ހިތްތައް ފަތަހަކުރި ކަލާޔާ ނުލާ!

މިއީ މުޅި ކަލާޔާނުލާ ފިލްމުންވެސް އެންމެ މަގުބޫލު އެއް މަންޒަރު ---

"ހިތްއުފާވާނެހޭ ދެން ކަލާޔާ ނުލާ، ނޫޅެވޭނޭ ދެން މަށަށް ކަލާޔާ ނުލާ،" މިލަވައަކީ އަހަރުމެންގެ ތެރެއިން ކިތަންމެ މީހެއްގެ ބޮލުގައި ހަރުލާފައި ހުންނާނެ ލަވައެކެވެ. ފަހަރެއްގައި މިލަވައިގެ ބައިތުތަކުން ލޯބި ހުށަހެޅި މީހުން ވަރަށް ގިނަވެދާނެ އެވެ.

މިއީ، ޑައިރެކްޓަރު ފާތިމަތު ނަހުލާ އޭނާގެ އަމިއްލަ ވާހަކައެއްގެ މައްޗަށް 2003 ވަނަ އަހަރު ނެރުނު، ލޯބީގެ ފިލްމް "ކަލާޔާ ނުލާ"ގެ ތީމް ލަވަ އެވެ. މި ފިލްމު ދިވެހިންގެ ތެރޭ ބޮޑު މަގުބޫލެއް ކަމެއް ހޯދިއިރު މިއީ، އެކްޓަރު އައިޝަތު ޝިރާނީގެ އެންމެ ފަހު މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތެވެ.

ދިވެހި ނޯޖަވާނުންގެ ބޮލުގައި މިލަވަ ހަރުވެގެން ދިޔައީ، ލަވައިގެ ޅެމުގެ އިތުރަށް ލަވައިގެ ވީޑިއޯއަށް ވެސް އެ މީހުންގެ ހިތް ދަމައިގަތީމަ އެވެ. ޝިރާނީއާ އެކު ޔޫސުފް ޝަފީއު (ޔޫއްޕެ) ފެނިގެންދާ އެ ލަވައިގައި އެންމެންގެ ހިތްތައް ދަމައިގަތް ސީންއަކީ، ސިރާނީ ގަހެއްގެ އެލިގެން ނަށާލާ މަންޒަރެވެ. ނަމަވެސް އެ މަޝްހޫރު ސީންގެ އަސްލަކީ ކޮބާ ހެއްޔެވެ؟

ޝިރާނީ އާއި ޔޫއްޕެގެ އިތުރުން ފިލްމުގެ ލީޑްރޯލުން ބަތަލާ، ނިއުމާ މުހައްމަދު ވެސް ފެނިގެންދެ އެވެ. ދެ އަންތްބައް ކައިވެނިކޮށް އެ ކައިވެނީގެ ތެރޭގައި ދިމާވާ ކަންތައްތަކަށް ތަފާތު ނަޒަރަކުން އަލި އަޅުވާލާ އެ ފިލްމަކީ އިޖުތިމާއީ މެސެޖެއް ހިމެނޭ ފިލްމެއް ކަމަށް ނަހުލާ ބުނެ އެވެ.

ކަލާޔާ ނުލާގެ ސައުންޑްޓްރެކްގައި ޖުމްލަ އަށް ލަވައެއް ހިމެނޭއިރު ހުރިހާ ލަވަތަކެއްވެސް މަގުބޫލުވާ ތަފާތު ސަބަބުތައް އެބަހުއްޓެވެ. ނަމަވެސް އެ މުޅި ސައުންޑްޓްރެކް އިންވެސް އެންމެ ގިނަ ބަޔަކަށް ކަމުދިއައީ ޓައިޓަލް ލަވަ "ކަލާޔާ ނުލާ" އެވެ. ފިލްމީ އުފެއްދުއްތަކުގެ އަގު ވަޒަން ކުރުމަށް 2007 ވަނަ އަހަރު ބޭއްވި "މިއަދު ކްރިސްޓަލް އެވޯޑް"ގައި އެންމެ މޮޅު ލަވައިގެ އެވޯޑު ހޯދާފައިވަނީވެސް އެ ފިލްމެވެ.

ނަހުލާ ބުނި ގޮތުގައި އެ ލަވަ ސްކްރިޕްޓްކުރީ އޭނާގެ އަމިއްލަ ހިޔާލަކަށެވެ. އަދި ލަވަ ކޮމްޕޯޒް ކުރީ ހުސައިން ސޮބާހު އެވެ. އެ ލަވަ ކިޔާފައިވަނީ ދިވެހީންގެ ތެރޭގައި މަގުބޫލު ފާތިމަތު ޒޫނާ އެވެ. ނަމަވެސް ލަވައިގެ އޯޑިއޯއަށްވުރެ ގިނަ ބައެއްގެ ލޮލުގައި އަޅައިގަންނަނީ ލަވައިގެ ވީޑިއޯ އެވެ. އަދި ހާއްސަކޮށް ލަވައިން ފެންނަ ޝިރާނީ، އަތިރިމަތީގައި ހުރި ގަހެއްގައި އެލޭ މަންޒަރެވެ. މިއީ ކޮން ވާހަކައެއް ހެއްޔެވެ؟ އެ ގަސް ފެންނަ މަންޒަރު އެހާ ހާއްސަ ވަނީ ކީއްވެ ހެއްޔެވެ؟

އެއީ ސީން އަށް ބިމުގައި ޖަހާފައިވާ ގަހެއް!

ނަހުލާ "ސަން"އަށް ބުނީ، ކަލާޔާ ނުލާ ޓައިޓަލް ލަވައިގައި ޝިރާނީ ހިފަހައްޓައިގެން ހުންނަ ގަހަކީ، ޝޫޓް ކުރުމަށް ޓަކައި ގޮނޑުދޮށުގައި އިންދި ގަހެއް ކަމަށެވެ.

"އެތަނަކީ އެއްވެސް ގަހެއް އެއްޗެއް ހުރި ތަނެއް ނޫން އަސްލު. އެހެންވެ އަޅުގަނޑުމެން އެތަނުގައި ގަސް ޖެހީ،" ނަހުލާ ބުންޏެވެ.

ލަވައިގެ ތަފާތު ސީންތައް ކ. ގުރައިދޫ އާއި ބަނޑޮސް އަދި މާލޭގައިވެސް ނަގާފައިވާއިރު އެ މަޝްހޫރު ސީން ނަގަފައިވަނީ ގުރައިދޫ ކައިރީގައި އޮންނަ ފިނޮޅުގަ އެވެ. ގަހެއް އިންދަން ޖެހުނީ އެހެންވެ އެވެ.

ގަހުގައި އެލިގެން ޝިރާނީ ޑާންސް ސްޓެޕް ޖައްސާއިރު މިއީ އިމްޕްރޮވައިޒް ކޮށްފައިވާ ސީން އެއް ނޫނެވެ. މިއީ ކުރީންވެސް ސްޓެޕްތައް ފައިނަލްކުރިއިރު ހަމަޖައްސާފައިވާ ސްޓެޕް އެއް ކަމަށް ނަހުލާ ބުންޏެވެ.

ސްޓެޕްތަކަކީ ސުނީގެ ކޮރިއޮގްރަފީ!

ލަވައިގެ ސްޓެޕްތަކުގެ ސަބަބުން އެ ލަވަ އެހާ ބޮޑު މަ ގުބޫލު ވުމުން އެ ލަވައިގެ ކޮރެއޮގްރަފީގެ ވާހަކަ ނުދައްކާ ދޫކޮށްލެވޭކަށް ނެތެވެ. ލަވައިގެ ކޮރެއޮގްރަފީގެ މަސައްކަތް ކޮށްފައިވަނީ ރާއްޖޭގެ މަޝްހޫރު ނެށުންތެރިޔެއް ކަމަށްވާ ސުނީތާ އަލީ އެވެ.

ސުނީތާ ބުނީ އެ ފިލްމުގެ އެއް ލަވަ ފިޔަވާ ހުރިހާ ލަވައެއްގެ ކޮރެއޮގްރަފީ ހަދާފައިވަނީ އޭނާ ކަމަށާއި އޭގެ ސަބަބުން އެ ލަވައިގެ ކޮރެއޮގްރަފީއަށް ހޭދަވި ވަގުތު ސީދާ ބުނެދޭން ނޭނގޭ ކަމަށެވެ.

އެ ލަވައިގެ ކޮރެއޮގްރަފީގެ މަސައްކަތް ކުރީ ނަހުލާއާ ވާހަކަ ދައްކާ މަޝްވަރާކުރުމަށް ފަހުގައި ކަމަށާއި ސްޓެޕްތައް ހަމަޖެއްސުމުގައި ވަރަށް ގިނަ ކަންތައްތަކަށް ސަމާލުކަން ދީފައިވާ ކަމަށް ބުންޏެވެ.

"ލިރިކްސްގައި ކިޔާ އެއްޗެއްސަށް ވަރަށް ބޮޑަށް ބަލާފައި ސްޓެޕްތައް ހަމަޖެއްސީ. ދެން އެ ސްޓެޕްތައް ބެލުމުގައި އުޅޭ އެކްޓަރުންނަށް ފަސޭހަ ވާނެ ގޮތަކަށް އެ ސްޓެޕްތައް ހެދުމުގެ މަސައްކަތްވެސް ކޮށްފައިވާނީ،" އޭނާ ބުންޏެވެ.

ކޮންމެއަކަސް ކަލާޔާ ނުލާގެ ލަވައަކީ މިއަދާ ހަމައަށް އެތައް ބައެއްގެ ހިތްތަކުގައި ހަރުލާފައިވާ ލަވައެކެވެ. ހާއްސަކޮށް ޝިރާނީ ގަހުގައި ނަށާލި ނެށުމަށް އެތައް ބައެއްގެ ސަމާލުކަން ދަމައިގަތެވެ. މިހާރު ޒުވާނުންގެ މެދުގައިވެސް އެ ލަވަ މަގުބޫލު ވެފައިވަނީ އެ ސަބަބާ ހުރެ އެވެ. އެކި ވައްތަރުގެ މީމްތަކުގައި ވެސް އެ މަންޒަރު އެކި ގޮތްގޮތަށް ބޭނުންކުރެ އެވެ.

comment ކޮމެންޓް