ކޮރޯނާވައިރަސްއާ ގުޅިގެން ތެލެސީމިއާ ކުދިންނަށް ލޭ ލިބުން ދަތިވެފައި ވާތީ، ލޭ ހަދިޔާކުރަން ބޭނުންވާ ފަރާތްތަކަށް މިއަދު އެ ފުރުސަތު އޮންނާނެކަމަށް މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް) އިން ބުނެފިއެވެ.
ކޮރޯނާވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ސަރުކާރު ވަނީ ބަންދުކޮށްފައެވެ.
ސަރުކާރު ބަންދު ކުރުމާ ގުޅިގެން ހަފްތާ ބަންދުގައި އެމްބީއެސްގެއިން ހިދުމަތް ނުދޭގޮތަށް ކުރިން އޮތީ ނިންމައިފައެވެ.
އެހެން ނަމަވެސް ލޭ ލިބުން ދަތިވުމާ ގުޅިގެން، ލޭ ހަދިޔާކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ދިނުމަށް އެމްބީއެސްގެ އޮފީސް މިއަދު ވަނީ ހުޅުވައިފައެވެ.
އެގޮތުން ލޭ ހަދިޔާކުރުމުގެ ކަންކަން ކުރިއަށް ގެންދަން މިއަދު ހެނދުނު 10:00 އިން ހަވީރު 16:00 އަށް އެމްބީއެސް ހުޅުވާފައި ހުންނާނެކަމަށް އެ އިދާރާއިން ބުންޏެވެ.
"މި އުނދަގޫ ދަނޑިވަޅުގައި ފުރާނައެއް ސަލާމަތްކޮށްދިނުމަށް އެހީތެރިވެދެއްވާ. ލޭ ހަދިޔާކޮށްދިނުމަށް ވަޑައިގަންނަވާ،" އެމްބީއެސްއިން ކުރި ޓުވީޓެއްގައި ބުނެފައިވެއެވެ.
ކޮރޯނާވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް، ޒަރޫރީ ކަމެއްގައި ނޫނީ ބޭރަށް ނުދިއުމަށާއި، އާންމުން ތަންތަނަށް އެއްވެ ނޫޅުމަށް ސިއްހީ މާހިރުން އަންނަނީ އިލްތިމާސް ކުރަމުންނެވެ.
އެހެންކަމުން އެމްބީއެސް އިން މިއަދު ލޭ ހަދިޔާކުރާ ފަރާތްތަކަށް އެ ސެންޓަރު ހުޅުވީ، "ސޯޝަލް ޑިސްޓޭންސިން"އަށް އިސްކަންދީ، އާންމު ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރެވޭނެ އިންތިޒާމް ހަމަޖައްސައިފައެވެ.
މިހާރު ލޭ ހަދިޔާކުރުމުގެ ކަންކަން އެމްބީއެސްގައި ފަށާފައި ވާއިރު، ޖެހިޖެހިގެން ގޮނޑިތަކުގައި އިށީނުން ވަނީ މަނާކޮށްފައެވެ. އަދި އިށީނުން މަނާ ގޮނޑިތައް ވަނީ ފާހަގަކޮށްފައެވެ.
ރާއްޖޭގައި ކޮރޯނާވައިރަސް އޮތް ހާލަތާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސަރުކާރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ތެލެސީމިއާ ސެންޓަރަށް އެންމެ ގިނައިން ލޭ ހަދިޔާކުރާ އެއް ބަޔަކީ ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ކަމަށެވެ.
ރިސޯޓުތަކުގައި ލޭ ހަދިޔާކުރުމުގެ ކޭމްޕުތައް ވަރަށް ގިނައިން ބާއްވައެވެ. ނަމަވެސް ކޮރޯނާވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅެއްގެ ގޮތުން، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ މުއްދަތުގައި ރިސޯޓުތަކުގެ މުވައްޒަފުން ރިސޯޓުން ފޭބުން އޮތީ މަނާކޮށްފަ އެވެ. އަދި ރަށްރަށުން ރިސޯޓުތަކަށް ދިއުން ވެސް އޮތީ މަނާކޮށްފަ އެވެ.
"ސޯޝަލް ޑިސްޓޭންސިން" އަށް އިސްކަންދީ، އާންމު ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ.