ގޭގައި ތިބެން ޖެހުނަސް އަޅުކަން ކުރުން ދޫކޮށްނުލައްވާ: ހުކުރު ހުތުބާ

މިއަދުގެ ހުކުރު ހުތުބާ ކިޔަނީ ---

ރާއްޖެއަށް ކުރިމަތިވެފައިވާ ނުރައްކާތެރި ކޮރޯނާވައިރަހުގެ ބަލިމަޑުކަމާއެކު، މިދަނޑިވަޅުގައި ގޭގައި ތިބެން ޖެހުނުނަމަވެސް މިފަދަ މާތް މައްސަރެއްގައި އަޅުކަން ކުރުން ދޫކޮށްނުލުމަށް މިއަދުގެ ހުކުރު ހުތުބާގައި އިލްތިމާސްކޮށްފިއެވެ.

މުޅި ރާއްޖޭގައި ޖަމާއަތުގައި ނަމާދުކުރުން މަނާކޮށްފައިވާ މި ހާލަތުގައި އައި ރޯދަމަހުގެ ފުރަތަމަ ދުވަހުގެ ހުކުރު ހުތުބާ އިސްލާމީ މަރުކަޒުން އިއްވެވީ، ޓީވީތަކާއި އޮންލައިން ވަސީލަތްތައް މެދުވެރިކޮށެވެ. މިއަދުގެ ހުތުބާ ބިނާކޮށްފައިވަނީ، ރޯދަމަހާއި އަޅުކަމުގެ މައްޗަށެވެ.

ހުތުބާގައި ބުނީ، މިފަހަރުގެ ރޯދަމަސް ކުރިމަތިލާން ޖެހިފައި މިވަނީ، މުޅި ދުނިޔެއަށްވެސް ދަތި ހިތާމަވެރި ދުވަސްވަރެއްގައި ކަމަށެވެ. ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހިފައިވާ ފިޔަވަޅުތަކުގެ ސަބަބުން މި މައްސަރުގައި އިޖުތިމާއީ ގޮތުންނާއި ދީނީ ގޮތުން މުސްލިމުން އެއްތަންވެ ކުރާ އެތައްކަމެއް ހުއްޓިފައިވާކަން ހުތުބާގައި ފާހަގަ ކުރެއްވިއެވެ.

"ގާތްތިމާގެކަން ބަދަހި ކުރުމަށްޓަކައި ގޭގެއަށް ޒިޔާރަތް ކުރުމާއި، ސަވާބާއި ދަރުމަ ހޯދުމަށް އެއްބަޔަކު އަނެއް ބަޔަކަށް ރޯދަ ވީއްލުމަށް ދައުވަތު ދިނުމާއި، ފަރުޟު ފަސް ނަމާދާއި ތަރާވީސް ނަމާދަށް މިސްކިތްތައް ފުރި ބާރުވެގެން ދިޔުން ފަދަ އެތައް ކަމަކުން މިވަނީ މަހުރޫމްވެފައި،" ހުތުބާގައި ބުންޏެވެ.

ހުކުރު ނަމާދު އިސްލާމީ މަރުކަޒުން ---

ނަމަވެސް އަދިވެސް ރަމަޟާން މަހުގެ ރޭތައް އިހްޔާކޮށް، މި މައްސަރުގެ ފައިދާ ހެޔޮގޮތުގައި ލިބިގަނެވޭނެ ކަމުގެ އުންމީދު ހުކުރު ހުތުބާ އިން ދެއްވިއެވެ.

"ގޭގައި ފުރަބަންދުގައި ތިބެ، ބަރާބަރަށް ފަސް ނަމާދު ގާއިމްކޮށް، ސުންނަތް ނަމާދުތަކަށް ރައްކާތެރިވެ، ގުރުއާން ކިޔަވާ، ޒިކުރުކޮށް، ފައިދާ ހުރި ކަންކަމުގައި ވަގުތުތައް ހޭދަކޮށްފިނަމަ، މި މައްސަރުގެ ފައިދާ އެންމެ ފުރިހަމަގޮތުގައި ހާސިލްވެގެން ދިޔުމަކީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން،" ހުކުރު ހުތުބާގައި ބުންޏެވެ.

ހުތުބާގައި ވަނީ، ކުރިމަތިވެފައި މި ނުރައްކާތެރި ވަބާއިން ކެތްވެރިވެ، މުޅި އުންމަތް ސަލާމާތް ކުރުމަށް އެދި ދުއާ ކުރުމަށް އިލްތިސާކުރައްވާފައެވެ. އަދި ކަމާ ބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދުތައްކަށް ތަބާވެ، ނުރައްކާތެރިވަރަހުން ރައްކާތެރިވެ ތިބުމަށް ހުތުބާގައި ނަސޭހަތްތެރިވިއެވެ.

"މި މައްސަރުުގައި ހެޔޮއަމަލުކުރުން ގަދައަޅާ މަސައްކަތްކޮށް، ކުރިމަތިވެފައިވާ މި ތަދުމަޑުކަމުގެ މައްޗަށް ކެތްތެރިވެ، އިގްތިސާދު ކުުރުމަށް ނަސޭހަތްތެރިވަން. އަދި މި ނުރައްކާތެރި ވަބާއިން ރާއްޖެއާއި މުޅި އިންސާނިއްޔަތު ސަލާމަތްކުރުމަށް އެދި ﷲ ހަޟްރަތުގައި އިބްތިހާލްވެ، ދުއާ ކުރުމަށް ގޮވާލަން،" ހުތުބާގައި ބުންނެވެ.

ހުކުރު ހުތުބާގައި ވަނީ މި މައްސަރުގެ ހާއްސަކަމާއި މާތްކަމުގެ މައްޗަށް ވެސް އަލިއަޅުވާލާފައެވެ. އެގޮތުން މި މައްސަރަކީ ކީރިތި ގުރުއާން ބާއްވާލެއްވި މައްސަރު ކަމަށާއި މި މައްސަރުގައި ކީރިތި ގުރުއާން ކިޔެވުމާއި ހެޔޮ އަމަލުތައް ގިނަކުރުމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށް ހުކުރު ހުތުބާގައި ބުންނެވެ.

"ރަމަޟާން މަހަކީ، ހެޔޮކަމާއި ބަރަަކާތުގެ ދުވަސްތަކެއް. ތައުބާވުމާއި ތަގުވާގެ ދުވަސްތަކެއް. ނިކަމެތިންނަށް ހެޔޮކޮށް ހިތާ، އިހްސާންތެރިވުމުގެ ފޯވައްސެއް،" ހުތުބާގައި ބުންޏެވެ. "ހައި ހޫނުކަމުގެ މައްޗަށް ކެތްތެރިވެ، ނަފްސު ތަހުޒީޒުކޮށްދޭ މައްސަރު. ޢާފިލުކަމުގެ ނިދިން ނަފްސު ހޭލައްވާލަދޭ މައްސަރު،"

ފުރަ ބަންދުގެ މި ދުވަސްވަރުގައި ހުކުރު ނަމާދު، އަދި މި ރަމަޟާން މަހުގައި ރާއްޖޭގައި ތަރާވީސް ނަމާދު ޖަމާއަތުގައި ކުރާނީ ހަމައެކަނި އިސްލާމީ މަރުކަޒުގެ މަސްޖިދުލް ސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމުގައި އެކަންޏެވެ. އެތަނުގައި ނަމާދުގެ ޖަމާއަތުގައި ބައިވެރިވާނީ އިސްލާމީ މަރުކަޒުގައި ފުރަބަންދުވެފައި ތިބި އެ މިސްކިތުގެ އިމާމުންނާއި މުވައްޒަފުންނެވެ.

comment ކޮމެންޓް