސް ހެދި، ބެދިފަ އެވެ. އެންމެ ގިނައީ ބަނބުކެޔޮ ގަހެވެ. ކޮންމެ ގޯއްޗެއްގައި ކަހަލަ ގޮތަކަށް ކެޔޮ ގަހެއް ހުއްޓެވެ.

ގާދޫގެ ވީރާނާވެފައިވާ ގެއެއް. ކޮންމެ ގޯއްޗެއްގައި ކަހަލަ ގޮތަކަށް ބަނބުކެޔޮ ގަހެއް ފޯދިފައި ހުރި -- ސަން ފޮޓޯ/ ޝަފްނާ ހުސައިން

ބަންބުކެޔޮ ގަސްތަކާއެކު ހަނދާނަށް އައީ ގާދޫގައި 70 ވަރަކަށް އަހަރު އުޅުމަށްފަހު، މިހާރު ފޮނަދޫގައި ދިރިއުޅުން އާބާދުކުރަމުން އަންނަ ދައްތައަކު އަހަރެން ކައިރީ ބުނި ވާހަކައެކެވެ.

"ރަށުގަ އުޅުނު އިރު ކެޔޮ ލިބޭނެ ހުސްނުކޮށް. މާލޭގަ ތިބޭ ދަރިންނަށް ވެސް ތެލުލި ކެޔޮ ޑަބިޔާ ފޮނުވަން. މިހާރަކު ނުލިބޭ އެހެން ކާލާނެ އެއްޗެއް،" ފޮނަދޫ ގޮނޑުދޮށުގައި އެލުވާފައި ހުރި އުނދޯންޏެއްގައި އިށީނދެލައިގެން ގާދޫއާ ދިމާލަށް ބަލަހައްޓައިގެން އިނދެ ދައްތަ ބުންޏެވެ.

އައިހަމްމެން ފަދަ ޒުވާނުންގެ ޅަ ދުވަސް ގާދޫގައި ހޭދަކުރި ނަމަވެސް، ދައްތަމެންގެ މުޅި އުމުރު ހޭދަކުރީ ގާދޫގަ އެވެ. ދިރިއުޅުން ފަށައި، ދަރިން ލިބި، މާމަ ކީވެސް ގާދޫގެ ފަސްގަނޑުގަ އެވެ. އަދަދު ނުކުރެވޭހާ ގިނަ ހަނދާން ގާދޫގެ ވީރާނާވަމުންދާ ގެތަކާއި ގޮނޑުދޮށުގައި އަންނަނީ ފޮރުވެމުންނެވެ.

ފޮނަދޫއަށް ދިރިއުޅުން ބަދަލުކުރިތާ ހަތަރު ވަރަކަށް އަހަރުވެފައި ވާއިރު، މިހާރު ގާދޫ ރައްޔިތުންގެ އިހުސާސްތައް ހުރީ ދެކަފިވެފައެވެ. ވާހަކަ ދައްކާލެވުނު ބައެއް ހަރު މީހުން ބުނާގޮތުގައި ފޮނަދޫގެ ދިރިއުޅުން ގާދޫގެ ދިރިއުޅުމަށްވުރެ ފަސޭހައެވެ. ރަށުން ލިބެން ނެތް ގިނަ ހިދުމަތްތަކެއް ފޮނަދޫން ލިބެއެވެ. އަލުން ރަށަށް ބަދަލުވުމުގެ ފުރުސަތު ލިބުނު ނަމަވެސް، ދެން ހިޔާރުކުރާނީ ފޮނަދޫއެވެ.

ނަމަވެސް އެ ފަރާތްތަކުގެ ޝަކުވާއަކީ މީހުން ބަދަލުކުރުމުގައި އޭރުގެ ސަރުކާރުން ކަން ކުރި ގޮތެވެ. ގެތައް ބަހާލި އިރު މައިންބަފައިންނާ ދަރިންނަށް ރަށުގެ ދެކޮޅުން ގެ ލިބިފައި އެބަހުއްޓެވެ.

"ގާދޫގައި ހަމަ އެއްކޮށް އުޅުނު އާއިލާތަކަށް އެބަހުރި ދެ އަވަށަކުން ގޯތި ލިބިފަ. މައިންބަފައިން އެއް އަވަށުގަ، ދަރިން އަނެއް އަވަށުގަ. އެހެންވެ ވަރަށް އެހެން ކަހަލަ ގޮތެއް ހީވަނީ. މިއަށްވުރެ ރަނގަޅަށް މިކަން ކުރެވޭނެ،" އެކަކު ބުންޏެވެ.

ގާދޫން މީހުން ބަދަލުކުރި އިރު ސަރުކާރުން ބަދަލުގެ ގޮތުގައި ކޮންމެ އާއިލާއަކަށް ދިނީ 60،000 ރުފިޔާ އެވެ. ނަމަވެސް ގާދޫގައި އެމީހުންގެ އެތައް ރުކަކާއި ބިންތައް ހުއްޓެވެ. އެއިން އެއްވެސް އެއްޗެއްގެ ބަދަލެއް ލިބޭނެ ގޮތެއް ނެތެވެ. ގާދޫގެ ގިނަ އަންހެނުންނާއި ފިރިހެނުން ވެސް އޭރު ވަލަށް ގޮސް އުޅުނެވެ. އަމިއްލަ ރުއްގަހުން އާމްދަނީ ހޯދި އެވެ.

"ރަށުގައި އުޅުނު އިރު މަސައްކަތް ވެސް ލިބޭ. މިހާރު މިކޮޅުގަ ލިބެނީ މުސާރަ އެކަނި. ރަށުގަ ވިއްޔާ ވަލަށް ގޮސް ކާށި ހޮވައި، ހަމަ ލާރި ލިބެނީ. ރުއް އަރައި ރާ ލިބޭ. ރަނގަޅު އެއްޗެއް ލިބޭ. ގިނަ ގޭގެ ހަރަދުުތައް ބަޗާނެ. ކެއިންބުއިމުގެ ހަރަދުތައް ހަމަޖެހޭ،" ގާދޫގައި ވަލަށް ގޮސްގެން ގޭގެ ހަރަދުތަައް ހަމަޖެއްސި އަންހެނަކު ބުންޏެވެ.

ގާދޫގައި ކުރިން މީހުން އުޅުނު ގެއެއް މުޅިން ވީރާވެފައި -- ސަން ފޮޓޯ/ ނަޖާހް މަސްއޫދު

މިފަދަ ބޮޑު ބަދަލެއް ދިރިއުޅުމަށް އައި ނަމަވެސް، ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެ، ގާދޫއަށްވުރެ ތަރައްގީވެފައި އޮތް ރަށަކަށް ބަދަލުވެވުމުން އެމީހުން ތިބީ ފުދިގެންނެވެ. ޝުކުރުކޮށްގެންނެވެ.

އެހެން ނަމަވެސް އަދިވެސް ގާދޫއަށް އެނބުރި ދާން ބޭނުން ބަޔަކު ވެސް އެބަތިއްބެވެ. ހުކުރު ދުވަސް ދުވަހު ޑިންގީގައި ފޮނަދޫއަށް އައިސް ވިޔަފާރިކޮށްލައިިގެން އަނބުރާ ގާދޫއަށް ގޮސްގެން އުޅުނު ދިރިއުޅުން މިހާރުވެސް އެމީހުންނަށް މާ ކަމުދެ އެވެ. މާ ހިތްހަމަޖެހެ އެވެ.

އެމީހުން ބުނާ ގޮތުން ގާދޫގެ ދިރިއުޅުމާ ފޮނަދޫގެ ދިރިއުޅުން ހާސްބައި ތަފާތެވެ. ގާދޫގައި އޮތީ އެއް އާއިލާއެކެވެ. ކޮންމެ މީހަކު ވެސް އަނެކަކު ދަނެ އެވެ. ރަށު ރައްޔިތުންގެ މެދުގައި ވަރުގަދަ އެކުވެރިކަމަކާއި ލޯތްބެއް އޮތެވެ.

"ރަށުގަ އޮފީސް ނިންމާފަ ގެއަށް ގޮސް ހަވީރު ދަރިފުޅު ގޮވައިގެން ނުކުންނަ އިރު އެންމެން ތިބޭނެ ޖޯލިފަތި ބޭރަށް ލައިގެން. ފެންނަ ކޮންމެ މީހަކު ވާހަކަ ދައްކާނެ. މިރަށުގެ އެގޮތެއް ނޯވޭ،" ރަށުގެ ހަނދާންތައް އާކުރަމުން ޒުވާން އަންހެނަކު ބުންޏެވެ.

ލ. ގާދޫ -- ސަން ފޮޓޯ/ ޝަފްނާ ހުސައިން

އެ އަހުވަންތަކަމުގެ އިހުސާސް ފޮނަދޫގައި އެމީހުންނަކަށް ނުކުރެވެނީ އެވެ. ހީވަނީ ބީރައްޓެހި ރަށެއްގައި ވަޒީފާ އަދާކުރަން އައިސްގެން އުޅޭހެނެވެ. ފޮނަދޫގެ ވެލި ވެސް އެމީހުންނަށް ކަމަކު ނުދެއެވެ.

"އަނބުރާ ދާން ފުރުސަތެއް ލިބިއްޖެއްޔާ ގައިމުވެސް އަހަރެން ދާނަން. މި ދިރިއުޅުމާ މެދު ހިތްހަމައެއް ނުޖެހޭ. އުފަން ފަސްގަނޑުގައި ލިބޭ ހިތްހަމަޖެހުން އެހެން ތަނަކުން ނުލިބޭނެ،" ޒުވާނަކު ބުންޏެވެ.

ބައެއް މީހުންގެ ހިޔާލު މިހެން ހުރި ނަމަވެސް މިހާރު ގާދޫއަކީ ފަޅު ރަށެކެވެ. އޮންނާނީ ވެސް ފަޅު ރަށެއްގެ ގޮތުގަ އެވެ. އެހެން ނަމަވެސް އެ ރަށަށް އެރުމުގެ ހުއްދަ އޮތްހާ ދުވަހަކު، ގާދޫ ރައްޔިތުން އެރަށަށް ދާނެ އެވެ. އެރަށަށް ދޫކުރި ހަނދާންތައް އާކުރާނެއެވެ. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުން ގާދޫގެ ނަން ފޮހެލަން ޖެހުނު ނަމަވެސް، އެމީހުންގެ ހިތުން އެ ނަމެއް ފޮހެވިގެން ނުދާނެއެވެ.

އަހަރެމެން ގޮވައިގެން އައިހަމް ފޮނަދޫއަށް މިސްރާބު ޖެހީވެސް އެ ޔަގީންކަމާ އެކުއެވެ.

comment ކޮމެންޓް