ރާއްޖޭގެ ފަސް ސަރަހައްދެއްގައި ކޮވިޑަށް ފަރުވާ ދެވޭ ގޮތް ހަދަނީ

އައްޑޫ ސިޓީ، ހިތަދޫ ރީޖަނަލް ހޮސްޕިޓަލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ ފަސް ސަރައްދެއްގައި ކޮވިޑް 19އަށް ފަރުވާ ދެވޭވަރަށް އިންތިޒާމް ހަމަޖެއްސުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއައިއޯސީ)ގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި ގާއިމުކޮށްފައިވާ އެންއައިއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވީ، އެގޮތަށް އިންތިޒާމް ހަމަޖައްސާފައިވަނީ ފަސް ހޮސްޕިޓަލުތަކުގައި ކަމަށާއި އެތަންތަން އިތުރަށް ތަރައްގީކޮށްފައިވަނީ އައިސީޔޫ އެނދާއި އައިސޮލޭޝަން އެނދާއެކު ޓެސްޓުކުރުމުގެ އިންތިޒާމާއެކު ކަމަށެވެ. މަބްރޫކު ވަނީ ހޮސްޕިޓަލުތަކާއި އެނދުތަކުގެ ޖުމްލަ އަދަދުވެސް ހާމަކުރައްވަފައެވެ.

ކޮވިޑަށް ފަރުވާދޭ ފަސް ހޮސްޕިޓަލު:

  • ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި 23 އައިސީޔޫ އެނދާއި 22 އައިސޮލޭޝަން އެނދު
  • ގއ. އަތޮޅު ހޮސްޕިޓަލުގައި 23 އައިސީޔޫ އެނދާއި 12 އައިސޮލޭޝަން އެނދު
  • ލ. ގަން ރީޖަނަލް ހޮސްޕިޓަލުގައި 20 އައިސީޔޫ އެނދު އަދި 23 އައިސޮލޭޝަން އެނދު
  • ބ. އަތޮޅު ހޮސްޕިޓަލުގައި 20 އައިސީޔޫ އެނދު އަދި 37 އައިސޮލޭޝަން އެނދު
  • ށ. އަތޮޅު ހޮސްޕިޓަލުގައި 20 އައިސީޔޫ އެނދު އަދި 37 އައިސޮލޭޝަން އެނދު

މަބްރޫކު ވިދާޅުވީ، އެތަންތަނުގައި ފަރުވާ ދޭނީ އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ކަމަށެވެ. އެގޮތުން ފަރުވާދޭނީ ވަކި ސަރަހައްދެއްގައި އެކަމަށް ހާއްސަކޮށްގެން ކަމަށް މަބްރޫކު ވިދާޅުވިއެވެ.

"އެ ހޮސްޕިޓަލުތަކުގައި ވަކި ސަރަހައްދުތަކެއް ވަކި ކުރެވިފައި، އެ ސަރައްހަދަކީ ވަކި ދޮރަކުން ވަދެ ނުކުމެވޭ ތަނެއްގެ ގޮތުގައި. މާނައަކީ، އާންމުގޮތެއްގައި ސިއްހީ ހިދުމަތް ހޯދަން އަންނަ މީހުންނާ ދިމާވާ ޑޮކްޓަރުންނާއި ނަރުހުން ވަންނާނީ ވަކި ދޮރަކުން. ކޮވިޑް19އާ ގުޅިގެން އެތަނެއްގައި ބާއްވޭ މީހަކު ބަލާ ޑޮކްޓަރެއްވިޔަސް، ނަރުހެއްވިޔަސް އަދި ބައްޔަށް ޝައްކުކުރެވިގެން ވަންނަ މީހަކުވިޔަސް ވަންނާނީ ހޮސްޕިޓަލުގެ އެހެން ދޮރަކުން،" މަބްރޫކު ވިދާޅުވިއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެ ހޮސްޕިޓަލުތަކުގައި ހުރި ޓީބީ އަށް ޓެސްޓު ކުރުމަށް "ޖީއެން އެކްސްޕާޓް" މެޝިންތައް ހުންނަކަން ފާހަގަކުރައްވާ މަބްރޫކް ވިދާޅުވީ އެ މެޝިންތަކަށް ލައްވާ ވަކި ވައްތަރެއްގެ ކާޓްރިޖެއް ކޮވިޑް-19 އަށް ޓެސްޓް ކުރެވޭގޮތަށް އީޖާދު ކުރެވިފައިވާ ކަމަށެވެ. އެގޮތުން އެ ކާޓްރިޖްތައް ރާއްޖެ ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް މަބްރޫކު ވިދާޅުވިއެވެ.

"އަޅުގަނޑުމެން އަމާޒުކޮށްގެން މަސައްކަތް މިކުރަނީ މި ހުރިހާ ތަންތަނަކީވެސް ބައްޔަށް ޓެސްޓް ކުރެވޭ ތަންތަނަށް ހެދުމަށް،" މަބްރޫކު ވިދާޅުވިއެވެ.

މިހާތަނަށް ރާއްޖެއިން ކޮވޮޑް19 އަށް ޕޮޒިޓިވްވެފައި ވަނީ 20 މީހުންނެވެ. އޭގެ ތެރެއިން މިހާތަނަށް 14 މީހަކު ވަނީ ވައިރަހުން ރަނގަޅުވެފައެވެ. އޭގެ ތެރޭގައި މިއަދު ރަނގަޅުވި ފުރަތަމަ ދިވެހި މީހާ ހިމެނެއެވެ. މިހާރު ރާއްޖޭގައި ވައިރަހަށް ފަރުވާ ދެމުން ދަނީ، ހަތަރު ދިއްވެއްސަކަށެވެ. އެއީ އިނގިރޭސީވިލާތުން އައި ތިން ދިވެއްސަކާއި ފިލިޕިންސް އިން އައި ދިވެއްސެކެވެ. އެ އެންމެވެސް ކޮވިޑަށް ޓެސްޓު ކުރި އިރު ތިބީ ކަރަންޓިން ފެސިލިޓީސްތަކުގައެވެ.

comment ކޮމެންޓް