އާމިރު ޚާންގެ "ލާލް ސިންގް ޗައްޑާ" ރިލީޒްކުރުން ފަސްކޮށްފި

މި ފިލްމުގެ ލީޑް ތަރިންނަކީ އާމިރު އާއި ކަރީނާ---

ބޮލީވުޑްގެ ލެޖެންޑަރީ ތަރި އާމިރު ޚާން ސްކްރީނުން ފެނިގެންދާ ފިލްމު "ލާލް ސިންގް ޗައްޑާ" ރިލީޒްކުރުން ފަސްކޮށްފި އެވެ.

އެ ފިލްމަކީ މިއަހަރު ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ރިލީޒްކުރަން ނިންމާފައިވާ ފިލްމެކެވެ. ނަމަވެސް ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުން އަންނަ ވައިރަސް ކޮރޯނާގެ ސަބަބުން ބޮލީވުޑްގެ ފިލްމުތައް ރިލީޒްކުރުން އަންނަނީ ފަސްކުރަމުންނެވެ. އިންޑިއާ ލޮކްޑައުންކޮށްފައި އޮންނަތާ މިހާރު މަހަކަށް ވުރެ ގިނަ ދުވަސްވެފައިވާ އިރު ފާއިތުވެ ދިޔަ ތާރީޚްތަކުގައި އަޅުވަން ނިންމި ފިލްމުތައް ވެސް ވަނީ ވަކި ތާރީޚެއް ނާންގާ ފިލްމު އެޅުވުން ފަސްކޮށްފަ އެވެ.

އާމިރު ޚާން ލީޑް ރޯލުން ފެނިގެންދާ އެ ފިލްމު އަންނަ އަހަރަށް ފަސްކޮށްފައިވާއިރު އެ ފިލްމުން ފެނިގެންދާނެ ބަތަލާ އަކީ ކަރީނާ ކަޕޫރެވެ. އެދެތަރިން އެންމެ ފުރަތަމަ ސްކްރީނުން ފެނިގެންދިޔައީ ހިޓް ފިލްމު "ތްރީ އީޑިއަޓްސް"އިންނެވެ. އެ ފިލްމަށް ބޮޑު ތަރުހީބެއް ލިބުނުއިރު އެދެތަރިން އެކުގައި ސްކްރީނުން ފެނިގެންދިޔަ ދެވަނަ ފިލްމަކީ "ތަލާޝް"އެވެ. މި ފިލްމަށްވެސް ބޮޑު އާމްދަނީއެއް ލިބުނުއިރު ކަރީނާ އާއި އާމިރު އެކުގައި ފެނިގެންދާ ތިން ވަނަ ފިލްމަކީ "ލާލް ސިންގް ޗައްޑާ"އެވެ.

comment ކޮމެންޓް